Roadha Mihaaru
"ޣައްޒާ ނައު" އަށް ޔޫއެސް އާއި ޔޫކޭއިން ދަތިކޮށްފި

"ޣައްޒާ ނައު" މީޑިއާ ޗެނަލްއަށް ޔޫއެސް އާއި ޔޫކޭ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

28 މާޗް 2024

ޣައްޒާއަށް ދޭ ހަމަލާތަކުގެ މައުލޫމާތު ގެނެސްދީގެން މަޝްހޫރުކަން ލިބިފައިވާ މީޑިއާ ޗެނަލް "ޣައްޒާ ނައު" އިން ހަމާސް އަށް ތާއީދުކޮށް އެ ޖަމާއަތަށް ފައިސާ ހޯދަން މަސައްކަތްކުރާތީ ދެ މީހަކާއި ތިން ކުންފުންޏަކާ ދެކޮޅަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ 1.8 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ޣައްޒާ ނައު ޓެލެގްރާމް ޗެނަލްގެ ފައުންޑަރު މުސްތަފާ އަޔާޝް ހަމާސްއަށް ފަންޑް ރެއިސިން ކެމްޕެއިނެއް ފެށީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަށް ފަހު ކަމަށެވެ.

އެ ހަމަލާތަކުގައި އިޒްރޭލުން ގާތްގަނޑަކަށް 1،160 މީހުން މަރުވެފައި ވާއިރު 250 މީހުން ރަހީނުކޮށްފައިވެ އެވެ. ރައްދުގައި އިޒްރޭލުން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 32،400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

އެމެރިކާގެ ޓްރެޒަރީގެ އަންޑަ ސެކްރެޓަރީ ފޯ ޓެރަރިޒަމް އެންޑް ފައިނޭންޝަލް އިންޓެލިޖެންސް ބްރައިއަން ނެލްސަން ނެރުނު ބަޔާނެއްގައި ވިދާޅުވި އެ ޑިޕާޓްމަންޓުން، ހަމާސްގެ ޓެރަރިޒަމް" ހުއްޓުވަން އެ ޖަމާއަތުގެ މާލީ ގާބިލްކަން ދަށްކުރުމަށް މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ. އެހެންވެ، އެ ގްރޫޕަށް ފައިސާ ފޮނުވަން މަސައްކަތްކުރާ އޮންލައިން ފަންޑް ރެއިސިން ކެމްޕޭންތައް ހުއްޓުވުން ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ބުންޏެވެ.

ޓްރެޜަރީ ޑިޕާޓްމަންޓުން ތުހުމަތުކުރި ގޮތުގައި ޣައްޒާ ނައު އިން ހަމާސްއަށް ޓެކްނޮލޮޖީގެ ގޮތުންނާއި މުދަލާއި ތަކެތި ފޯރުކޮށްދިނުން ފަދަ ކަންކަމުގައި ވެސް އެހީވެފައިވެ އެވެ. -- އެއެފްޕީ