Roadha Mihaaru
ފަލަސްތީނަށް ތާއީދުކޮށް ލަންޑަނުގައި ބޮޑު އެއްވުމެއް

ފަލަސްތީނަށް ތާއީދުކޮށް ލަންޑަނުގައި އަނެއްކާވެސް އެތައް ހާސް ބައެއްގެ އެއްވުމެއް

31 މާޗް 2024

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި، ފަލަސްތީނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އަނެއްކާވެސް ލަންޑަނުގެ މަގުތަކަށް ނުކުމެއްޖެ އެވެ.

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި، ފަލަސްތީނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އަނެއްކާވެސް ލަންޑަނުގެ މަގުތަކަށް ނުކުމެއްޖެ އެވެ.

މީގެ ކުރިން ވެސް އިނގިރޭސި ވިލާތުގައި ފަލަސްތީނަށް ތާއީދުކޮށް އެއްވުންތައް ބޭއްވި "ފަލަސްތީން ސޮލިޑާރިޓީ ކެމްޕެއިން" ގެ މިފަހަރު އެއްވުން ފެށީ ސިޓީ ސެންޓަރުގައި އޮންނަ ރަސަލް ސްކްއާއިންނެވެ. ހިނގާލުން ނިންމާލީ ޓްރަފަލްގާ ސްކްއާއަށެވެ.

މި ބޮޑު އެއްވުން ކުރިއަށްދިޔައިރު އިޒްރޭލަށް ތާއީދުކުރާ މަދު ބަޔަކު ވެސް ނުކުމެ އަޑު އުފުލި އެވެ. އެކަމަކު ދެބައިމީހުންގެ މެދަށް ފުލުހުން ވަދެ، ހަމަނުޖެހުމަކަށް ދިޔަ ނުދީ އޮތީ ހިފަހައްޓައިފަ އެވެ.

އިޒްރޭލުން ޣައްޒާއަށް މިފަހަރު ހަމަލާ ދޭން ފެށި ފަހުން ލަންޑަންގައި ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި އަދި ފަލަސްތީނުގެ ހައްގުތައް ދިނުމަށް ގޮވާލައި ބޮޑެތި އެއްވުންތައް ބާއްވައިފަ އެވެ. އިޒްރޭލަށް ތާއީދުކުރާ ސިޔާސީ މީހުން ވަނީ މިއީ ޔަހޫދީންނާ ދެކޮޅު އެއްވުންތަކުގެ ގޮތުގައި ސިފަކޮށްފަ އެވެ.

އިއްޔެގެ އެއްވުމުގެ ތެރެއިން ވެސް ފުލުހުން ވަނީ ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލި ކަމުގެ ތުހުމަތަށާއި އިމަޖެންސީ ހާލަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް 12 ވަރަކަށް މީހުން ހައްޔަރުކޮށްފަ އެވެ.

އެއްވުން އިންތިޒާމްކުރި ފަރާތުން ބުނެފައިވަނީ އެތައް ހާސް ބަޔަކު ބައިވެރިވާ މި އެއްވުންތަކުގައި އުފުލަނީ އެ މީހުންގެ އަޑު ކަމަށާއި އެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ. މިހާ ގިނަ އަދަދެއްގެ މީހުން ބައިވެރިވެ އެއްވުމެއްގެ ތެރެއިން ގާނޫނުތަކާއި ގަވައިދުތަކާ ހިލާފްވާ މީހުންގެ އަދަދު ވަރަށް ވެސް މަދު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ލަންޑަންގެ އިތުރުން ވެސް އިއްޔެ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލުމަށް ބޮޑެތި އެއްވުންތައް ބާއްވައިފަ އެވެ. -- އޭއެފްޕީ