Roadha Mihaaru
ހައުސިންގެ ޔޫނިއަންތަކާ ރައީސް ބައްދަލުކުރައްވަނީ

ހައުސިންގެ ޔޫނިއަންތަކާ ރައީސް ބައްދަލުކުރައްވަނީ

02 ސެޕްޓެމްބަރ 2024

ގެދޮރުވެރިކަމާ ބެހޭ އެކި ޔޫނިއަންތަކުގެ އިސްވެރިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެދޮރުވެރިކަމާ ބެހޭ އެކި ޔޫނިއަންތަކުގެ އިސްވެރިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

އެ ބައްދަލުވުންތަކަށް ވަޑައިގަތުމުގެ ކުރިން ރައީސް އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އާއި ގެދޮރުވެރިކަމާ ބެހޭ އެކި ޔޫނިއަންތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވާނެ ކަމަށެވެ. އެއީ އެ މަނިކުފާނު ވަރަށް "ލުކް ފޯވާޑް" ކުރައްވާ ބައްދަލުވުންތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހައުސިންގެ ޔޫނިއަންތަކާ ރައީސް މުއިއްޒު ބައްދަލުކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.

ރައީސް ބައްދަލުކުރައްވަނީ ފަހި ޔޫނިއަން އާއި ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަނާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލޭ ރަށްވެހިންގެ ޖަމިއްޔާއާ އެވެ.

"އެ ބޭފުޅުންގެ ހުރި އެކި ކަހަލަ އިހުސާސްތަކާއި ކަންބޮޑުވުންތަކާއި އަދިވެސް ހިއްސާކުރަން ބޭނުންވާ ވާހަކަފުޅުތައް ހިއްސާކުރުމަށް، އަޅުގަނޑު މި ބައްދަލުވުމުގައި ހަމަ އެ ބޭފުޅުން ބޭނުންވާ ވަރަކަށް ފުރުސަތު ދޭނަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެއީ ވަރަށް ގިނަ ރައްޔިތުން ތަމްސީލުކުރާ ޖަމިއްޔާތަކަކަށް ވާތީ، އެ ބޭފުޅުންގެ ހިޔާލުތައް އަޑުއެއްސެވުމަށް އިސްކަން ދެއްވާނެ ކަމަށެވެ.

ހައުސިން ނުވަތަ ގެދޮރުވެރިކަމަކީ ރައީސް މުއިއްޒުގެ މި ފަސް އަހަރުގެ ދައުރުގައި އެންމެ އިސްކަމެއްދެއްވާނެ ދާއިރާ އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، މި ދައުރު ނިމޭއިރު ގެދޮރުވެރިކަން ކަށަވަރު ނުވާ އެއްވެސް ދިވެއްސަކު ނުހުންނާނެ އެވެ.

ރައީސް މިއަދު އެންމެ ފުރަތަމަ ބައްދަލުކުރައްވާނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާ އެވެ.

ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަން ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކަކީ އެ މަސައްކަތުގައި އުޅޭ މީހުންގެ ހިޔާލައި މަޝްވަރާތައް އަޑުއަހައިގެން ކުރިއަށް ދިއުން ކަމަށެވެ. އެހެންވެ، އެ ބައްދަލުވުމުގައި އެ މަޝްވަރާތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.