Roadha Mihaaru
ކޮމިޓީގެ ބައްދަލުވުންތަކަށް ފުލުހުންގެ ސެކިއުރިޓީ

ނޯމަލައިޒޭޝަން ކޮމިޓީގެ މުހިންމު ބައްދަލުވުންތަކަށް ފުލުހުން ސެކިއުރިޓީ ދޭން ފަށައިފި

01 ސެޕްޓެމްބަރ 2024

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މުހިންމު ބައެއް ބައްދަލުވުންތަކަށް ފުލުހުން ސެކިއުރިޓީ ދޭން ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މުހިންމު ބައެއް ބައްދަލުވުންތަކަށް ފުލުހުން ސެކިއުރިޓީ ދޭން ފަށައިފި އެވެ.

ބުދަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީގައި، ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި، ވީއައިޕީ ރޫމްގެ ބޭރުގައި ފުލުހުންގެ ސެކިއުރިޓީ އޮފިޝަލުން ތިއްބެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީގެ އެ ބައްދަލުވުމަށް، ފުލުހުން ސެކިއުރިޓީ ދިނީ މައްސަލައިގެ ހައްސާސް ކަމުންނެވެ. ވިރާނާވެފައިވާ އެފްއޭއެމްގެ ހައުސްގެ އެތެރެއަށް ވެސް މީގެ ކުރިން ބައެއް ގުރޫޕްތަކުން ވަދެ، ހަމަނުޖެހުމަށް މަގު ފަހިވާ ގޮތަށް އަމަލުކޮށްފައިވެ އެވެ.

މި ފަހަކަށް އައިސް ރާއްޖޭގެ އެންމެ މަތީ ޑިވިޝަންތަކުގައި ކުޅޭ ބައެއް މެޗުތަކުގައި ދަނޑު ބޭރުގައި ތިބޭ ބައެއް ގުރޫޕްތަކުގެ މީހުން ދަނޑަށް އަރައި ރެފްރީންނާއި މެޗު އޮފިޝަލުންނަށް އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް ހަމަލާ ދީ މާރާމާރީ ހިންގާފައިވެ އެވެ. އޭގެ ބައެއް މައްސަލަތައް ވެސް ފުލުހުން ތަހުގީގުކޮށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ.

އެ ކޮމިޓީގެ މެންބަރުން ބުދަ ދުވަހު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ބައްދަލު ކުރެއްވި އެވެ. އަދި ބުރާސްފަތި ދުވަހު ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލްއާ ވެސް ބައްދަލުކޮށްފައިވެ އެވެ. އެފްއޭއެމްގެ އިދާރީ މުވައްޒަފުންނާ މިއަދު އެ ކޮމިޓީން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އަށް ފީފާއިން ހަވާލުކޮށްފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އެފްއޭއެމްގެ ކުރީގެ ލީޑާޝިޕްގެ ދައުރުގައި އެ އިދާރާއިން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތެވެ. އެ މައްސަލަތައް ޝަރީއަތަށް ފޮނުވުމުގައި މުއައްސަސާތަކާ އެކު ކޮމިޓީގެ މެންބަރުން މަސައްކަތް ކުރަން ޖެހެ އެވެ.

"އެނގޭނެ ދެއްތޯ މިކަމުގެ ހުރި ސީރިއަސްކަން. މީގެ ކުރިން ވެސް ބައެއް ކަންކަން ފެންމަތިވެފަ ހުރީ. ފުލުހުންގެ އިންޓެލްއަށް ވެސް އެކަން ފާހަގަ ވެފަ އޮތީމަކަށް މި ބަލަނީ ސެކިއުރިޓީ ފޯރުކޮށް ދިނީ،" ނޯމަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުމަށް ފުލުހުން ސެކިއުރިޓީ ދިންކަމުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ބުންޏެވެ.