Roadha Mihaaru
އެފްއޭއެމުން ގެއްލުނު ފައިސާ ހޯދުން ކޮމިޓީ އަށް

އެފްއޭއެމުން ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ނޯމަލައިޒޭޝަން ކޮމިޓީ އަށް

21 އޯގަސްޓް 2024

ފީފާ އާއި އޭއެފްސީން ދީފައިވާ ފައިސާ، އެފްއޭއެމްގެ ކުރީގެ ވެރިން ހިޔާނާތްތެރި ވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ނޯމަލައިޒޭޝަން ކޮމިޓީއާ ފީފާއިން ހަވާލުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފީފާ އާއި އޭއެފްސީން ދީފައިވާ ފައިސާ، އެފްއޭއެމްގެ ކުރީގެ ވެރިން ހިޔާނާތްތެރި ވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ނޯމަލައިޒޭޝަން ކޮމިޓީއާ ފީފާއިން ހަވާލުކޮށްފި އެވެ.

ކުރީގެ ސްޕޯޓްސް މިނިޓަރު އަހްމަދު ޒުހޫރު، ޗެއާމަނަކަށް ހަމަޖައްސައި ފީފާއިން ވަނީ އެފްއޭއްމްގެ ހިންގުން އެ ކޮމިޓީއާ ހަވާލުކޮށްފަ އެވެ.

ހޯމަ ދުވަހުގެ ރޭ ފީފާއިން ވަނީ، އެކަން، އެފްއޭގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފަށް ވެސް އަންގައިފަ އެވެ.

އޭގެ ފަހުން އެފްއޭއެމުން ނެރުނު ބަޔާނުގައި ވަނީ، ކޮމިޓީއަށް ފީފާއިން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކެއް ފާހަގަކޮށްފަ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އަށް ފީފާއިން ހަވާލުކޮށްފައި މަސްއޫލިއްޔަތު:-

1. އެފްއޭއެމުން ދުވަހުން ދުވަހަށް ކުރާ މަސައްކަތް ކުރުން

2. އެފްއޭއެމްގެ އަސާސީ ގަވާއިދު އަދި އިލެކްޓޯރަލް ކޯޑް ފީފާގެ ސްޓްޓިއުޓްސްއާ އެއްގޮތަށް މުރާޖާކޮށް އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން.

3. ފީފާ އާއި އެފްސީން ދީފައިވާ ފައިސާއަށް އެފްއޭއެމްގެ (ކުރީގެ) އިސްވެރިންނަށް އެހެނިހެން މީހުން ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތު ކުރެވޭތީ އެ ފައިސާ ހޯދާނެ ގޮތް ރާއްޖޭގެ ކޯޓުތަކަށް ހުށަހަޅައިގެން ބެލުން.

4. ފީފާއިން އައްޔަންކޮށްފައިވާ އެކްސްޓާނަލް ފައިނޭންޝިއަލް ކޮންސަލްޓެންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނިތައް ދެއްކޭނެގޮތުގެ ޕްލޭނެއް ހެދުން!

5. އެކްސްޓާނަލް ފައިނޭންޝިއަލް ކޮންސަލްޓެންޓާ ގުޅިގެން ފީފާގެ ފޮރެންސިކް އޯޑިޓް ރިޕޯޓްގައިވާ ކަންތައްތައް ތަންފީޒުކުރުން.

6. އެފްއޭއެމްގެ އިންތިހާބު އާ ގާނޫނީ އޮނިގަނޑެއްގެމައްޗަށް ބިނާކޮށް އިންތިޒާމުކޮށް ކުރިއަށް ގެންދިއުން.

އެފްއޭއެމް ހިންގަން ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން: އެ ކޮމިޓީގެ ޗެއާމަނަކީ ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރު

އެފްއޭއެމް ހިންގަން ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން: އެ ކޮމިޓީގެ ޗެއާމަނަކީ ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރު

ކޮމިޓީގެ މެންބަރުން

ފީފާއިން ހަވާލުކޮށްފައިވާ އެ މަސައްކަތް ކުރުމަށް، އެ އިދާރާއިން ނޯމަލައިޒޭޝަން ކޮމިޓީއަށް އައްޔަން ކުރީ ގާނޫނީ ދާއިރާ އާއި މަލީ ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ.

ކޮމިޓީގެ އަންހެން މެންބަރުގެ ގޮތުގައި ފީފާއިން އައްޔަން ކުރި ފަރީހާ ޝަރީފަކީ އެކައުންޓިން އާއި ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެކެވެ. ބީއެމްއެލްގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ފަރީހާއަކީ ރާއްޖޭގެ ޗާޓެޑް އެކައުންޓެންޓްސްގެ އިންސްޓްޓިޔުޓްގެ އެއް ފައުންޑަރެވެ.

ކޮމިޓީގެ މެންބަރުކަށް، ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު ވެސް ފީފާއިން ވަނީ އައްޔަންކޮށްފަ އެވެ.

ކޮމިޓީގެ މެންބަރު އަހްމަދު އަލީ ވަނީ ކުރިން މީރާގެ އެސިސްޓެންޓް ކޮމިޝަނާ ޖެނަރަލްގެ މަގާމު އަދާކޮށްފަ އެވެ. އަދި ތަޖުރިބާކަރަކީ އެސް އެންޑް އޭ ލޯޔާސްގެ ޓެކްސް ޕާޓްނާ އެވެ.

ކޮމިޓީ އަށް ފީފާއިން ދެން އައްޔަން ކުރި އިސްމާއީލް ސިމަން އަކީ ލޯޔަރެކެވެ. އަދި އޭނާ އަކީ ފައިނޭންސް ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.

ކޮމިޓީގެ ޗެއާމަން ޒުހޫރަކީ ހިންގުމުގެ ދާއިރާ އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ތަޖުރިބާކާރެކެވެ.

މި ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި 31 ގަ އެވެ. އެ މުއްދަތަށް މަސައްކަތް ނުނިމޭނަމަ، އިތުރު މުއްދަތު ދޭނެ ކަމަށް ބެލެވެ އެވެ.