ބައިވެރިވާ ޓީމުތަކުގެ އަދަދު އެނގުމުން، ކުރު މުބާރާތެއް ބޭއްވުމުގެ ހުއްދަ ފީފާއިން ދޭނެކަމުގެ އިޝާރާތެއް ކޮށްފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
08 އެޕްރީލް 2025
ބައިވެރިވާ ޓީމުތަކުގެ އަދަދު އެނގުމުން، ކުރު މުބާރާތެއް ބޭއްވުމުގެ ހުއްދަ ފީފާއިން ދޭނެކަމުގެ އިޝާރާތެއް ކޮށްފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
މިވަގުތު ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެފްއޭއެމުން ފުރަތަމަ މަސައްކަތްކުރީ ދިވެހި ޕްރިމިއާ ލީގު ފެށުމަށެވެ. އެކަމަކު އަސާސީ ގަވާއިދު އިސްލާހުކުރުމާއި، އިންތިހާބެއް ބޭއްވުމާއި، ގެއްލިފައިވާ ފައިސާ ހޯދުމުގެ މެންޑޭޓް ފީފާ އިން ދީފައި އޮތް ނޯމަލައިޒޭޝަން ކޮމިޓީން އިސްކަންދޭން ޖެހެނީ އެކަންކަން ކުރުމަށް ކަމަށްވާތީ މި ވަގުތު ބޮޑު ލީގެއް ފަށަން ފީފާ އިން ބޭނުންނުވީ އެވެ.
އެހެންވެ ނޯމަލައިޒޭޝަން ކޮމިޓީން މިހާރު މަސައްކަތްކުރަނީ ކްލަބްތަކަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމަށްޓަކައި ކުރު މުބާރާތެއް ބޭއްވުމަށެވެ. އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވީ، އެ މުއާމަލާތްތައް ފީފާއާ އެކު އެފްއޭއެމުން ކުރިއަށްގެންދާ ކަމަށެވެ.
ޝުޖާ ވިދާޅުވީ ރެލިގޭޝަނެއް އަދި ކްލަބްތަކުގެ ރޭންކިން ނުވަތަ ރަސްމީ ސީޒަނުގެ ތެރެއަށް ނުފެތޭ ގޮތަށް މުބާރާތެއް ބޭއްވުމުގެ ހުއްދަ ދިނުމާ މެދު ފީފާއިން ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.
މި މަހު ލީގު ފަށަން އެފްއޭއެމުން ކުރިން އިއުލާން ކުރުމުން ބައެއް ކަލްބަތަކުން ބޮޑެތި ހަރަދުތަކެއް ކޮށް ޕްރީ ސީޒަން ޓްރެއިނިން ވެސް ފެށި އެވެ. އަބަދުވެސް ދުރާލައި ސީޒަނަށް ތައްޔާރުވާ މާޒިޔާއިން ބިދޭސީ ކޯޗަކު ހަމަޖައްސައި ބިދޭސީ ކުޅުންތެރިން ވެސް ގެނެސް މުޅި ސްކޮޑް ހަމަ ކުރި އެވެ.
މުޅިން އަލަށް އެއްވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވާ އޮޑި ސްޕޯޓްސް އިން ވެސް ބިދޭސީ ކޯޗެއް ހަމަޖެއްސި އެވެ. ސީޒަނަށް ތައްޔާރުވާން ފެށި ޓީމުތަކުގެ ތެރޭގައި މެދުކެނޑުމަކަށް ފަހު އަލުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ވިކްޓަރީ އާއި ވެލެންސިއާ، ބުރު ސްޕޯޓްސް އަދި ގްރީން ސްޓްރީޓްސް ވެސް ހިމެނެ އެވެ. ވިކްޓަރީ އާއި ވެލެންސިއާއިން ވެސް ބިދޭސީ ކުޅުންތެރިން ހޯދި އެވެ.
ޝުޖާ ވިދާޅުވީ ސީޒަން ފަށާނެ ކަމުގެ އިންތިޒާރުގައި ކްލަބްތަކާއި ކުޅުންތެރިން ކުރި މަސައްކަތް ބޭކާރު ވެގެން ދާން އެފްއޭއެމުން ބޭނުން ނުވާ ކަމަށެވެ.
"ފީފާގައި އަޅުގަނޑުމެން އެދުނީ ޖޫން މަހު ގައުމީ ޓީމުގެ މުހިންމު މެޗުތަކެއް ވެސް އެބައޮތޭ. ގައުމީ ޓީމު ނެގުމުގައި ކުޅުންތެރިންގެ ފެންވަރު ދެނެގަތުމަށް އަދި ކްލަބްތަކުން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްފައިވުމުން ކުރު މުބާރާތެއް ބޭއްވުމުގެ މުހިންމުކަން ފީފާއާ ހިއްސާ ކުރީ،" ޝުޖާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު މެމޯއެއްގެ ސިފައިގައި ކްލަބްތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
"ބައިވެރިވާ ކްލަބްތަކުގެ އަދަދު އެނގުނީމަ ދެން އަޅުގަނޑުމެން ފީފާ އަށް އަންގާނަން. އަދަދު އެނގުމުން މުބާރާތް ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބޭނެ ކަމުގެ އުއްމީދު އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ޝުޖާ ވިދާޅުވީ މި މަހު ފަހުކޮޅު މުބާރާތް ފަށައި އަންނަ މަހުގެ މެދުތެރޭގައި މުބާރާތް ނިންމާލެވޭނެ ގޮތަށް ރާވާނެ ކަމަށެވެ.
ފީފާގެ ކުރިމަތީގައި ބައްސާމް މައުސޫމް މީހަކަށް؟!
ފީފާގެ ހުށަހެޅުމުން އެފްއޭއެމް ސޮއްސާލާނީ ފަހަތަށް
"ފީފާގެ އޮފިޝަލް އުޅުނީ ކޮންގްރެސް ބޭއްވިޔަނުދޭން"
އެފްއޭގެ ގަވާއިދު އިސްލާހުކުރަން ފީފާއިން ކޮންފަރެންސެއް
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
ފީފާގެ ކޮންސަލްޓަންޓް ޖައު އެފްއޭއެމަށް ވެސް ލަފާދޭ
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟