Roadha Mihaaru
އެފްއޭ އިމާރާތް ވީރާނާވެފައި، ކޮމިޓީއަށް އޮފީހެއް ނެތް

އެފްއޭއެމް އިމާރާތް ވީރާނާވެފައި، ނޯމަލައިޒޭޝަން ކޮމިޓީއަށް އޮފީހެއް ނެތް

27 އޯގަސްޓް 2024

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޮފީސް ވީރާނާވެފައި ވުމުން، އެ އެސޯސިސޭޝަނަށް ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމީޓީގެ އިދާރީ މަސައްކަތްތައް ވަގުތީ ގޮތުން ގަލޮޅު ދަނޑުގައި ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޮފީސް ވީރާނާވެފައި ވުމުން، އެ އެސޯސިސޭޝަނަށް ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމީޓީގެ އިދާރީ މަސައްކަތްތައް ވަގުތީ ގޮތުން ގަލޮޅު ދަނޑުގައި ފަށައިފި އެވެ.

ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގަ އެވެ. ފީފާގެ ފައިނޭންޝިއަލް ކޮންސަލްޓަންޓުންނާ އެކު އޮންލައިންކޮށް ބާއްވާ ބައްދަލުވުމަށް، ކޮމިޓީގެ މެންބަރުން އެއްތަނެއްގައި ތިބުމުގެ ގޮތުން ހާޒިރު ވާން ހަމަޖެހިފައިވަނީ އެތަނަށެވެ.

އެފްއޭއެމްގެ އިމާރާތުގެ އެތެރޭގެ ހާލަތު ދާދި ފަހަކާ ޖެހެންދެން އޮތީ ކުންޏަށް ވެފަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ދާދި ފަހުން ވަނީ އެފްއޭއެމްގެ އެތެރެ ކުރިން އޮތް ހާލަތު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ހިއްސާކުރައްވައިފަ އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި ސީލިން އޮތީ ފޫ ވެއްޓިފަ އެވެ. އަދި ފަރުނީޗަރާއި ކޮމްޕިއުޓަރުގެ ބައެއް ސާމާނުތައް ވެސް ހަލާކުވެފައިވާ މަންޒަރު ފޮޓޯތަކުން ފެނެ އެވެ. މުބާރާތްތަކުގައި ބޭނުން ކުރަން ގަނެފައި ހުރި މެޑަލް ތަކާއި ޖޯޒީތަކަށް ވެސް ގެއްލުން ދީފައިވާ މަންޒަރު އެ ފޮޓޯތަކުން ފެނެ އެވެ.

އެފްއޭއެމްގެ އިމާރާތުގެ ދޮރެއް ހަލާކުކޮށްލައިގެން ވަދެ ގުރޫޕަކުން އެތަނުގެ ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.

އެކަމަކު ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި މޯލްޑިވްސް ސޮކަ މޭޓްސްގެ އިސް ހަރަކާތްތެރިޔާ އަހުމަދު ޝަރީފް (މާޑޭ) ގެ ބެލުމުގެ ދަށުން އެ އިދާރާގެ އެތެރެ ސާފުކޮށް ކުލަލާފައިވާވެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތް ކުރަން ރަސްމީ އޮފީހެއް ނެތުމުގެ އިތުރުން މަސައްކަތް ކުރާނެ ކޮމްޕިއުޓާ ސިސްޓަމްތަކެއް ވެސް ނެތެވެ.

ކޮމިޓީގެ މެންބަރުން، މާދަމާ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ބައްދަލު ކުރަން ހަމަޖެހިފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތް ކުރުމަށް އޮފީހެއް ހަމަޖެއްސުމާ ބެހޭގޮތުން ރާފިއުއާ އެކު ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ޒިންމާ އަކީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަން ހަމަޔަކަށް އަޅުވައި، އިންތިހާބަކާ ހަމައަށް ގެންދިއުމެވެ. ސަސްޕެންޑްކޮށްފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެތަނުން ގެއްލިފައިވާ ފައިސާ ހޯދުމަކީ ވެސް އެ ކޮމިޓީގެ ބޮޑު މަސްއޫލިއްޔަތެކެވެ.