Roadha Mihaaru
ކްލަބްތައް ހިންގަން ފައިސާ ނުދެވޭނެ: ޒުހޫރު

ކްލަބްތައް ހިންގަން އެފްއޭއެމަށް ފައިސާ ނުދެވޭނެ، އެއީ ކުރަން ޖެހޭ ކަމެއް ވެސް ނޫން: ޒުހޫރު

19 ސެޕްޓެމްބަރ 2024

ފުޓްބޯޅަ ކްލަބްތައް ހިންގަން އެފްއޭއެމުން ފައިސާ ދިނުމަކީ، އެ އެސޯސިއޭޝަނުގެ މެންޑޭޓްގައި އޮތް ކަމެއް ނޫން ކަމަށް، ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުޓްބޯޅަ ކްލަބްތައް ހިންގަން އެފްއޭއެމުން ފައިސާ ދިނުމަކީ، އެ އެސޯސިއޭޝަނުގެ މެންޑޭޓްގައި އޮތް ކަމެއް ނޫން ކަމަށް، ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ކްލަބްތައް ހިންގުމަށާއި ކުޅުންތެރިންގެ މުސާރަ ދިނުމަށް ވެސް މިދިޔަ ހަތަރު އަހަރު ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ފައިސާ ދޭން އެފްއޭއެމުން ނިންމި އެވެ. އަދި އެ ފައިސާގެ ތެރެއިން ބައެއް ކްލަބްތަކަށް އެފްއޭއެމުން ދީފައިވެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީން، މިދިޔަ މަހު އެ އެސޯސިއޭޝަނުގެ ހިންގުމާ ހަވާލުވި އިރު ވެސް ގިނަ ކްލަބްތަކަށް ފައިސާ ނުދީ ހުއްޓެވެ.

ޒުހޫރު ވިދާޅުވީ ކްލަބްތަކަށް ފައިސާ ނުދިނުމުން ދަރަނީގެ ގޮތުގައި ހުރި ފައިސާއަކީ މެނޭޖްކޮށްގެން ކްލަބްތަކަށް ދެވިދާނެ ފައިސާ ކަމަށެވެ.

ނަމަވެސް ކްލަބްތައް ހިންގަން ދެން އެފްއޭއެމުން ފައިސާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ހުރިހާ ކްލަބަކުން އެބަ ވިދާޅުވޭ ފައިސާ އެފްއޭއެމުން ދޭ ވާހަކަ. އޭގެ ތަފުސީލެއް އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. އަދި ފެންނާކަށް ވެސް ނެތް،" ޒުހޫރު ވިދާޅުވި އެވެ

"ދެން އެއީ ކޮން އުސޫލަކުން ދެވޭ ފައިސާއެއްކަން އިންވެސްޓިގޭޓިވް ބޮޑީތަކުންނާއި އޮޑިޓްގެ ތެރެއިން އެނގޭނެ ކަމަށް އަޅުގަނޑުމެން ވެސް މި ބަލަނީ."

ކުރިން ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރެއްވި ޒުހޫރު ވިދާޅުވީ ކްލަބްތަކުގެ ކަންބޮޑުވުންތައް އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ކްލަބްތައް ހިންގަން އެފްއޭއެމުން ފައިސާ ދިނުމަކީ ފީފާއިން ވެސް ތަރުހީބު ދޭ ކަމެއް ނޫން ކަމަށް ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސޯސިއޭޝަނުން ކްލަބްތަކަށް ފައިސާ ދިނުން އެއީ އުސޫލެއްގެ ގޮތުން އަމަލުކުރާ ގޮތެއް ނޫން ކަމަށެވެ.

ނަމަވެސް ކްލަބްތަކުން އެކަމަށް އެދޭތީ ކްލަބްތަކަށް އެހީ ވުމަށް ފައިސާ ދެވިދާނެ ތޯ ފީފާ، އޭއެފްސީގެ ލަފާ ހޯދި ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"އޭއެފްސީ، ފީފާގައި އަޅުގަނޑުމެން ކޯޑިނޭޓް ކުރަން ތިބޭ ބޭފުޅުން އަޅުގަނޑުމެންނަށް ޖަވާބު ދީފައި ވަނީ ކްލަބްތަކަކީ އެފްއޭއެމުން ހިންގަން ޖެހޭ ބައެއް ނޫނޭ. ކްލަބްތަކުގެ މުސާރަތަކާ މިކަންކަން (ހަމަޖައްސައި ދިނުމަކީ) އެފްއޭއެމުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް. އެ ބޭފުޅުން ވިދާޅުވަނީ އެފްއޭއެމްގެ ކަމަކީ ކްލަބްތަކާ ކޯޑިނޭޓްކޮށް މިކަން އޯގަނައިޒުކޮށް އިންޓަނޭޝަނަލް އެރީނާ އަށް މި އޮންނަ ގުޅުން ގުޅުވާލަދިނުން ކަމަށް. އަދި (އެފްއޭއެމްގެ ޒިންމާއަކީ) ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ދަމަހައްޓައި ދިނުން ކަމަށް ވެސް (ވިދާޅުވި)،" ޒުހޫރު ވިދާޅުވި އެވެ.

"އެހެންވީމާ އެއްވެސް ހާލަތެއްގައި އެފްއޭއެމްގެ ރޯލެއް ނޫން (އެއީ). އެ ރޯލް އަޅުގަނޑުމެންނަށް މެންޑޭޓްތެރެއަކު ނެތް."

ނަމަވެސް ކްލަބްތައް ތަރައްގީ ކުރުމަށްޓަކައި އެފްއޭއެމްގެ ބޭރުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށް ޒުހުރޫ ވިދާޅުވި އެވެ.

"އެކިއެކި ވިޔަފާރިވެރިންނާ ވާހަކަ ދެއްކުމާ ސަރުކާރުގެ ފަރާތްތަކާ ވާހަކަ ދައްކައިގެން ވެސް ކްލަބްތައް ދިރުވަން ކޮށްދެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯ (އެބަ ބަލަން). އެފްއޭއެމްގެ ބޭރުން އެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަން،" ޒުހޫރު ވިދާޅުވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީއަކީ އެފްއޭއެމްގެ ހިންގުން ބޮއްސުންލައިގެން ގޮސްފައިވާތީވެ ހަމަޔަކަށް އެޅުވުމަށް ފީފާ އިން އައްޔަންކޮށްފައިވާ ކޮމިޓީއެކެވެ. އެ ކޮމިޓީގެ މެންޑޭޓަކީ އެފްއޭއެމުން ގެއްލިފައިވާ ފައިސާ ހޯދުމާއި، އިންތިހާބެއް ބާއްވައި އާއްމު ހާލަތަކަށް ގެނައުމެވެ. އެކަންކުރުމަށް އަހަރެއްހާ ދުވަސް ފީފާ އިން ވަނީ ދީފަ އެވެ.