Roadha Mihaaru
ކޮމިޓީން އެދުމުން ޖީއެސްގެ މަގާމުގައި ޖައު މަޑުކުރަނީ

ކޮމިޓީން އެދުމުން ޖީއެސްގެ މަގާމުގައި ޖައުޝަން "މި ވަގުތަށް" މަޑުކުރަނީ

10 ސެޕްޓެމްބަރ 2024

އެފްއޭއެމް ޖެނެރަލް ސެކްރެޓަރީކަމުގެ މަގާމުގައި މަޑުކޮށްދިނުމަށް، ވަގުތީ ގޮތުން އެ މަގާމުގައި ހުންނެވި މުހައްމަދު ޖައުޝަން ޝަރީފް (ޖައު) ގެ ކިބައިން، ނޯމަލައިޒޭޝަން ކޮމިޓީން އެދިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމް ޖެނެރަލް ސެކްރެޓަރީކަމުގެ މަގާމުގައި މަޑުކޮށްދިނުމަށް، ވަގުތީ ގޮތުން އެ މަގާމުގައި ހުންނެވި މުހައްމަދު ޖައުޝަން ޝަރީފް (ޖައު) ގެ ކިބައިން، ނޯމަލައިޒޭޝަން ކޮމިޓީން އެދިއްޖެ އެވެ.

"މިހާރު" އަށް މައުލޫމާތު ލިބުނު މަސްދަރުގައިވާ ގޮތުން، ނޯމަލައިޒޭޝަން ކޮމިޓީން، އެފްއޭއެމާ ހިންގުން ހަވާލުވިތަނުން އޭނާގެ އިސްތިއުފާ ޖައުޝަން ހުށަހެޅުއްވި އެވެ. ނަމަވެސް އިސްތިއުފާ ކޮމިޓީން ގަބޫލުނުކުރާ ކަމަށް ވެސް އެނގިފައިވެ އެވެ.

އެކަމަކު ޖައުޝަން ވިދާޅުވީ މަގާމުގައި ކުރިއަށް ނުދިއުމަށް އޭނާ ނިންމީ އިސްތިއުފާ ހުށަހަޅައިގެން ނޫން ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓް ހަމަވެފައިވުމުން، އެއްބަސްވުން އާ ކުރަން ބޭނުން ނުވާކަމަށް، ފީފާ އާއި އޭއެފްސީ އަށް ވެސް އަންގާފައި ވާނެ އޭނާ ވިދާޅުވި އެވެ.

"އިސްތިއުފާ ދިނީއެއް ނޫން. ވަޒީފާގެ ކޮންޓްރެކްޓް އާ ކުރަން ބޭނުންނުވާކަމަށް އަޅުގަނޑު ބުނިން،" ޖައުޝަން ވިދާޅުވި އެވެ.

"ނޯމަލައިޒޭޝަން ކޮމިޓީ އައްޔަނުވުމުގެ ކުރިން ވެސް މި ވާހަކަ ފީފާއާ ހިއްސާކޮށްފަ ވާނީ. އަދި ކޮމިޓީ އައްޔަނުކުރަންވާއިރަށް އަޅުގަނޑުގެ ފަރާތުން ހޭންޑް އޯވާ ރިޕޯޓް ތައްޔާރުކޮށް ފީފާ އަދި އޭއެފްސީއާ ވާނީ ހިއްސާކޮށްފައި. އަދި ކޮމިޓީ އައްޔަނު ވުމަށް ފަހު މިކަން ވާނީ ކޮމިޓީ އަދި ޗެއަމަން [އަހުމަދު ޒުހޫރާ] ވެސް ހިއްސާކޮށްފަ."

ޖައުޝަން ވިދާޅުވީ ފީފާ އާއި ކޮމިޓީ އަދި ޗެއާމަން ޒުހޫރު ވެސް، އެދިވަޑައިގަތީ އެފްއޭއެމް މިހާރު އޮތް ހާލަތުން ކޮމިޓީއާ އެކު މަސައްކަތް ކުރުމަށް މަގާމުގައި ދެމިހުރެ ދޭން ކަމަށެވެ.

"ފީފާ އާއި ކޮމިޓީ އަދި ކޮމިޓީގެ ޗެއާމަންގެ އެދުމަކީ މި ވަގުތު މަޑުކޮށްދިނުން. އެފްއޭ މިއޮތް ހާލަތުން ކަންކަން ތަރުތީބު ކުރުމަށްޓަކައި ކޮމިޓީއާ އެކު މަސައްކަތް ކޮށްދިނުމަށް އެދުނީ،" ޖައުޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެދުމަށް އިޖާބަދިނުމުގެ ގޮތުން، އެފްއޭމްގެ މަގާމުގައި މި ވަގުތަށް މަޑުކުރަން ނިންމާފައިވާ ކަމަށެވެ.

"އެ އެންމެންގެ އެދުމުގެ މަތިން އަދި ފުޓްބޯޅަ އަށް މަސައްކަތްތަކެއް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައި މި ވަގުތު އަދި އެފްއޭގައި އެބަހުރިން،" ޖައުޝަން ވިދާޅުވި އެވެ.

ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި ޖައުޝަން

ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި ޖައުޝަން

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ޖައުޝަން އެންމެ ފުރަތަމަ އައްޔަން ކުރީ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި މިދިޔަ ނޮވެމްބަރު މަހު އެވެ. އެއީ އަށް އަހަރު ވަންދެން ޖެނަރަލް ސެކްރެޓަރީގެ މަގާމު އަދާކުރި ޔޫތު މިނިސްޓްރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޖަވާޒު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އޭގެ ކުރިން އެފްއޭއެމްގެ ލީގަލް މަގާމެއް ވެސް ޖައުޝަން އަދާކުރި އެވެ. އެކްޓިން ޖެނަރަލް ސެކްރެޓަރީކަމުގެ މަގާމާ ހަވާލުވެ، ބައެއް ކަންކަން ހިނގާފައިވާ ގޮތުން ޖައުޝަން އަށް ފާޑުކިޔުން އަމާޒުވި އެވެ. މި އަހަރު ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސް އުސޫލާ ހިލާފަށް ބޭއްވި އިރު ވެސް އެކަމުގައި އޭނާ ހިއްސާވި ކަމަށް ތުހުމަތު ކުރެ އެވެ. އަދި އޭގެ ފަހުން ވެލެންސިއާ ސަސްޕެންޑް ކުރަން، އެފްއޭއެމުން ނިންމުމުން، އެ ކްލަބްގެ ފާޑުކިޔުންތައް ޖައުޝަން އަށް ވެސް އަމާޒުވި އެވެ. އެ ކްލަބުން ބުނަނީ، އެފްއޭއެމުން، ސަސްޕެންޑް ކުރީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ.