Roadha Mihaaru
ފިޗް އިން ރާއްޖެއަށް ދިނީ "ސީސީ" ރޭޓިން އެއް

ފިޗް އިން ރާއްޖެ އަށް ދިނީ "ސީސީ" ރޭޓިން އެއް

29 އޯގަސްޓް 2024

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖެ އަށް "ސީސީ" ރޭޓިން އެއް ދީފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖެ އަށް "ސީސީ" ރޭޓިން އެއް ދީފި އެވެ.

މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ރޭޓިން ދަށްކުރި ދެ ވަނަ ފަހަރެވެ. ރާއްޖޭގެ މާލީ ހާލަތަށް ބަލައި މިދިޔަ ޖޫން މަހު ފިޗް އިން ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކުރި އެވެ. އޭގެ ކުރިން، ރާއްޖެ އަށް ސީސީސީ ރޭޓިން އެއް ދީފައިވަނީ ކޮވިޑުގެ ދުވަސްވަރު އެވެ. ކޮވިޑުގެ ކުރީގެ ތިން އަހަރު ވެސް ރާއްޖެ އަށް ދީފައި ވަނީ "ބީ މައިނަސް" އެވެ.

މިއަދު ދިން ރޭޓިން އަކީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ތިން ދަރަޖަ ދަށްކޮށް ދީފައިވާ ރޭޓިން އެކެވެ. ސީސީ ރޭޓިންގެ މާނައަކީ، ދަރަނި އަނބުރާ ދެއްކުމަށް ރާއްޖެ އަށް ބޮޑެތި ހިރާސްތައް ހުރި ކަމެވެ.

ފިޗް އިން ބުނީ މިދިޔަ މެއި މަހު 494 މިލިއަން ޑޮލަރުގައި ހުރި ބޭރު ފައިސާގެ ރިޒާވް، ޖުލައި މަހާ ހަމައަށް 395 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި ރާއްޖޭ ބޭރުގެ ދަރަނި ހުރި މިންވަރުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ޖުމްލަ ބޭރުގެ ދަރަނި 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ އެ އަދަދު އެއް ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އޭގެތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެ އެވެ.

ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ކަމަށް ފިޗުން ގާބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ މަތިވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމާއި އެކަމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ދޭދޭ ގައުމުތަކާ އެކު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްސް ހެދުމަކީވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށް ބުންޏެވެ. މީގެއިތުރުން، އިގްތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފިޗުގެ ރޭޓިންސް އާންމުކޮށް ނެރެނީ 12-18 މަސް ތެރޭގަ އެވެ. އެކަމަކު، އިގުތިސާދަށް ކުރިމަތިވާ ބޮޑެތި ހާލަތްތަކުގައި ގައުމުތަކުގެ އިގުތިސާދު ރިވިއުކޮށް، ރޭޓިން ބަދަލުކުރެ އެވެ.

ރޭޓިން އޭޖެންސީތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ޒަމާނުއްސުރެ ލަފާދެމުން އައިސްފައިވާ އިސްލާހީ ފިޔަވަޅުތައް އެޅުމަށް މި ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

މިގޮތުން، ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން، ތެލާއި ކާޑުގެ ސަބްސިޑީ އަދި އާސަންދައަށް ވަމުންދާ އިސްރާފު ކުޑަކުރަން ހަރުކަށި ފިޔަަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. ހަރަދު ކުޑަކުރުމާ އެކު، ދައުލަތުގެ އާމްދަނީ އިތުރުކޮށް ޑޮލަރުގެ ދަތިކަން ހައްލުކުރަން ވެސް ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

އޭގެތެރޭގައި، އަންނަ އަހަރުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) އާއި ގްރީން ޓެކްސް ބޮޑު ކުރަން ވަނީ ނިންމައިފަ އެވެ. އަދި ޓެކްސް ނެގުމުގެ ބޭސް ފުޅާކުރުމާއި، ޑޮލަރުގެ އާމްދަނީ އިތުރުކުރަން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުން ޓެކްސްތައް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ގާނޫނުތައް އިސްލާހުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުގެ ސަބަބުން، އަންނަ އަހަރު ޖުމްލަ 500 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން 2026 ވަނަ ދައްކަން ޖެހޭ ދަރަނީގެ ޖުމްލަ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބުނެފައިވެ އެވެ.

އެއާ އެކު، ރާއްޖޭން އެންމެ ބޮޑު ދަރަންޏެއް ނަގާފައިވާ ޗައިނާ އާއި އިންޑިއާ އިން ލޯނު އަނބުރާ ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

މިދިޔަ ޖޫން މަހު ނެރުނު ފިޗް ރޭޓިންގައި ދައުލަތުގެ އޭރުގެ ދަރަނީގެ ހާލަރު ރަނގަޅުކޮށް އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމަށް ގޮވާލާފައި ވެ އެވެ.