Roadha Mihaaru
ދޮގު ވާހަކަ ފަތުރަނީ ރިފޯމް އެޖެންޑާއަށް ހުރަސްއަޅަން

މާލީ ނިޒާމާ މެދު އިތުބާރު ގެއްލުވާލަން ދޮގު ވާހަކަ ނުފަތުރަން އެދިއްޖެ

17 ފެބުރުއަރީ 2024

ރާއްޖޭގެ މާލީ ނިޒާމާ މެދު އިތުބާރު ގެއްލުވާލައި، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅަން، ހަގީގަތާ ހިލާފު ވާހަކަތައް ނުފަތުރަން ސަރުކާރުން މިއަދު އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގެ މާލީ ނިޒާމާ މެދު އިތުބާރު ގެއްލުވާލައި، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅަން، ހަގީގަތާ ހިލާފު ވާހަކަތައް ނުފަތުރަން ސަރުކާރުން މިއަދު އިލްތިމާސްކޮށްފި އެވެ.

ރާއްޖެ އަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންވެ އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މާލީ އަދި ބޭންިން ނިޒާމާ މެދު އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"މިއީ ސަރުކާރުން ގެންނަން މަސައްކަތް ކުރާ ފިސްކަލް ރިފޯމް މަސައްކަތަށް ހުރަސްއެޅުމަށް ކުރަމުންދާ ކަމެއް،" އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ވަނީ އިގުތިސޯދު ވަރުގަދަ ކުރުމަށްޓަކައި ފަށާފައިވާ އިސްލާހީ އެޖެންޑާގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި މާލީ ނިޒާމާ މެދު އޮތް އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މިނިސްޓްރީން އެ ބަޔާނުގައި ބުނީ މި ސަރުކާރަށް ވާރުތަވެފައިވާ މާލީ ދަތިތަކާ އެކު ވެސް، ރާއްޖޭގެ އިގުތިސޯދީ ދުވެލި ރަނގަޅު ކަމަށް ބޭރުގެ މާލީ އިދާރާތަކުން ވެސް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން، ރާއްޖޭގެ އިގުތިސޯދާ މެދު ބޭރުގެ އިތުބާރު ހޯދަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެ ކަމަށް ހުރަސްއެޅޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ ދަރަނި މި ވަގުތު ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.

ދަރަނީގެ އިތުރުން، މާލީ ހާލަތު ހަމަޔަކަށް އެޅުވޭނީ، ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅައިގެން ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރައްވަ އެވެ. އެހެންވެ، މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ސަބްސިޑީ ރިޕޯމު ކުރުމަށް މުހިއްމު ފިޔަވަޅުތައް އެޅުމަށް ޕްލޭން ކޮށްފަ އެވެ.

މި ފަހުން ރާއްޖެ އަށް ޒިޔާރަތްކުރި ވަފުދުން ވެސް ދައުލަތުގެ ހަރަދު ކުޑަކުރުމާއި މާލިއްޔަތު އިސްލާހުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ވަނީ މަރުހަބާ ކިޔާފަ އެވެ.

އޭގެ ތެރޭގައި މިހާރު ގެންގުޅޭ ސަބްސިޑީ ދިނުމުގެ އުސޫލު ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި އާސަންދަ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތައް އިސްކަން ދޭ ތަރުތީބަކުން ހިންގުމަށް ނިންމާފައިވާ ނިންމުން އެ ވަފުދުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.