Roadha Mihaaru
ހަށިވިއްކުމުގެ ނެޓްވޯކެއް އަތުލައިގަނެ ޑީޕޯޓުކޮށްފި

ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީ ތިން އަންހެނަކާއި އޭޖެންޓު ޑީޕޯޓުކޮށްފި

27 އޯގަސްޓް 2024

މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން އަތުލައިގަތީ މި މަހުގެ 11 ވަނަ ދުވަހު ހިންގި އިންސްޕެކްޝަނެއްގެ ތެރެއިން ކަމަށެވެ.

މި ނެޓްވޯކުގައި ހިމެނޭ، ހަށިވިއްކުމުގައި ހަރަކާތްތެރިވި ތިން އަންހެނުންނާއި އެ މީހުންގެ އޭޖެންޓުގެ ގޮތުގައި އުޅުނު ބިދޭސީ ފިރިހެންމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް މިހާރު ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ އެންމެން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކުރީ މިދިޔަ ހަފުތާގަ އާއި މި ހަފުތާގަ އެވެ. އެންމެ ފަހުން ޑީޕޯޓް ކޮށްފައި ވަނީ އެޖެންޓު މީހާ އެވެ. އެއީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހާއްސަ އޮޕަރޭޝަނެއް ފަށައި ގިނަ ބަޔަކު ވަނީ އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރަމުން ދިޔަ ބިދޭސީން ހިމެނެ އެވެ. އަދި ހާއްސަކޮށް މުޑުދާރުކޮށް، ކާބޯތަކެތި ތައްޔާރުކޮށް އާންމުންނަށް ވިއްކާ ބިދޭސީން ވެސް ވަނީ އަތުލައިގެންފަ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މިދިޔަ 8 މަސްދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފަ އެވެ. މި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.