Roadha Mihaaru
ވިޔަފާރި އުސޫލުން ހިއްކާ ތަންތަނުން ޑްރެޖިން ފީއެއް!

ވިޔަފާރި އުސޫލުން ހިއްކާ ތަންތަނުން ޑްރެޖިން ފީއެއް ނަގަން ހިމަނައިފި

27 އޯގަސްޓް 2024

ވިޔަފާރި އުސޫލުން ހިއްކާ ތަންތަނުން ޑްރެޖިން ފީ އެއް ނަގަން ޕްލޭންކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވިޔަފާރި އުސޫލުން ހިއްކާ ތަންތަނުން ޑްރެޖިން ފީ އެއް ނަގަން ޕްލޭންކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި އެކަން ވަނީ ހިމަނައިފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ 25 އިން ފެށިގެން އެ ފީ ނަގަން ފަށާނެ އެވެ.

ޑްރެޖިން ފީ ނަގަން ފެށުމުން ރިސޯޓު ހެދުމާއި އެ ނޫން ވިޔަފާރިތަކަށް ހިއްކާ ތަންތަނުން ވެސް ފީއެއް ނަގާނެ އެވެ. މިހާރު ކަނޑައަޅާފައިވާ ގޮތުން ނަމަ ކޮންމެ ކިއުބިކް މީޓަރުގެ ވެއްޔަށް ދެ ޑޮލަރު ޗާޖު ކުރާނެ އެވެ.

މިފަދަ ފީއެއް ނަގަން ނިންމީ، ވެއްޔަކީ ގުދުރަތީ ވަސީލަތަކަށްވާ އިރު، ވެލި އުފެދުމަށް އެތައް ދުވަހެއް ނަގާތީ އެވެ. އަދި އެކަން ކުރުމުގައި މިހާރަށް ވުރެ ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހުތިޔާރު ކުރުމަށް ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެއާ އެކު، އަހަރެއްގެ މައްޗަށް 260 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވެ އެވެ.

ޑްރެޖިން ފީގެ އިތުރުން އާމްދަނީ އިތުރު ކުރުމަށް އިތުރު ގިނަ ކަންތައްތަކެއް ކުރުމަށް ވެސް ސަރުކާރުން ވަނީ ޕްލޭން ކޮށްފަ އެވެ.

ސަރުކާރުން ވަނީ ޖީއެސްޓީ ނެގުން "ޑެސްޓިނޭޝަން ޕްރިންސިޕަލް" ނިޒާމަަކަށް ބަދަލު ކުރަން ވެސް ކަނޑައަޅައިފަ އެވެ. އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖާއި ގްރީން ޓެކްސް ބޮޑު ކުރުމަށް ވެސް ޕްލޭންކޮށްފައިވެ އެވެ.

ދައުލަތަށް ވަންނަ އާމްދަނީ ބޮޑު ކުރުމުގެ އިތުރުން ހަރަދުތައް ކުޑަ ކުރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ވެސް ސަރުކާރުން ވަނީ ޕްލޭން ކޮށްފަ އެވެ. ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވެސް ސަބްސިޑީ ޓާގެޓު ކުރުމާއި އާސަންދައިގެ ހަރަދުތައް ކުޑަކުރުމަށް ޕްލޭންކޮށްފައިވެ އެވެ. އެކަމަކު، އަދި މިހާތަނަށް އަމަލީ ފިޔަވަޅެއް ނާޅަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެފަދަ ބައެއް ފިޔަވަޅުތައް އަންނަ މަހު ފެންނާނެ ކަމަށެވެ.