Roadha Mihaaru
އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް 72 މިލިއަން ޑޮލަރު

އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ބޮޑު އަދަދެއް

01 ފެބުރުއަރީ 2024

އިންޑިއާއިން 2024-2025 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ރާއްޖެ އަށް 72 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ދޭން ކަނޑައަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއާއިން 2024-2025 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ރާއްޖެ އަށް 72 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ދޭން ކަނޑައަޅައިފި އެވެ.

އިންޑިއާގެ ބަޖެޓުގައިވާ ގޮތުން މި ފައިސާ ރާއްޖެ އަށް ދޭން ކަނޑައަޅާފައި ވަނީ ހިލޭ އެހީގެ ގޮތުގަ އެވެ. އިންޑިއާ ސަރުކާރުން ކޮންމެ އަހަރެއްގެ ބަޖެޓު އެކުލަވައިލަނީ އޭޕްރީލުން އަނެއް އަހަރުގެ މާޗް 1 ވަނަ ދުވަހަށެވެ. އެހެންވެ، މި ހިނގާ 2023-2024 ގެ ބަޖެޓުން ރާއްޖެއަށް ވަނީ 93 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ކަނޑައަޅާފައި އޮތެވެ.

އެ ގައުމުގެ 2022-2023 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) އެވެ

އިންޑިއާއިން އަންނަ އަހަރުގެ ބަޖެޓަށް ބޭރުގެ ގައުމުތަކަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި 650 މިލިއަން ޑޮލަރު ދޭން ވަނީ ކަނޑައަޅައިފަ އެވެ. އެންމެ ބޮޑު އަދަދެއް ދޫކުރަން ނިންމާފައި ވަނީ ބޫޓާނަށެވެ. އެ ގައުމަށް ދޭން ނިންމާފައި ވަނީ ވަނީ 94 މިލިއަން ޑޮލަރެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދޭން ނިންމާފައި ވަނީ ރާއްޖެއަށެވެ. އިންޑިއާއިން އެހީ ދޭ އެހެން ގައުމުތަކުގެ ތެރޭގައި ނޭޕާލާއި ބަންގްލަދޭޝާއި ލަންކާ އާއި މޮންގޯލިއާ އާއި މޮރީޝަސް އާއި ސީޝެލްސް ފަދަ ގައުމުތައް ހިމެނެ އެވެ.

އިންޑިއާގެ ބަޖެޓުގައި ރާއްޖެ އަށް ބޮޑު އަދަދެއް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ އިރު، ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

މި އަހަރުގެ ރާއްޖޭގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ބޭރު ގައުމުތަކުން 1.4 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ. އެ ފައިސާއިން އަދި މިހާތަނަށް އެއްވެސް އަދަދެއް ހިލޭ އެހީގެ ގޮތުގައެއް ލިބިފައެއް ނުވެ އެވެ.