Roadha Mihaaru
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

ކިންގްސް ބަލިކޮށް އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް އަށް

28 ފެބުރުއަރީ 2017

ބާސްކެޓްބޯޅައިގެ ތެރެއަށް މުޅިން އަލަށް ނުކުތް ކިންގްސް ބީސީގެ މައްޗަށް 88-75 ޕޮއިންޓުން ކުރި ހޯދައި ތިން ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީރެކްސް ބީސީ ރޭ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބާސްކެޓްބޯޅައިގެ ތެރެއަށް މުޅިން އަލަށް ނުކުތް ކިންގްސް ބީސީގެ މައްޗަށް 88-75 ޕޮއިންޓުން ކުރި ހޯދައި ތިން ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީރެކްސް ބީސީ ރޭ ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު ފޯރިގަދަ މި މެޗުގައި ޓީރެކްސްގެ އެންމެ ބޮޑު ތަފާތަކަށްވީ ފައިނަލް މެޗުގެ އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހިމް ރަޝްވާން (ޗިކު) އެވެ.

މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު 24-18 ޕޮއިންޓުން ލީޑުގައި އޮތީ ކުރިން ރެޑްލައިނުން ފެނުނު މުހައްމަދު ޒިލާލާއި އަހުމަދު އަފްޝަން ރަޝާދު އަދި މުހައްމަދު ފިރާޝް ފަދަ ކުޅުންތެރިންގެ ކުޅެމުން ދިޔަ ކިންގްސް އެވެ. ދެ ވަނަ ކުއާޓަރު ފަށައިގެން ޓީރެކްސް އިން ލީޑު ނެގި ނަމަވެސް ކުއާޓާރުގެ މެދަކާ ހަމައިން ދެ ޓީމު ގާތްގަނޑަކަށް ހަމަހަމަވި އެވެ. އެކަމަކު ކުއާޓަރު ނިމިގެން ދިޔައީ ޓީރެކްސް އަލުން ނެގި ލީޑާ އެކު އެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޗިކު (ކ) އަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް އިނާމް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޗިކު (ކ) އަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް އިނާމް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަލީ ފަޒްލީގެ ލީޑު ކުރުމާ އެކު އަދި ޗިކާއި އަހުމަދު ޒަބީރު އަދި ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އަދި ހުސެއިން ހަލީމް (ޗިކަނޭ) ގެ މޮޅު ކުޅުމާ އެކު ޓީރެކްސް އިން ތިން ވަނަ ކުއާޓަރު ނިންމާލީ ވެސް ލީޑުގައި އޮވެ އެވެ. ކިންގްސްގެ މުހިއްމު ގިނަ ކުޅުންތެރިން ފައުލް ހަމަވުމުގެ ބިރު އޮތުމާ އެކު އެ ޓީމުން ކުޅެމުން ދިޔައީ ޕްރެޝަރުގަ އެވެ. އެކަމަކު ފަހު ކުއާޓަރުގައި ކިންގްސް އިން ކުރިއަށް ޖެހިލި އެވެ. އަދި ގާތްގާތުގައި ހޯދި ދެ ތްރީ ޕޮއިންޓާ އެކު ކިންގްސްގެ މަސައްކަތް ދެގުނަ ކޮށްލުމާ ޓީރެކްސް ކޮންމެވެސް ވަރަކަށް ޕްރެޝަރަށް ވެސް ދިޔަ އެވެ. އެކަމަކު ސްރީ ލަންކާގެ ތަޖުރިބާކާރު ކޯޗު ސުޕުން ވިމާލުގެ ކޯޗުކަމުގެ ދަށުން ކުޅެމުން ދިޔަ ޓީރެކްސް ވަނީ ލީޑު ހިފަހައްޓައި 13 ޕޮއިންޓުގެ ފަރަގާ އެކު މެޗު ކާމިޔާބުކޮށްފަ އެވެ.

މިރޭގެ މެޗުގައި ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 27 ޕޮއިންޓާ އެކު ޒަކަރިއްޔާ އެވެ. ޗިކު ވަނީ 17 ޕޮއިންޓް އެއްކޮށްފަ އެވެ. ކިންގްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 18 ޕޮއިންޓާ އެކު ރިޝްފާން ރަޝީދެވެ. ދެން އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 17 ޕޮއިންޓާ އެކު ފިރާޝެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކިންގްސްގެ ޒިލާލާއި ރިޝްފާނާއި ފިރާޝާއި ޓީރެކްސްގެ ޒަބީރު އަދި ދަ ބައުސްގެ އިބްރާހިމް ނަސީމެވެ.

ކިންގްސްގެ ފިރާޝް (މ) އަތުން ބޯޅަ ހޯދަން ޓީރެކްސްގެ ޗިކަނޭ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކިންގްސްގެ ފިރާޝް (މ) އަތުން ބޯޅަ ހޯދަން ޓީރެކްސްގެ ޗިކަނޭ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ ދެ ވަނަ ހޯދި ކިންގްސް އަކީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް މުހައްމަދު (އިއްބެ) އާއި ކުރީގެ ކުޅުންތެރިޔާ އިސްމާއިލް ރިޝާދު އިސްކޮށް ތިބެގެން އުފެއްދި ޓީމެކެވެ. މި ޓީމުގައި ގިނައީ މިދިޔަ އަހަރުތަކުގައި ރެޑްލައިނާ އެކު ރާއްޖޭގެ ބާސްކެޓްބޯޅައިގައި ރަސްކަންކުރި ކުޅުންތެރިންނެވެ.

ރޭގެ މޮޅާ އެކު ޓީރެކްސް މި ވަނީ ކިންގްސްގެ މައްޗަށް މުބާރާތުގައި ތިން ފަހަރު ކުރި ހޯދައިފަ އެވެ. ފުރަތަމަ ބުރުގެ މެޗުން ޓީރެކްސް މޮޅުވީ 81-74 ޕޮއިންޓުންނެވެ. ދެ ވަނަ ބުރުގެ މެޗު ޓީރެކްސް ކާމިޔާބުކުރީ 78-67 ޕޮއިންޓުންނެވެ.