Roadha Mihaaru
ޒުވާނުންނަށް ބަސް ނުބުނެވޭނެ އެއްވެސް ކަމެއް ނޯންނާނެ

ޒުވާނުންނަށް ބަސް ނުބުނެވޭނެ އެއްވެސް ކަމެއް ނޯންނާނެ: ރައީސް

12 އޯގަސްޓް 2024

މި ސަރުކާރުގައި ޒުވާނުންނަށް ބަސް ނުބުނެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި ސަރުކާރުގައި ޒުވާނުންނަށް ބަސް ނުބުނެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިފުތިތާހު ކުރުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގައުމުގެ އާބާދީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ޒުވާނުން ކަމަށެވެ.

އެ ކޮމެޓީ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ކަންކަން ނިންމައި ގައުމު ހިންގުމުގައި ޒުވާނުންގެ ބަސް އިއްވައި، އެ މަނިކުފާނަށް ލަފާދިނުންކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޒުވާނުންނަކީ ދައުލަތް ހިންގުމުގަ އާއި ދައުލަތުގެ އެހެން ހުރިހާ ކަމެއް ބައްޓަން ކުރުމުގައި ބަސް އިއްވާނެ ބަޔަކަށް ވާނެ ކަމަށެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިފްތިތާހުކޮށް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިފްތިތާހުކޮށް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން މިދަނީ، މި ކަހަލަ މަސައްކަތެއް ފެށިގެން ދިއުމުން. އެއީ ރާއްޖޭގެ ޒުވާނުންގެ ފަރާތުން، ޒުވާނުންނަށްޓަކައި ކަމެއް ކޮށްދިނުން. އެއްވެސް ކަމެއްގައި ލިމިޓެއް، ބަސް ނުބުނެވޭނެ ކަމެއް ނޯންނާނެ،" މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދިގެން ކަންކަން ކުރުމަށް ވުރެ ބޮޑަށް، ތިބޭފުޅުން [މެމްބަރުން] ކަންކަމުގައި ބޭނުންވާ ގޮތް ވިދާޅުވުމުގެ ފުރުސަތު މި އޮތީ ފަހިވެފައި."

ދައުލަތުގެ ހުރިހާ ކަމެއްގައި، ރާއްޖޭގެ އިމުގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގައި ވެސް އެ ކޮމިޓީގެ މެމްބަރުންނަށް އެ މަނިކުފާނަށް ލަފާ އެރުވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިފްތިތާހުކޮށް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމެޓީގެ ބައެއް މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިފްތިތާހުކޮށް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމެޓީގެ ބައެއް މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކޮމިޓީގެ ހުރިހާ މެންބަރުން ވެސް ވަކި މީހެއްގެ ނުފޫޒަކަށް ނުޖެހި މިނިވަންކަމާ އެކު، މަސައްކަތް ކުރުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގައި 15 މެމްބަރުން ތިބެ އެވެ. ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި ކުޅިވަރާއި އެންޖީއޯތަކާއި އެކައުންޓިން އެންޑް ފައިނޭންސް އަދި މީޑިއާގެ އިތުރުން ކޮލެޖްތައް ތަމްސީލްކުރާ ޒުވާނުން ވެސް ހިމެނެ އެވެ.