12 އޯގަސްޓް 2024
އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ބެހެއްޓުމަކީ އާދަޔާހިލާފު ކަމެއް ނޫން ކަމަށާއި އެއީ އޮންނަ އުސޫލެއް ކަމަށް އޭނާގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ބެހެއްޓުމަކީ އާދަޔާހިލާފު ކަމެއް ނޫން ކަމަށާއި އެއީ އޮންނަ އުސޫލެއް ކަމަށް އޭނާގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވެއްޖެ އެވެ.
ޝިޔާމްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އެ ދައުވާގައިވާ ގޮތުން ވީއައިޕީ ގޭގައި ބައްޕަ ބެހެއްޓެވުމުގެ އިތުރުން ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ޝިޔާމް ހަވާލުކުރި އެވެ. އަދި އެތަނުގައި 1 އަހަރާއި 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ބައްޕަގެ ދިރިއުޅުއްވުމުގެ ކަންކަން ޝިޔާމް ހަމަޖެއްސެވި ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އިރު ދައުލަތާއި ޝިޔާމްގެ ފަރާތުން ހުލާސާ ބަޔާން ވަނީ އިއްވައިފަ އެވެ.
އެ އަޑުއެހުމުގައި، ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް ވިދާޅުވީ ވީއައިޕީ ގޭގައި ޝިޔާމް ބަހައްޓައި، އެތަނުގެ ކަރަންޓާއި ފެނުގެ ހިދުމަތް އަދި ކެއުމުގެ ކަންކަން ހަމަޖައްސާފައި ވަނީ އެމްއެންޑީއެފްގެ ބަޖެޓުން ކަމަށެވެ. ނަމަވެސް، އެގޮތަށް އަމިއްލަ ބޭނުމަށް ސިފައިންނާއި ސިފައިންގެ ވަސީލަތްތައް ބޭނުން ކުރުމުގެ ބާރެއް ޝިޔާމަށް ނޯންނާނެ ކަަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ ސިފައިންނަށް ވަގުތީ ގޮތުން ބޯހިޔާވަހިކަން ހަމަޖެއްސުމަކީ ސިފައިންގެ ތެރޭގައި އޮންނަ އުސޫލެއް ނަމަވެސް، ވީއައިޕީ ގެއަކީ އެފަދަ ތަނެއް ނޫން ކަމަށެވެ. އަދި އެ ތަން ވަކި މީހަކު ދިރިއުޅެން ހަމަޖެއްސުމުގެ ހައިސިއްޔަތު ނުވަތަ ބާރު ޝިޔާމަށް ލިބޭ އެއްވެސް ގާނޫނެއް، ގަވައިދެއް އަދި އުސޫލެއް ވެސް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް އުސޫލެއްގައި ވީއައިޕީ ގޭގެ ބޭނުން އަމިއްލަ ބޭނުމަށް ނުހިފޭނެ ކަމަށް ބުނެފައި ނެތުމަކީ އެގޮތަށް އަމަލު ކުރަން ލިބޭ ހުއްދައެއް ނޫން ކަމަށެވެ. ގާނޫނެއްގައި ލިޔެފައި ނެތް ކަމަށް ބުނެ ތަންތަނުގެ ވެރިން އެ މީހުންގެ އަމިއްލަ ފައިދާއަށް ހިތުހުރިހާ ކަމެއް ކުރާ ކަމަށްވާ ނަމަ، އެއީ ވަރަށް ނޭދެވޭ ނަތީޖާއެއް ނުކުންނާނެ ކަމެއް ކަމަށް ވަކީލް ވިދާޅުވި އެވެ.
އޭރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ ބޭނުން ކެނޑިގެންދާނެ ކަމަށާއި އޭރަށް ނުކުންނާނެ ހަގީގީ ނަތީޖާއަކީ ކޮރަޕްޝަން ކަމަށް ވަކީލް ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލްގެ ވާހަކަތަކަށް ޝިޔާމްގެ ފަރާތުން އޭނާގެ ވަކީލް ހަމްޒާ ލަތީފް ވަނީ ރައްދު ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ ވީއައިޕީ ގޭގައި ޝިޔާމްގެ ބައްޕަ ބެހެއްޓި ކަމަށް އިންކާރު ނުކުރާ ކަމަށާއި ނަމަވެސް، ބައްޕަގެ ކެއުމުގެ ކަންކަން ހަމަޖެއްސީ އެމްއެންޑީއެފްއިން ކަމަށް ބުނާ ބުނުމާއި އޭނާގެ ހިދުމަތަށް ސިފައިންގެ އޮފިސަރަކު ހާއްސަކުރި ކަމަށް ބުނާ ބުނުމަށް އިންކާރު ކުރާ ކަމަށެވެ. އަދި އެކަންކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި ޝިޔާމްގެ ބައްޕަ އެތަނުގައި ބެހެއްޓީ ރާއްޖޭން ބޭރުގައި ދިރިއުޅުމަށް ފަހު ރާއްޖެ އައި ފަހުން އަނބިކަނބަލުން ނިޔާވުމާ ގުޅިގެން ދެން ދިރިއުޅޭނެ ތަނެއް އެ ވަގުތުގައި ނެތުމުންނެވެ. އަނބިކަނބަލުންނާ އެކު ދިރިއުޅުނު ގެއިން ނުކުމެ އަމިއްލަ ގެއަށް ދާން ބެލިއިރު އެ ތަން ހުރީ ތަޅާލާފައި ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ އެ ވަގުތަކީ ޝިޔާމްގެ މަގާމުގެ ގޮތުން އޭނާގެ ބައްޕައަށް ވެސް ރަނގަޅު ސެކިއުރިޓީއެއް ދޭން ޖެހިފައިވާ އޮތް ދަނޑިވަޅެއް ކަމަށާއި ވީއައިޕީ ގޭގައި ބައްޕަ ބަހައްޓަން ނިންމީ އެހެންވެ ކަމަށެވެ.
ޝިޔާމްގެ ބައްޕަ އެ ތަނުގައި ހުރި މުއްދަތުގައި ކެއުމާއި އެހެން ހަރަދުތައް ހަމަޖެއްސީ އެމްއެންޑީއެފް އިން ކަަމަށް ދައުލަތުން ބުނާ ބުނުމަށް ވަކީލް އިންކާރު ކުރެއްވި އެވެ.
އަދި އެ ތަނުގައި ބައްޕައާ ހަވާލުވެގެން ސިފައިންގެ އޮފިސަރެއް ހުރި ކަމަށް ދައުލަތުން ބުނި ނަމަވެސް، އޭނާ ޝަރީއަތަށް ހެކިބަސް ދެމުން އެކަން އިންކާރުކޮށް ވާހަކަ ދައްކާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އެގޮތުން އެ އޮފިސަރު އެ ތަނުގައި ހުރީ ޝިޔާމްގެ ބައްޕައަށް ހާއްސަވެގެން ނޫން ކަމަށާއި ބައެއް ކަންކަމުގެ އެހީތެރިވެ ކަންކަން ހަމަޖައްސައިދިނީ ބައްޕައަކީ އުމުރުން ދުވަސްވީ ބޭފުޅަކަށްވާތީ އާއި ސިފައިންގޭގެ ވެރިއެއްގެ ބައްޕައަށް ކަމަށްވާތީ އަމިއްލައަށް ފެނިގެން ކަމަށް އޭނާ ވަނީ ހެކިބަސް ދެމުން ބުނެފަ އެވެ.
ހަމްޒާ ވިދާޅުވީ ވަގުތީ ގޮތުން ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަކީ އާދަޔާހިލާފު ކަމެއް ނޫން ކަމަށާއި އެއީ އޮންނަ އުސޫލު ކަމަށެވެ. އެގޮތުން ސިފައިންގެ މީހެއްގެ ގެ އިމާރާތް ކުރުން ފަދަ ކަމެއް ދިމާވެއްޖެ ނަމަވެސް، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި، ކުރިން އަދި އަދި މިހާރު ވެސް ވީއައިޕީ ގޭގައި އެކި ބޭފުޅުންގެ އާއިލާތައް ތިއްބެވެ. ސިފައިންގެ އިސް ބޭފުޅުންގެ ދަރިން ސްކޫލަށް ގެންދިޔުން ފަދަ ކަންކަމަށް އެމްއެންޑީއެފްގެ ވެހިކަލްތައް ވެސް ބޭނުން ކުރާ ކަމަށް ހަމްޒާ ވިދާޅުވި އެވެ.
ހަމްޒާ ވިދާޅުވީ އެއިން އެއްވެސް ކަމަކީ މައްސަލައެއް ކަމަށް އެއްވެސް އޮޑިޓެއްގައި ފާހަގަކޮށްފައި ނެތް ކަމަށެވެ. ޝިޔާމްގެ މައްސަލައެއް ވެސް އެއްވެސް އޮޑިޓެއްގައި ވެސް ފާހަގަކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.
ޝިޔާމްއާ ގުޅޭ އެއްވެސް ޝަކުވާއެއް އެއްވެސް ތަނެއްގައި ބަލައި ފިޔަވަޅު އަޅާފައި ނެތް ކަމަށާއި އޭނާއަކީ ނަމޫނާ ހިދުމަތްތެރިޔާގެ ލަގަބާ އެކު އިއްޒަތާ އެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވަކީލް ވިދާޅުވި އެވެ.
މި މައްސަލާގައި ޝިޔާމް އިންކާރު ކުރި އެއްވެސް ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި މިހެން އޮތް މައްސަލައެއް ސާބިތުވާ ކަމަށް ކޯޓުން ކަނޑައަޅައިފި ނަމަ، ވަރަށް ގޯސް ނަތީޖާތަކެއް ނުކުންނާނެ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައްވައި ގާޒީ ވިދާޅުވީ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން އަޑުއެހުމެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
18 އަހަރު ކުރީގެ މަރެއްގެ މައްސަލަ އަނެއްކާ ބަލަނީ
އަރުހަމްގެ މަރަށް 12އަހަރު: އަލުން ޝަރީއަތް ފަށައިފި
މޭރީގެ ލެއިން ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައިވޭ
މަސްތުވާ ކަމަށް އެއްބަސް، ދައުވާތަކަށް އިންކާރު
ނައީމާ މަރާލީ ސިހުރާ ގުޅުވައިގެންކަން ސާބިތުކުރަން ހެކި
ފަރުވާދެނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު: ޑރ.ނިޔާފް
ސްޕޯޓްސް ކާރު ދުއްވި އިކްރާމް ދައުވާތަކަށް އިއުތިރާފް
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ޖަލު އޮފިސަރުންގެ މައްސަލަ: 3 ވަނަ މީހާވެސް އިންކާރު
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި