Roadha Mihaaru

ސިފައިންގެ ކުރީގެ ޗީފް ޝިޔާމަށް ކުރި ދައުވާ ހަތް އަހަރު ފަހުން އަނބުރާ ގެންގޮސްފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ދައުލަތުން މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ޝިޔާމަށް ކުރި ދައުވާ ހަތް އަހަރު ފަހުން ގެންގޮސްފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ދައުލަތުން މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އެ މަގާމުގައި އޭނާ ހުންނެވި ދުވަސްވަރު ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ޝިޔާމްގެ ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ އޮފިސަރަކު ބެހެއްޓި ކަމަށް ބުނެ އެވެ.

މި ދައުވާ ސާބިތުނުވާ ކަމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން މިދިޔަ ޖެނުއަރީ މަހު ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.

ނަމަވެސް މައްސަލަ ކުރިއަށް ދަނިކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ މައްސަލަ ބާތިލްކޮށް ހައި ކޯޓުން ދައުވާ ފޯމު ބާތިލްކޮށްފަ އެވެ.

އިސްތިއުނާފުގެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކޮށް ހައި ކޯޓުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ދައުވާ ފޯމު ބާތިލްކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ މި ހާދިސާ ހިނގި ފަހުން ހަތް އަހަރުވެފައި ވާތީ އާއި ޝިޔާމްގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލައެއް ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ނެތުމުން އެ ކަންކަމަށް ރިއާޔަތްކޮށްފައި ކަމަށެވެ.

" ... މި މައްސަލަ އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތެއް އޮތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ނުފެންނާތީ، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ބަޔާންކޮށް މި މައްސަލައިގެ އިސްތިއުނާފް ފޯމް ބާތިލްކޮށްދިނުމަށް" އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށް ހައި ކޯޓުގެ ރިޕޯޓްގައިވެ އެވެ.

ޝިޔާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ އޭރުގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އެންގެވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) 2020 ވަނަ އަހަރު އެވެ. އެކަމަކު އޭގެ ކުރިން އޭސީސީން ނިންމާފައި އޮތީ ޝިޔާމްގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.

ޝިޔާމަށް ކުށް ސާބިތުވާ ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ވެސް ކުށް ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށް ކަނޑައަޅައިފަ އެވެ.