Roadha Mihaaru
އޮލިމްޕިކްސްގައި ދީމާ: ފެނުނީ ހިތްވަރު، އާވީ އުއްމީދު

އޮލިމްޕިކްސްގައި ދީމާގެ ފުރަތަމަ ފެނިލުން: ފެނުނީ ހިތްވަރު، އާވީ އުއްމީދު!

27 ޖުލައި 2024

މިއަދަކީ ދިވެހި ކުޅިވަރުގެ ވަރަށް ހާއްސަ ދުވަހެކެވެ. މދުނިޔޭގެ އެންމެ ޝަރަފްވެރި، އަދި އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސްގައި ދިވެހި އެތުލީޓަކު ކޮލިފައިވެގެން ފުރަތަމަ ފަހަރަށް ވާދަކުރުމުންނެވެ.

މިއަދަކީ ދިވެހި ކުޅިވަރުގެ ވަރަށް ހާއްސަ ދުވަހެކެވެ. މދުނިޔޭގެ އެންމެ ޝަރަފްވެރި، އަދި އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސްގައި ދިވެހި އެތުލީޓަކު ކޮލިފައިވެގެން ފުރަތަމަ ފަހަރަށް ވާދަކުރުމުންނެވެ.

ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އެ ހާއްސަ މެޗުން ޕޮލެންޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވެގްޒީން ކަޓާޒީނާ އަތުން ބަލިވި ނަމަވެސް، ދިވެހީން ތިބީ ފަހުރުވެރިވެފަ އެވެ. އެންމެންގެ ބަހަކީ ޕްރިމިލިނަރީ ބުރާ އެކު، ދީމާ އަށް ގޭމްސް ނިންމާލަން ޖެހުނަސް މިއީ، ރަނގަޅު ފެށުމެއްގެ ގޮތުގައި ދެކި އިތުރު ހަރުފަތަކަށް އެރުމެވެ. ސަބަބަކީ އުމުރާއި، ތަޖުރިބާއާ ބަލާއިރު ދީމާ މިހިސާބަށް އައުމަކީ ވެސް ރާއްޖެ ފަދަ ގައުމަކަށް ބޮޑު ކާމިޔާބަކަށް ވުމެވެ.

ދީމާ އަތުން ކަޓާޒީނާ މޮޅުވީ ސީދާ ހަތަރު ސެޓުންނެވެ. ފުރަތަމަ ދެ ސެޓުގައި ދީމާ ރަނގަޅު ވާދައެއްކުރި ނަމަވެސް، ކަޓާޒީނާ ވަނީ 11-5، 11-5 އިން އެ ދެ ސެޓު ކާމިޔާބުކޮށްފަ އެވެ. ތިން ވަނަ ސެޓުގައި ދީމާ އަށް 2 ޕޮއިންޓް ހޯދުނުއިރު ކަޓާޒީނާ ސެޓު ގެންދިޔައީ 11-2 އިންނެވެ. އެކަމަކު ދީމާ ފަހު ސެޓުގައި ވަރަށް ކައިރިކޮށް 8 ޕޮއިންޓް ހޯދި އެވެ. މި ސެޓު ކަޓާޒީނާ ކާމިޔާބުކުރީ 11-8 އިންނެވެ.

މެޗު ނިމުމާ އެކު ދީމާ އަށް އެންމެ ފުރަތަމަ ހިތްވަރުގެ ބަހެއް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ތިޔަ ހިތްވަރާއި، މޮޅު ކުޅުމަށް މުޅި ގައުމު ފަހުރުވެރިވާ" ކަމަށެވެ.

ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު، އަދި ކްރިކެޓް ބޯޑުގެ ކުރީގެ ރައީސްކަން ކުރެއްވި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު އަފްލާހު (އަފޫ) ކުރެއްވި ޓްވީޓެއްގައި ވަނީ ދީމާ ކުރި ހިތްވަރަށް މަރުހަބާ ވިދާޅުވެފަ އެވެ.

"ދީމާ، އަށް އަށް ކާމިޔާބު ކުރިމަގެއް އެބައޮތް،"

އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ ނަސީރު އިސްމާއިލް ވެސް ބުނި ގޮތުގައި މި ގޭމްސްގައި އިތުރަށް ކުރިއަށް ނުދެވުނަސް "ދީމާ އަދި އޮތީ ކުރިއަށް" ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަބަނލުން ފަޒްނާ އަހުމަދު ފޭސްބުކުގައި ލިއުއްވި ގޮތުގައި އެހެން އަންހެން ކުދިންނަށް ހިތްވަރަކަށްވެ، ކޮންމެ ކަމެއް ވެސް ކާމިޔާބުވެދާނެ ކަމަށް ގަބޫލުކުރީތީ ދީމާއާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. ފަޒްނާ އެ މެސެޖް ލިޔުއްވީ، ރައީސް ސޯލިހު މެޗު ބައްލަވަން އިންނެވި ވީޑިއޯއަކާ އެކު އެވެ.

އިގްތިސާދީ ދާއިރާގެ މާހިރު އިބްރާހީމް އާތިފް ޝަކޫރު ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި މެޗު ބެއްލެވީ އިންތިހާ ދަރަޖައިގެ ފަހުރުވެރިކަމާ އެކު ކަމަށާއި، ދީމާ އަށް އަންނާނީ އިތުރު ކުރިއެރުން ކަމަށެވެ.

"ހިތްވަރު އެލުވާނުލާ ކުރިއަށްދޭ. މުސްތަގުބަލު އުޖާލާ އިންޝާﷲ،" އެހެން މީހަކު، އެ ޕޯސްޓަށް ކޮމެންޓްކުރި އެވެ.

ކޮލިފައިން މަރުހަލާއެއް ކާމިޔާބުކޮށް އޮލިމްޕިކްސް އިން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓު، ދީމާ، 16، އަކީ އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ ވެސް މެ އެވެ. އޭނާ ކޮލިފައިވީ ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ ކޮލިފައިންގެ ފައިނަލްގައި ސްރީ ލަންކާގެ ބިމަންދީ ބަންޑަރާއާ ވާދަކޮށްގެންނެވެ.

ދީމާ ވަނީ މީގެ ކުރިން ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެ ތަމްސީލުކޮށްދީފަ އެވެ. އަދި އޭނާ ވަނީ ސައުތު އޭޝިއަން ކެޑޭޓް މުބާރާތާއި، ޖޫނިއާ މުބާރާތުން ރަންވަނަތަކެއް ހޯދައި އޭޝިއާގެ މުބާރާތުގައި ވެސް ވަރަށް ފަހުރުވެރި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެ އަށް ތިން ރަން މެޑަލް ހޯދައިދީފައިވެ އެވެ. ދީމާ މި އުމުރުގައި ހޯދަމުން އަންނަ ކާމިޔާބީތަކަށް ބަލާއިރު، އޭނާ އަށް ކުރިމަގު ވަރަށް އުޖާލާ ކަމަށް އެންމެން ވެސް އިއްތިފާގުވެ އެވެ.