Roadha Mihaaru
ރަފާ އާއި ދީމާ ދުނިޔޭގެ ޓީޓީ މުބާރާތަށް

ރަފާ އާއި ދީމާ ދުނިޔޭގެ ޓީޓީ މުބާރާތަށް

14 އެޕްރީލް 2023

ރާއްޖޭގެ ޓޭބަލް ޓެނިހުގެ އެއް ވަނަ އަންހެން ޑަބަލްސް ޕެއާ، އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ، އަންނަ މަހު ދެކުނު އެފްރިކާގައި ބާއްވާ ޓޭބަލް ޓެނިސްގެ ދުނިޔޭގެ މުބާރާތް، އައިޓީޓީއެފް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްސް ފައިނަލްސް އަށް ކޮލިފައި ވެއްޖެ އެވެ.

ރާއްޖޭގެ ޓޭބަލް ޓެނިހުގެ އެއް ވަނަ އަންހެން ޑަބަލްސް ޕެއާ، އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ، އަންނަ މަހު ދެކުނު އެފްރިކާގައި ބާއްވާ ޓޭބަލް ޓެނިސްގެ ދުނިޔޭގެ މުބާރާތް، އައިޓީޓީއެފް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްސް ފައިނަލްސް އަށް ކޮލިފައި ވެއްޖެ އެވެ.

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އަންނަ މަހުގެ 20-28 އަށް ދެކުނު އެފްރިކާގެ ޑާބަން ގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕްސް ފައިނަލްސް އަށް ދެކުނު އޭޝިއާގެ ސަރަހައްދުން އަންހެން ޑަބަލްސް އަށް ކޮލިފައިވީ ދެ ޕެއާ އެކެވެ. އެއީ ރަފާ އާއި ދީމާގެ ޕެއާގެ އިތުރުން އިންޑިއާގެ ޕެއާއެކެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް. އަނެއްކާވެސް މި ކުދިން މިވަނީ ގައުމު ފަހުރުވެރި ކޮށްދީފައި،" ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން ހިއްސާކުރި ސޯޝަލް މީޑިއާ ޕޯސްޓުގައި ބުނެފައި ވެއެވެ.

ޓޭބަލް ޓެނިހަކީ ރާއްޖޭގެ ކުޅިވަރުތަކުން މި ފަހުން ބައިނަލްއަގުވާމީ ލެވެލްގައި ގިނަ މެޑަލްތަކެއް ހޯދައިދީފައިވާ ކުޅިވަރެކެވެ. އަދި މި ކާމިޔާބީތަކުގައި ރަފާ އާއި ދީމާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މި އަހަރަކީ ވެސް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް އޮތް އަހަރަކަށް ވެފައި، ދީމާ އާއި ރަފާ ވެސް މިވަގުތު އަންނަނީ ރާއްޖޭން ބޭރުގައި ތަމްރީނު ހާސިލް ކުރަމުންނެވެ. ދެ ކުޅުންތެރިންނަކީ ވެސް ޔޫތު މިނިސްތްރީގެ "އަރުތަ" ޕްރޮގުރާމްގައި ހިމަނާފައިވާ އެތުލީޓުންނެވެ. އަދި ދީމާ އަކީ އަންނަ އަހަރުގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސް އަށް ކޮލިފައިވުމަށްް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ހޯދައިދިން އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލާޝިޕް ލިބުނު ޓީޓީ އެތުލީޓެވެ.

ދީމާ އާއި ރަފާގެ ޕެއާ ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެއަށް ރަން މެޑަލް ހޯދައިދީފަ އެވެ. އަދި ސިންގަލްސް އިވެންޓްގެ ފައިނަލްގައި ވެސް ވާދަކުރީ މި ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ގައި ރަފާ އާއި ދީމާގެ ބޮޑު ހިއްސާއަކާ އެކު ވަނީ އަންހެން ޓީމް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ.

ހަމަ އެއާ އެކު ދީމާ ވަނީ މި އަހަރު ޕޯޗުގަލްގައި އޮތް ދުނިތޭގެ ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ ސީރީޒްގެ މުބާރާތެއްގައި ކުރިއެރުން ހޯދައިފަ އެވެ. އަދި ދީމާ ވަނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށް ގެންދިޔަ ކޮމަންވެލްތު ގޭމްސް ގެ ސިންގަލްސް އިވެންޓްގައި، ވާދަކުރި ގުރޫޕްގެ އެއް ވަނަ ހޯދައި ގަދަ 32 ކުޅުންތެރިންގެ ބުރުގައި ވާދަ ކޮށްފަ އެވެ.