Roadha Mihaaru
އިތުރު 23 ސްކޫލެއްގައި އޭލެވެލަށް ކިޔަވައިދޭން ފަށަނީ

އިތުރު 23 ސްކޫލެއްގައި އޭލެވެލަށް ކިޔަވައިދޭން ފަށަނީ

23 ޖުލައި 2024

އިތުރު 23 ސްކޫލެއްގައި އަލަށް އޭ ލެވެލަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިތުރު 23 ސްކޫލެއްގައި އަލަށް އޭ ލެވެލަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.

ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، އޯލެވެލް ނިންމާ ކުދިން އިތުރުކޮށް، އޭލެވެލަށް ކިޔެވުމަށް ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އިތުރު 23 ސްކޫލެއްގައި އަލަށް އޭ ލެވެލް ފަށަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގްރޭޑް އެކެއް ފަށައި 7.000 ދަރިވަރުންގެ ތެރެއިން މަތީ ފެންވަރުގެ ޔުނިވާސިޓީގެ ތައުލީމާ ހަމައަށް ވާސިލްވާ މިންވަރަށް އަދިވެސް އަޅުގަނޑުމެން މި އުޅެނީ 2،500 ދަރިވަރުން ފާސްނުކުރެވިގެން. ރައީސްގެ ޒައާމަތުގައި އިސްކަމެއް ދޭނެ ކަމަކީ، ފާސްވާ ނިސްބަތް މަތިކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

"މި އަހަރު ރާއްޖޭގެ 23 ސްކޫލަކަށް އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށްހެން އޭލެވެލް އަށް ވަދެވޭނެ ގޮތް މި ފަހަރު ފަހިކޮށްދޭނަން."

ސީއެޗްއެސްއީގެ އިނާމްދިނުމުގެ ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ސީއެޗްއެސްއީގެ އިނާމްދިނުމުގެ ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ވިސްނުމަކީ އަލަށް އޭ ލެވެލް ފަށާ 23 ސްކޫލުގެ ނަތީޖާއަށް ބަލައި އިތުރު ސްކޫލުތަކުގައި ވެސް އޭ ލެވެލް ކިޔަވައިދޭން ފެށުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ސީއެޗްއެސްއީގައި ކިޔެވުމަށް މިހާރު ވެސް 400 އަށް ވުރެ ގިނަ ކުދިން މާލެ އިން ހުޅުމާލެ އަށް ދަތުރުކުރަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ކުދިންނަށް އަނިޔާ ލިބޭ ކަމަށެވެ.

މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތުގައި އަންނަ ސެޕްޓެމްބަރު މަހު އަލުން އޭ ލެވެލަށް ކިޔަވައިދޭން ފެށުމަށް މިހާރު ވަނީ މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. މާލޭގައި މި އިމާރާތުގައި ކިޔަވައިދޭން އަލުން ފެށި ނަމަވެސް ހުޅުމާލޭގައި ހިންގާ ސީއެޗްއެސްއީގެ އާ އިމާރާތުގައި ވެސް ކިޔަވައިދޭނެ އެވެ.