Roadha Mihaaru

ތައުލީމީ ދާއިރާއާ ގުޅޭ މަޝްރޫއުތައް ނުފަށާ 18 ކުންފުންޏެއްގެ އެއްބަސްވުން ބާތިލްކޮށް، އެހެން ބަޔަކާ ހަވާލުކޮށްފި

އެކި ތާރީހުތައް ދީގެން ވެސް ސްކޫލްތަކުގެ މަސައްކަތް ނުފެށުމުން 18 ކުންފުންޏެއްގެ އެއްބަސްވުން ބާތިލުކޮށް އެހެން ކުންފުނިތަކާ އެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

18 މަޝްރޫއެއްގެ އެއްބަސްވުން ބާތިލްކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

07 އެޕްރީލް 2025

އެކި ތާރީހުތައް ދީގެން ވެސް ސްކޫލްތަކުގެ މަސައްކަތް ނުފެށުމުން 18 ކުންފުންޏެއްގެ އެއްބަސްވުން ބާތިލުކޮށް އެހެން ކުންފުނިތަކާ އެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައިއިރު ތައުލީމީ ދާއިރާއާ ގުޅޭ އެކި މަޝްރޫއުތަކަށް 280 މިލިއަނެއްހާ ރުފިޔާ ނުދީ އޮތުމުން ބައެއް މަޝްރޫއުތައް ހުއްޓިފައި އޮތް ކަމަށެވެ.

އެކަމަކު މިދިޔަ އަހަރު އެ ބެކްލޮގް ގާތްގަނޑަކަށް ހުސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވިގޮތުގައި، މަޝްރޫއުތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދައްކައި، އެ މަޝްރޫއުތައް ފެށުމަށް އެކި ތާރީހުތައް ބައެއް ކުންފުނިތަކަށް ދިނުމުން ވެސް އެ މަސައްކަތް ފަށާފައެއް ނުވެ އެވެ. އެހެންވެ، 18 ކުންފުންޏެއްގެ އަތުން ޕްރޮޖެކްޓް އަތުލައި އެހެން ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އެކި ޑެޑްލައިންތައް ދީގެން ވެސް ޕްރޮޖެކްޓްތައް ނުފެށި އޮތް 18 ކުންފުންޏެއް ވާނީ ޓާމިނޭޓްކޮށް، އެހެން ކުންފުނިތަކާ ހަވާލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާ 20 ކުންފުނި މި ހަފުތާގެ ތެރޭގައި ވެސް އައިޑެންޓިފައި ހުރުމަށް ފަހު، އެ އެއްބަސްވުންތައް ވެސް ބާތިލުކުރާނެ ކަމަށެވެ.

"މިހާރު މި ހަފްތާ ތެރޭގައި [މިއަދު] ވެސް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ 20 ޕްރޮޖެކްޓެއް އައިޑެންޓިފައި ކޮށްފައި އެ 20 ކުންފުނި ވެސް އިތުރު ކުންފުނިތަކާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާދަމާ ހަވާލުކުރާނަން،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވާ ކުންފުނިތަކުން އެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެއްބަސްވުންތައް ބާތިލުކުރާނެ ކަމަށް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވި އެވެ.

އޭރު ރައީސް ވިދާޅުވި ގޮތުގައި މަޝްރޫއުތައް ހަވާލުކުރިޔަސް އެކަމަށް ބޭނުންވާ ބަޖެޓު މިިދިޔަ އަހަރު ހިމަނާފައި ނުވާތީ މަޝްރޫއުތައް ކުރިއަށް ނުގެންދެވެ އެވެެ. އަދި އެ މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ކަމަށާއި އެކަން ކޮށްފައި ހުރީ އެއްގޮތަކަށް މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.