Roadha Mihaaru
ވައުދުވި ގޮތަށް ކުކުރެޔާގެ އިސްތަށިގަނޑު ރަތްކޮށްފި

ޔޫރޯގެ ކާމިޔާބީއާ އެކު، ވައުދުވި ގޮތަށް ކުކުރެޔާގެ އިސްތަށިގަނޑުގައި ރަތްކުލަ!

20 ޖުލައި 2024

މެޑްރިޑް (ޖުލައި 20) - ޔޫރޯ މުބާރާތުގެ ތަށި މިދިޔަ އާދިއްތަ ދުވަހު އުފުލައިލި ސްޕެއިން ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ޓީމުގެ ވާތު ބެކް މާކް ކުކުރެޔާ އެވެ.

މެޑްރިޑް (ޖުލައި 20) - ޔޫރޯ މުބާރާތުގެ ތަށި މިދިޔަ އާދިއްތަ ދުވަހު އުފުލައިލި ސްޕެއިން ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ޓީމުގެ ވާތު ބެކް މާކް ކުކުރެޔާ އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ވަނީ ސްޕެއިންގެ ރޭޑިއޯ ޝޯއެއް ކަމަށްވާ އެލް ޕާޓިޑާޒޯގައި، ޔޫރޯ ކާމިޔާބު ކުރެވިއްޖެ ނަމަ އޭނާގެ އިސްތަށިގަނޑުގަނޑުގައި ރަތްކުލަ ޖައްސާނެ ކަމަށް ބުނެފަ އެވެ.

އެހެންވެ، އިއްޔެ އޭނާ ވަނީ އިސްތަށިގަނޑު ރަތްކުލަ އަށް ބަދަލު ކޮށްފައިވާ ފޮޓޯތަކެއް އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ.

"ވައުދެއް ވާނީ ވައުދަކަށް،" ފްރާންސްގެ މަޝްހޫރު ކުންފުނި ލޯރިއަލް ކުންފުނީގެ ގާނިއާ ބްރޭންޑް ޓެގުކޮށް، އޭނާ ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.

މުބާރާތް ފެށުމުގެ ކުރިން ބެލެވުނީ، ކުކުރެޔާ ވާނީ އެ މަގާމަށް ކުޅޭ، މިދިޔަ ސީޒަންގައި ޖަރުމަންގެ ހުރިހާ ތައްޓެއް ކާމިޔާބުކުރި ބެޔާ ލެވަކޫސަންގެ އެލެކްސް ގްރިމާލްޑޯގެ ބެކަޕަކަށް ކަމަށެވެ. ނަމަވެސް ކޯޗު ލުއިސް ޑެލަފުއެންޓޭ ފުރުސަތު ދިނީ ޗެލްސީ އަށް ކުޅެމުން އަންނަ ކުކުރެޔާ އަށެވެ.

ކުރީގެ އިނގިރޭސި ޑިފެންޑަރު ގެރީ ނެވިލް ވަނީ ކުކުރެޔާ އަށް ޔޫރޯގައި ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އޭނާ ކުޅޭ ނަމަ ސްޕެއިން އަށް ކާމިޔާބު ނުލިބޭނެ ކަމަށް ބުނެ ޓީވީ ޝޯއެއްގައި ވާހަކަ ދައްކައިފަ އެވެ. އެކަމަކު، ކުކުރެޔާ ވަނީ މޮޅު ކުޅުމަކާ އެކު ތަށި ހޯދައި، ގެރީ ނެވިލް ދިން "ސަޕޯޓަށް" ޝުކުރު އަދާކޮށް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓެއް ވެސް ހިއްސާކޮށްފަ އެވެ.

މި އަހަރުގެ ޔޫރޯގައި އެންމެ ކޮންޓްރޮވާޝަލްވި، އެއް ވަގުތު ކޮޅުގައި ވެސް ކުކުރެޔާ ހިމެނެ އެވެ. މުބާރާތް ބޭއްވި ގައުމު، ޖަރުމަނާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޖަމާލް މުސިއާލާ ފޮނުވާލި ހަމަލާއެއް ޕެނަލްޓީ އޭރިއާގެ ތެރެއިން ކުކުރެޔާގެ އަތުގައި ޖެހިގެން ޕެނަލްޓީ ނުދިން މައްސަލައިގައި އިނގިރޭސި ރެފްރީ އެންތަނީ ޓޭލާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުމާއި ނުރުހުން ވެސް އަމާޒުވެފަ އެވެ.