Roadha Mihaaru
އޮންލައިންކޮށް ގުރުއާންގެ ކޯސްތައް ހިންގޭ ގޮތް ހަދައިފި

އޮންލައިންކޮށް ގުރުއާންގެ ކޯސްތައް ހިންގޭ ގޮތަށް ބަދަލު ކޮށްފި

10 ޖުލައި 2024

އޮންލައިންކޮށް ގުރުއާންގެ ކޯސްތައް ހިންގޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އުސޫލު ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޮންލައިންކޮށް ގުރުއާންގެ ކޯސްތައް ހިންގޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އުސޫލު ބަދަލުކޮށްފި އެވެ.

އެ އޮތޯރިޓީން އޮގަސްޓް 2022 ގައި ގެޒެޓުކުރި ގައިޑްލައިންގައި ވަނީ އީ-ލާނިން ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތުހަމަވާ ކޯސްތަކާއި އެ ގޮތަށް ކިޔަވައިނުދެވޭނެ ކޯސްތައް ވަކިން ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ގުރުއާން އަދި އެއާ ގުޅޭ ދާއިރާތައް ހިމެނެ އެވެ.

ނަމަވެސް، އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު، އެމްކިއުއޭއިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އީ-ލާނިން މޮޑެލްގެ ދަށުން ގުރުއާނާއި އެއާ ގުޅުން ހުރި މާއްދާތައް ކިޔަވައި ދިނުމުގެ ހުއްދަ ދެވިދާނެ ކަމަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެހެންވެ، އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި މިހާރުން މިހާރަށް ވެސް މައާނިލް ގުރުއާން އަދި އުލޫމުލް ގުރުއާން ފަދަ މާއްދާތައް އަދި ވަކި އުސޫލުތަކެއްގެ މަތިން ތިލާވާ އަދި ހިފްޒު ކިޔަވައި ދެވިދާނެ ކަމަށް އެ އިދާރާ އިން ބުނެފައިވާ ކަމަށް އެމްކިއުއޭއިން ބުންޏެވެ. އެކަމަކު، އެގޮތަށް ކިޔަވައިދިނުމުގެ ކުރިން ހުއްދަ ނަގަން ޖެހޭނެ އެވެ.

އެ އުސޫލުން ކިޔަވައިދިން ނަމަވެސް، އިމްތިހާނު ހަދަން ޖެހޭނީ ކޮލިފިކޭޝަން އޮތޯރިޓީން ބުނިގޮތުގައި ފޭސް-ޓު-ފޭސް ކޮށެވެ.

އެމްކިއުއޭއިން ބުނީ ގުރުއާންގެ ކޮންމެ ޕްރޮގްރާމެއް ވެސް، އެ ޕްރޮގްރާމެއްގައި ކިޔަވައިދެވޭ މާއްދާތަކަށް ރިއާޔަތްކޮށް ވަކި އުސޫލުތަކެއްގެ ތެރެއިން އީ ލާނިން މޮޑިއުލްގައި ކިޔަވައިދިނުމަށް ހުއްދަ ދެވިދާނެ ކަމަށެވެ.

"ވުމާއެކު، 'ގުރުއާނާއި ގުރުއާނާ ގުޅުން ހުރި ދާއިރާތައް'ގެ ޕްރޮގްރާމްތައް އީ-ލާނިން މޮޑަލިޓީގެ ދަށުން ކިޔަވައިދިނުމަށް ބޭނުންވާ މަތީ ތައުލީމުދޭ މަރުކަޒުތަކުން އެ ޕްރޮގްރާމްތައް ފަރުމާކުރުމަށް ފަހު މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އެ ޕްރޮގްރާމް އީ-ލާނިން މޮޑަލިޓީގެ ދަށުން ކުރިއަށް ގެންދަވަން ވާނީ މި އޮތޯރިޓީން އީ-ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން ހުއްދަ ދިނުމަށް ފަހުގައި ކަމަށް ދަންނަވަމެވެ." އެމްކިއުއޭ އިން ބުންޏެވެ.