Roadha Mihaaru
"ހަކުރު ބަލީގައި 21 ކުދިން، މިއީ ރަތް ސިގްނަލެއް"

21 ކުއްޖަކު ހަކުރު ބަލި ތަހައްމަލްކުރުމަކީ ރަތް ސިގްނަލެއް: ފަސްޓް ލޭޑީ

05 ޖުލައި 2024

ރާއްޖޭގައި ކޮންމެ 10 މީހަކުން އެކަކު ހަކުރު ބަލީގައި އުޅޭއިރު އޭގެތެރޭގައި 21 ކުޑަކުދިން މި ބަލި ތަހައްމަލްކުރަމުން ދިއުމަކީ ބައްޔާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހިފައިވާ ކަމުގެ ރަތް ސިގްނަލެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ރާއްޖޭގައި ހަކުރު ބަލި ތަހައްމަލްކުރަމުންދާ 21 ކުޑަ ކުއްޖެއްގެ ކޭސް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ސަފަށް ރާއްޖެ ހިޖުރަ ކުރުމާއެކު އާންމު ސިއްހަތުގެ ހާލަތަށް ވެސް ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރާއްޖޭގައި ކުރިން ގިނައީ ގައިން ގަޔަށް އަރާ ބަލިތައް ކަމަށާއި މިހާރު އެ ބަދަލުވެފައި ވަނީ ގައިން ގަޔަށް ނާރާ، އެހެން ނަމަވެސް ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުން ތަހަންމަލް ކުރަން ޖެހޭ ބަލިތައް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"މިފަދަ ބަލިތަކުގެ ތެރެއިން ހަކުރު ބައްޔަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު މިވަގުތު ތަހައްމަލުކުރަމުންދާ އެއް ބަލި،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި، ކޮންމެ 10 މީހުންގެ ތެރެއިން އެކަކު ހަކުރު ބަލީގެ ޓައިޕް 2ގެ ވޭން އުފުލަމުން ދިއުމަކީ ރާއްޖޭގެ ނިސްބަތުން ސަމާލުކަން ވަރަށް ބޮޑަށް ދޭން ޖެހޭ ވަރުގެ ހިސާބުތަކެެކެވެ.

"މިތާނގައި ފާހަގަކޮށްލަން ޖެހޭ އަނެއް ރަތް ސިގްނަލްއަކީ ހަކުރު ބަލީގެ ޓައިޕް 1 ތަހައްމަލްކުރާ 21 ކުޑަކުއްޖަކު ވެސް މިހާރު ރެކޯޑު ކުރެވިފައިވާ ކަން،" ސާޖިދާ ވިދާޅުވި އެވެ.

މި ބައްޔަކީ ވަރަށް އަވަހަށް ސިއްހަތު ހަލާކުކޮށްލައި ލޮލުގެ ފެނުމާއި ކިޑްނީ އާއި ހިތާއި އެތެރެ ހަށީގެ އެކި ގުނަވަންތަކަށް ހަމަލާދޭ ބައްޔެއް ކަމަށް ވިދާޅުވި އެވެ. މި ބަލީގެ ޝިކާރައަކަށް ނުވުމަށް ދިރިއުޅުމުގެ އާދަތަކުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ވެސް ފަސްޓް ލޭޑީ އިލްތިމާސްކުރެއްވި އެވެ.

ސާޖިދާ ވިދާޅުވީ ހަކުރު ބަލިން ރައްކާތެރިވުމަށްޓަކައި މައިގަނޑު ތިން ފިޔަވަޅެއް އެޅިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއް ކަމަކީ ހަކުރު ބައްޔާ ބެހޭ މައުލޫމާތު އަމިއްލަ ހޯދާ މީހަކަށް ވުން ކަމަށާއި ދެވަނަ ކަމަކަށް އެ މައުލުމާތުތަކުގެ މައްޗަށް ބިނާކޮށް ދިރިއުޅުމުގެ އާދަކާދަތައް އިސްލާހު ކުރަން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު. -- ފޮޓޯ | ރައީސް އޮފީސް

ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު. -- ފޮޓޯ | ރައީސް އޮފީސް

"ދަރިންނަށް އިންޓަވަލް ދޭއިރު ޕާޓީ ބާއްވާއިރު އާއިލީ ބައްދަލުވުންތައް މިފަދަ ކަންކަމަށް ފަރުވާ ތެރިވުން. ކަސްރަތު ކުރުން ފަދަ އާދަތައް ދެމެހެއްޓުން،" ސާޖިދާ ވިދާޅުވި އެވެ.

ތިން ވަނަ ކަމަކަށް އެ ބަލި ތަހަންމަލު ކުރަމުންދާ ފަރާތެއް ނަމަ ފަރުވާ ހޯދައި އިތުރަށް ފަރުވާތެރިކަން ބަހައްޓަން ސަމާލުކަންދޭން ޖެހޭ ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.

"މިގޮތަށް ހޭލުންތެރި ކުރެވިއްޖެ ނަމަ ފެންނަ ނަތީޖާ އުފާވެރިވާނެ. ޑައިބެޓިކް ސޮސައިޓީއަކީ މި ނަތީޖާ ހާސިލް ކުރުމުގައި ރާއްޖޭގައި މީހުން ހައްލެއް ހޯދައިދީ އެހީތެރިކަން ފޯރު ކޮށްދިނުމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ކާމިޔާބު ޖަމިއްޔާއެއް،" އެކަމަނާ ވިދާޅުވި އެވެ.

ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ޑައިބެޓިކް ސޮސައިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

މި ބަލިން އާއްމުން ރައްކާތެރިކޮށްދޭން އެ ޖަމިއްޔާ އިން ރާއްޖޭގައި ކުރާ މަސައްކަތްތައް ފަސްޓް ލޭޑީ ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. ހަކުރު ބައްޔާ މެދު މިހާރަށް ވުރެން ވެސް ބޮޑަށް ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވެ ތިބެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.