Roadha Mihaaru

އަހުމަދިއްޔާ ސްކޫލަކީ ގައުމަށް ލިބުނު އިލްމީ ގަހެއް: ފަސްޓް ލޭޑީ ސާޖިދާ

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ތައުލީމީ ދަނޑުގައި ވަޅުލެވުނު ކުޑަކުޑަ އޮށަކުން ހެދި ބޮޑުވެ، އޭގެ ފޮނި މޭވާތައް ގައުމަށް ލިބެމުންދާ އިލްމީ ގަހެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދިއްޔާއަކީ ގައުމަށް ލިބުނު އިލްމީ ގަހެއް: ސާޖިދާ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ސެޕްޓެމްބަރ 2025

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ތައުލީމީ ދަނޑުގައި ވަޅުލެވުނު ކުޑަކުޑަ އޮށަކުން ހެދި ބޮޑުވެ، އޭގެ ފޮނި މޭވާތައް ގައުމަށް ލިބެމުންދާ އިލްމީ ގަހެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އަހްމަދިއްޔާއިން މަތީ ވަނަތައް ހޯދި ދަރިވަރުންގެ އަގުވަޒަންކޮށް އިނާމު ދިނުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ވިދާޅުވީ އެ ސްކޫލު އުފެދި މިއަދާ ހަމައަށް ދެމި އޮތުމުގައި ވެސް އެތައް ފިލާވަޅުތަކެއް އެކުލެވޭ ކަމަށެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި އެ ސްކޫލަކީ މައްޗަންގޮޅިއަށް ނިސްބަތްވާ ގިނަ ބަޔަކު އަމިއްލައަށް އިންދި ތައުލީމީ ގަހެކެވެ. އެކަމުން ދައްކުވައިދެނީ ޖަމާއަތުގެ ގުޅުމާއި ބެލެނިވެރިންގެ ހިތްތަކުގައި އެކަކު އަނެކަކަށް އޮތް ހެޔޮއެދުމުގެ ރޫހުކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

އަވަށު ސްކޫލެއްގެ ގޮތުގައި އަހުމަދިއްޔާ ހުޅުވީ ފެބްރުއަރީ 21، 1982 ގަ އެވެ. އެންމެ 200 ކުދިންނާ އެކު ސްކޫލުގައި ކިޔަވައިދޭން ފެށިޔަސް މިއަދު އެ ސްކޫލުގައި 2،700 އަށް ވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރެ އެވެ.

އަހުމަދިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވަނީ.

އަހުމަދިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވަނީ.

ސާޖިދާ ވިދާޅުވީ ފަހުރުވެރި އެތައް ވަނައެއް ގައުމީ ފެންވަރުގައި އެ ސްކޫލުގެ ދަރިވަރުން ހޯދަމުން އަންނަ ކަމަށާއި އަހުލާގު ރަނގަޅު ޒިންމާދާރު އެތައް ދަރިންނެއް ބިނާކުރަމުން އަންނަ ކަމަށެވެ.

"އެހެންވީމާ އަަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ދިވެހި ތައުލީމީ ދަނޑުގައި ވަޅުލެވުނު ކުޑަކުޑަ އޮށަކުން މިއަދު ހެދި ބޮޑުވެ އޭގެ ފޮނި މޭވާ ފައްކާވެ ދިވެހި ގައުމަށް ލިބެމުންދާ އިލްމީ ގަހެއް،" ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަން ލިބިވަޑައިގަތުމަކީ އުފާވެރި ވަގުތުކޮޅަކަށް ވަނީ އެއީ އެކަމަނާގެ ތައުލީމީ ހަޔާތް ފެށިގެން ދިޔަ ސްކޫލަށްވާތީ އެވެ. ޝުކުރުވެރިކަމާ އެކު އެ ހަނދާންތައް އާކުރައްވައި ސާޖިދާ ވަނީ އެ ފުރުސަތު ދެއްވުމުން ޝުކުރު އަދާކުރައްވައިފަ އެވެ.

އެހެންވީމާ އަަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ދިވެހި ތައުލީމީ ދަނޑުގައި ވަޅުލެވުނު ކުޑަކުޑަ އޮށަކުން މިއަދު ހެދި ބޮޑުވެ އޭގެ ފޮނި މޭވާ ފައްކާވެ ދިވެހި ގައުމަށް ލިބެމުންދާ އިލްމީ ގަހެއް: ފަސްޓް ލޭޑީ ސާޖިދާ

ސާޖިދާ ވިދާޅުވީ އުނގެނުމުގެ ދަތުރަކީ ނިމުމެއް ނެތް ދަތުރެއްކަން، ދުރަށްދާ ވަރަކަށް ދަރިވަރުންނަށް އެނގޭނެ ކަމަށެވެ. އިލްމުގެ ކަނޑު ވަރަށް ފުން ކަމަށާއި އެ ކަނޑުން މުތް ހޯދުމަށް ހުރިހާ ކުދިން ވެސް މަސައްކަތްކުރަންވާނެ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

އަހުމަދިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ފަސްޓްލޭޑީ ސާޖިދާ ދަރިވަރަކަށް އިނާމު ހަވާލުކޮށްދެއްވަނީ.

އަހުމަދިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ފަސްޓްލޭޑީ ސާޖިދާ ދަރިވަރަކަށް އިނާމު ހަވާލުކޮށްދެއްވަނީ.

ފަސްޓްލޭޑީ ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް އަމިއްލަ ނަފްސަަށް ތެދުވެރި ކުއްޖަކަށް ވުން މުހިއްމު ކަމަށާއި އިސްލާމް ދީނަށް ކަމޭހިތުމާއި ގައުމަށް ވަފާތެރިވުން މުހިއްމު ކަމަށެެވެ. އަހުލާގު ރަނގަޅު ހީވާގި އަދި ރާއްޖެ އާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމު ދިވެއްސަކަށްވުން މުހިއްމުކަން ފާހަގަކުރައްވައި ފަސްޓްލޭޑީ ވިދާޅުވީ އެ ކަންކަމަށް ފަރުވާތެރިވެއްޖެ ނަމަ ދެ ދުނިޔެ ބާއްޖަވެރިވާނެ ކަމަށެވެ.

އެ ކަންކަމަށް ސަމާލުކަން ދެވިއްޖެ ނަމަ، މިނިވަން ބައެއްގެ ގޮތުގައި އިއްޒަތްރި ދިރިއުޅުމެއް އުޅެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ ރަނގަޅު ގޮތުގައި އިލްމު ލިބިއްޖެ ނަމަ، މައިންބަފައިންނަށް ކަމޭ ހިތުމާއި ދުވަސްވީ މީހުންނަށް ގަދަކުރާނެ ކަމަށެވެ. އަދި ކުޑަކުދިންނަށް ވެސް އޯގާތެރިވެ، މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.

އެހެންވެ، ކޮންމެ ކުއްޖަކީ ވެސް ދިވެހިވަންތަ އިސްލާމީ ސިފަތަކުން ސިފަ ލިބިފައިވާ ކުއްޖަކަށް ވުމަށް ފަސްޓްލޭޑީ ނަސޭހަތްތެރިވެވަޑައިގަތެވެ. އެކަން ހާސިލުކުރެވޭނީ ގޭތެރެގޭ މާހައުލުންނާއި ވެށިން ކަމަށްވާތީ ބެލެނިވެރިންނާއި ޓީޗަރުން ވެސް ދަރިވަރުންނަށް ނަމޫނާ ދެއްކެވުމަށް އެދިވަޑައިގަތެވެ.