Roadha Mihaaru
އާ އަޒުމާއި އުއްމީދާ އެކު ދަރިވަރުންނަށް އުފާވެރިކަން

އާ އަޒުމާއި އުއްމީދުތަކާ އެކު ދަރިވަރުންނަށް އުފާވެރި ދުވަހެއް

08 ޖެނުއަރީ 2017

ސްކޫލް ބަންދަށް ލިބުނު އެއް މަސް ދުވަހުގެ ޗުއްޓީގައި އިސްކަންދަރު ސްކޫލުގެ ޖައިޝާން ވަރަށް މަޖާ ނަގައިފި އެވެ؛ ދަތުރު ދިއުމާއި މަސް ބޭނުމާއި ދޯނި ދުއްވުމާއި ރައްޓެހިންނާ އެކު ކުޅިވަރު ކުޅުމުގައި ވަގުތުތައް ދިޔަ ގޮތެއް ވެސް އޭނާއަކަށް ނޭނގުނެވެ. އެ ހުރިހާ ކަމަކުން ސިކުނޑި ތާޒާވެ، އޭނާ މިއަދު ހުރީ މާ އުފަލުންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސްކޫލް ބަންދަށް ލިބުނު އެއް މަސް ދުވަހުގެ ޗުއްޓީގައި އިސްކަންދަރު ސްކޫލުގެ ޖައިޝާން ވަރަށް މަޖާ ނަގައިފި އެވެ؛ ދަތުރު ދިއުމާއި މަސް ބޭނުމާއި ދޯނި ދުއްވުމާއި ރައްޓެހިންނާ އެކު ކުޅިވަރު ކުޅުމުގައި ވަގުތުތައް ދިޔަ ގޮތެއް ވެސް އޭނާއަކަށް ނޭނގުނެވެ. އެ ހުރިހާ ކަމަކުން ސިކުނޑި ތާޒާވެ، އޭނާ މިއަދު ހުރީ މާ އުފަލުންނެވެ.

ދިރާސީ އާ އަހަރެއްގެ ކިޔެވުން އަނެއްކާ ވެސް ފެށުނީ އެވެ. ސްކޫލު ފެށުމުގެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާ ހުރީ މިއަދަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ފޮތްތައް ހަމަކޮށް، އަހަރުގެ ޕްލޭން ވެސް ރާވާލައިގެންނެވެ.

"މަޖާކޮށް ނިމުނީ، ވަރަށް ސީރިއަސްކޮށް ކިޔަވަން އަޒުމް ކަނޑައަޅައިގެން ސްކޫލަށް މި އައީ. ޗުއްޓީ ހޭދަ ކުރި ރޫޓީން ބަދަލުކޮށް، ވަރަށް ބޮޑަށް ތައްޔާރު ވެސް ވިން،" މި އަހަރު ގްރޭޑް 10ގައި ކިޔަވާ ޖައިޝާން ބުންޏެވެ.

ޖައިޝާންއެކޭ އެއްގޮތަށް، ހެނދުނު 6:45 ގައި އަމީނިއްޔާ އާއި އަރަބިއްޔާ ސްކޫލްގެ ދޮރުމަތީގައިި ތިބި ދަރިވަރުން ވެސް ތިބީ އެ އަޒުމުގަ އެވެ. ސްކޫލުގެ ރަނގަބީލު ޖަހައި ގޭޓު ހުޅުވާނެ ވަގުތަކަށް އެ ކުދިން ތިބީ ބަލަ ބަލަ އެވެ. ސްކޫލު ކައިރި އަށް އާދެވުމާ އެކު ބައެއް ކުދިން ބެލެނިވެރިން އަތުން ފޮތް ދަބަސް އަތުލި އެވެ.

"ބެލް ޖަހަންދެން ވެސް މަޑެއް ނުކުރި. ބޭނުންވީ ހަމަ އެ ބަރު ދަބަސް އަޅުވައިގެން އަވަހަށް ވަންނަން،" ދަރިފުޅު ގޮވައިގެން، ސްކޫލު ދޮށަށް ގޮސް ހުރި އަރަބިއްޔާގެ ބެލެނިވެރިޔަކު ބުންޏެވެ.

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް މިއަދު އެސެމްބްލީގައި މަޑުކޮށްލައިގެން.--- ފޮޓޯ: ނަސްރުﷲ ސޯލިހް

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް މިއަދު އެސެމްބްލީގައި މަޑުކޮށްލައިގެން.--- ފޮޓޯ: ނަސްރުﷲ ސޯލިހް

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ބުނި ގޮތުގައި، އާ ފޮތްތަކާއި އާ ޔުނިފޯމުގެ އިތުރުން ވެސް އެންމެ ބޮޑު އުންމީދަކީ މި އަހަރު ވެސް ވަރަށް ގިނަ އާ ކަންތައްތަކެއް ދަސްވުމެވެ.

ގިނަ ކުދިންގެ މޫނު މަތިން މިއަދު ފެންނަނީ އުފާވެރި ކަމެވެ. އަނެއްކާ ވެސް އާ އަހަރާ ކުރިމަތިލީ އާ އުއްމީދުތަކަކާ އެކުގަ އެވެ.

"މި އަހަރުގެ ޓާގެޓަކީ މިދިޔަ އަހަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދުން. އެއާ އެކު އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ އިތުރު ހުނަރުތަކެއް ހޯދުން،" ޖަމާލުއްދީން ސްކޫލްގެ ގްރޭޑް ފަހެއްގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.

ހުރިހާ ސްކޫލްތަކެއްގެ ވެސް ކިޔެވުން މިއަދު ފެށީ ހާއްސަ އެސެމްބްލީ އަކުންނެވެ. ގިނަ ސްކޫލްތަކުގައި މާބޮޑު ކިޔެވުމެއް ނެތެވެ. މިއަދު އޮތީ ދަރިވަރުންނާއި ޓީޗަރުން ތައާރަފްވެ އެކަކު އަނެކަކަށް ދަސްވުމެވެ.

ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް އެސެމްބްލީގައި: އާ އަހަރަށް ސްކޫލްތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް އެސެމްބްލީގައި: އާ އަހަރަށް ސްކޫލްތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްކޫލްތައް 100 ޕަސެންޓް ތައްޔާރު!

ދަރިވަރުންނަށް މަރުހަބާ ކިޔަން ސްކޫލްތައް އޮތީ ޒީނަތްތެރިކޮށްފަ އެވެ. ސްކޫލްތައް ވަށައިގެން ފެންނަނީ ދަރިވަރުންނަށް ދީފައިވާ ނަސޭހަތާއި އިރުޝާދުގެ ލިއުންތަކެވެ. ސްކޫލްތަކުގެ ބޭރުން ފެންނަ އެ ލިއުންތަކުގެ އިތުރުން ވެސް ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތަކަށް ހާއްސަކޮށްގެން، ވަރަށް ގިނަ ކަންކަން ސްކޫލްތަކުން ވަނީ ރާވައިފަ އެވެ.

ދިރާސީ އާ އަހަރުގެ އަޒުމްތަކާ ގުޅޭގޮތުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރާސީ އާ އަހަރުގެ އަޒުމްތަކާ ގުޅޭގޮތުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވީ ސްކޫލް ފެށުމުގެ މާ ކުރިން ވެސް ދަރިވަރުންގެ ކަންކަމަށް ސްކޫލް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ވަސީލަތްތައް ވެސް ހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓީޗަރުން ހަމަ، ވަސީލަތްތައް ވެސް ވަނީ ފުރިހަމަ ވެފައި. އަބަދުވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރަން،" ހުސައިން ވިދާޅުވި އެވެ.

އެ ސްކޫލުގެ މި އަހަރުގެ އެންމެ ބޮޑު އަމާޒަކީ، ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، އެކި މާއްދާތަކުން ދަށް ކުދިން ބަލައި އެ ކުދިންނަށް އެހީތެރިކަން ދިނުމެވެ. އެއާއެކު، ކުދިންގެ އަހުލާގު ރަނގަޅުކުރަން މިދިޔަ އަހަރަށް ވުރެ ވެސް ބޮޑަށް މި އަހަރު ސްކޫލުން މަސައްކަތް ކުރާނެ ކަމަށް އެނާ ވިދާޅުވި އެވެ.

"މި އަހަރަކީ ވެސް ވަރަށް ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" ހުސައިން ވިދާޅުވި އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލު ގޯތިތެރޭގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލު ގޯތިތެރޭގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ވެސް އަޒުމަކީ އެއީ އެވެ؛ އަހުލާގު ރަނގަޅު ދަރިވަރުންތަކަކާ އެކު ތައުލީމީ ރަނގަޅު ނަތީޖާއެއް ހޯދުމެވެ.

"މި އަހަރުގެ ވެސް އަމާޒަކީ ތައުލީމީ ގޮތުން އާ އުސްމިންތަކަކަށް ސްކޫލް ގެންދިއުން. އެއާއެކު ކުޅިވަރާއި އިތުރު ހަރަކާތްތައް ވެސް ރަނގަޅު ފެންވަރަކަށް ކުރި އަށް ގެންދިއުން،" އަހްމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ބ. އޭދަފުށީ ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވި ގޮތުގައި އެ ސްކޫލުގެ ހުރިހާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކޮށް، ފާހަގަކޮށްލެވޭ ފަދަ ކާމިޔާބެއް ހޯދުމަކީ ވަރަށް ބޮޑު އަޒުމެކެވެ.

"އޯ ލެވެލް އާއި އޭ ލެވެލް އިން ވެސް ރަނގަޅު ނަތީޖާއެއް ހޯދުން އެންމެ ބޮޑު އަމާޒަކީ. އޭލެވެލް ހެދި ދަރިވަރެއްގެ ނަތީޖާ އިން ބައިނަލްއަގުވާމީ ގޮތުން ވަރަށް ބޮޑު ކާމިޔާބީއެއް މި ސްކޫލަށް މިދިޔަ އަހަރު ލިބުނު. އެންމެން ގުޅިގެން އެ އަމާޒަށް ވާސިލްވުން ބޭނުމަކީ،" ރަފީއު ވިދާޅުވި އެވެ.

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ-- ފޮޓޯ: ނަސްރުﷲ ސޯލިހް

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ-- ފޮޓޯ: ނަސްރުﷲ ސޯލިހް

ގާތްގަނޑަކަށް 30 އަހަރު ފަހުން، 2015 ގައި ގައުމީ އާ މަންހަޖު ސްކޫލްތަކަށް ތައާރަފްކޮށް، ތައުލީމީ ދާއިރާ މިހާރު އޮތީ ވަރަށް ރަނގަޅު މިސްރާބެއްގައި ކަމަށް ގިނަ ސްކޫލްތަކުން ދެކެ އެވެ.

ކުރިން ކިޔަވަދީ އުޅުނު ގޮތްތަކާ މުޅިން ހިލާފަށް، އާ ފޮތްތަކަކާ އެކު ވޭތުވެދިޔަ ދެ އަހަރު ކުދިންނަށް ވަނީ ކީ ސްޓޭޖް އެކެއް އަދި ދޭއް ތައާރަފްކޮށްފަ އެވެ. މި އަހަރު ކީ ސްޓޭޖް ތިނެއް ހާއްސަކޮށްފައި ވަނީ ގްރޭޑް ހަތެއްގެ ދަރިވަރުންނަށެވެ.

މާފަންނު މަދަރުސާގެ ދަރިވަރުންތަކެއް ކުލާހުގައި. -- ފޮޓޯ: ނަސްރުﷲ ސޯލިހް

މާފަންނު މަދަރުސާގެ ދަރިވަރުންތަކެއް ކުލާހުގައި. -- ފޮޓޯ: ނަސްރުﷲ ސޯލިހް

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ތައުލީމީ ދާއިރާ އަށް މުޅިން އާ ބަދަލުތަކަކާ އެކު މި އަހަރަކީ ވެސް ދަރިވަރުންނަށް ކާމިޔާބު އަހަރަކަށް ހެދުމަށް ގިނަ ކަންކަން ވަނީ ރާވައިފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ހާއްސަ އެއް ކަމަކީ، ކިޔެވުމުގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ވީހާ ވެސް ބޮޑަށް ދަރިވަރުން ކިޔެވުމަށް ޝައުގުވެރި ކުރުވުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ވެސް، ތައުލީ ދާއިރާގެ ޝިއާރު ކަމަށްވާ "އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ވައުދާ" އެކު ދަރިވަރުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ ދެއްވައިފަ އެވެ.