Roadha Mihaaru
ހަކުރު ބަލީގެ ދުވަސް: އެނގުން މުހިއްމު ކަންތައްތަކެއް

ހަކުރު ބަލީގެ ދުވަސް: އެނގެން ޖެހޭ މުހިއްމު ކަންތައްތަކެއް

14 ނޮވެމްބަރ 2021

ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅުންހުރި ކަމަކަށް ވުމުން ކޮންމެ މީހަކު ވެސް އަހަރަކު އެއް ފަހަރު ހަކުރު ބައްޔަށް ޓެސްޓުކުރުން ވަރަށް މުހިއްމެވެ. އާއިލާގައި ހަކުރު ބަލީގެ މީހަކު ހުރެއްޖެ ނަމަ އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅުންހުރި ކަމަކަށް ވުމުން ކޮންމެ މީހަކު ވެސް އަހަރަކު އެއް ފަހަރު ހަކުރު ބައްޔަށް ޓެސްޓުކުރުން ވަރަށް މުހިއްމެވެ. އާއިލާގައި ހަކުރު ބަލީގެ މީހަކު ހުރެއްޖެ ނަމަ އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. އަހުމަދު އަބްދުﷲ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. އެއާއެކު، ސިއްހީ އެހެން މައްސަލަތަކަށް ނުރައްކާ އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ކިޑްނީގެ ބަލިތަކާއި ސްޓްރޯކާއި ހާޓްއެޓޭކް ޖެހުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ހަކުރު ބައްޔާއި އެ ބަލީގެ ސަބަބުން ކުރިމަތިވާ އެހެން ގޮންޖެހުންތަކުން ރައްކާތެރިވުމަށް، 40 އަހަރުވުމަށް ފަހު ހެލްތު ސްކްރީނިން ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

"ލައިފްސްޓައިލާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ހަކުރު ބައްޔަކީ. ކެލޮރީ ހައި ވުމާއި ބަރުދަން މައްޗަށް ދިއުމަކީ ވެސް އެ ބައްޔަށް ހުށަހެޅުމަށް މަގުފަހިވާ ކަމެއް. އެހެންވެ، ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް،" ޑރ. އަހުމަދު ވިދާޅުވި އެވެ.

ހަކުރު ބައްޔަކީ ހަށިގަނޑުގައި ހަކުރު ހުންނަން ޖެހޭ ވަރަށްވުރެ އިތުރުވެފައި ހުރުމެވެ. ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރުވެފައިވާނަމަ ހަށިގަނޑުގެ ބައެއް މުހިއްމު ގުނަވަންތަކަށް އޭގެ ނޭދެވޭ އަސަރުތައް ކުރަން ފަށަ އެވެ.

ހަކުރު ބަލި ކޮންޓްރޯލް ނުވެއްޖެނަމަ ކުރިމަތިވެދާނެ މައްސަލަތައް

- ލޮލުގެ ފެނުމަށް ބަދަލު އައުން

- ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ހިނގުމުގައި ދަތިވެ، ބައެއް ހާލަތްތަކުގައި އަތް ނޫނީ ފައި ބުރިކޮށްލަން ޖެހުން

- ސިކުނޑީގެ ބަލިތައް ޖެހުން

- ކިޑްނީގެ ބަލިތައް ޖެހުން

ހަކުރު ބަލި ހުރިކަމަށް ޝައްކުކުރެވޭ ނިޝާންތައް

- އަވަސް އަވަހަށް ކުޑަކަމުންދާން ޖެހުން

- އާދަޔާ ހިލާފަށް ވަރުބަލިވުން

- އަތްފައި އައްސިވުން

- ކުޑަކަމުދާ ނިޒާމާ، ހިރުގަނޑު އަދި ހަމުގެ ބަލިތައް ޖެހުން އަވަސްވުން

ބައެއް ފަހަރު ހަކުރު ބަލީގެ އެއްވެސް އަލާމާތެއް ނެތި ވެސް ހަކުރު ބަލީގެ މީހުން އުޅެ އެވެ.

ބައްޔަށް އޮތް ފަރުވާ

- ހަކުރު އަޅައިގެން ކާބޯތަކެތި ބޭނުން ނުކުރުން

- ދުވާލަކު ގާތްގަނޑަކަށް 30 މިނެޓު ވަންދެން އަދި ހަފުތާއަކު މަދުވެގެން ފަސް ދުވަހު ކަސްރަތުކުރުން

- ކެއުމުގައި ކާބޯހައިޑްރޭޓްސް (ހަނޑޫ، ފުށް، ފަލަމަޑީގެ ބާވަތްތައް) މަދުން ބޭނުންކުރުން

ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އާއިލާގައި ހަކުރު ބަލީގެ މީހަކު ހުރުން ހިމެނެ އެވެ. ލޭގެ ޕްރެޝާ ނުވަތަ ލޭގައި ސަރުބީ މައްޗަށް ދިއުމާއި ހަށިގަނޑަށް ލިބެންވާ ކަސްރަތު ގަވައިދުން ލިބެމުން ނުދިއުމަކީ ވެސް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމެކެވެ.

މަކުނުދޫގައި ހަކުރު ބައްޔަށް މިއަދު ޓެސްޓުކުރަނީ.- ފޮޓޯ: މަކުނުދޫ ހެލްތު ސެންޓަރު

މަކުނުދޫގައި ހަކުރު ބައްޔަށް މިއަދު ޓެސްޓުކުރަނީ.- ފޮޓޯ: މަކުނުދޫ ހެލްތު ސެންޓަރު

ހަކުރު ބަލީގެ ވައްތަރުތައް

ޓައިޕް 1 ހަކުރު ބަލި:

މި ވައްތަރުގެ ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދަނީ ވަރަށް މަދުންނެވެ. ޓައިޕް އެކެއްގެ ހަކުރު ބަލި އާއްމުކޮށް ޖެހެނީ ކުޑަކުދިންނާއި ޒުވާނުންނަށެވެ. އެ ކުދިންނަށް ކޮންމެ ދުވަހަކު އިންސިއުލިން އިންޖެކްޝަން ޖަހަންޖެހެ އެވެ.

ޓައިޕް 2 ހަކުރު ބަލި:

މި ވައްތަރުގެ ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދަމުންދިޔަ ކަމުގައި ވިޔަސް އޭގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެ އެވެ. ބައެއް މީހުންގެ ގައިގައި ބޭނުންވާ ވަރަށް އިންސިއުލިން އުފައްދައެއް ނުދެ އެވެ.

އެ ބާވަތުގެ ހަކުރު ބަލީގައި ގުޅަބޭސް ބޭނުންކުރެ އެވެ. ބައެއް ހާލަތްތަކުގައި އިންސިއުލިން ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަންޖެހެ އެވެ.

މާބަނޑު ދުވަސްވަރު ޖެހޭ ހަކުރު ބަލި:

ހަށިގަނޑަށް އަންނަ ބަދަލުތަކާއެކު ބައެއް އަންހެނުންނަށް މާބަނޑު ދުވަސްވަރު ހަކުރު ބަލި ޖެހެ އެވެ. ނަމަވެސް ވިހެއުމުން ގިނަ މީހުންގެ ހަކުރު ކޮންޓްރޯލްވެގެންދެ އެވެ.

ޑރ. އަހުމަދު ވިދާޅުވީ މާބަނޑު ދުވަސްވަރު ހަކުރު ބަލި ޖެހޭ މީހުން ގަވައިދުން އަހަރަކު އެއް ފަހަރު ހަކުރު ބައްޔަށް ޓެސްޓުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެ އަންހެނުންނަށް ހަކުރު ބަލި ޖެހެނީ ކޮންމެ ވެސް މައްސަލައެއްގެ ސަބަބުން ކަމަށާއި އެހެންވެ، ކުރިއަށް އޮތް ތަނުގައި އެ ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ފާހަގަކުރާ މި އަހަރުގެ ހަކުރު ބަލީގެ ދުވަހަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "ހަކުރު ބަލީގެ ފަރުވާގެ ފަހިކަން އެންމެންނަށް" އެވެ. ޑރ. އަހުމަދު ވިދާޅުވި ގޮތުގައި، ހަކުރު ބަލީގައި އެންމެ މުހިއްމީ ގޭގައި އަމިއްލައަށް ހަކުރު މޮނީޓާކޮށްގެން ކޮންޓްރޯލްކުރުމެވެ.

ނަމަވެސް އާސަންދައިގެ ތެރެއިން ހަކުރު މޮނީޓާކުރާ ގްލޫކޯ މީޓާ ޑިވައިސް ލިބޭނެ ގޮތް ހަމަޖެއްސުމަކީ ދިގު މުއްދަތަކަށް ބަލާނަމަ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ 420 މިލިއަން މީހުންނަށް ވުރެ ގިނަ މީހުން މި ވަގުތު ވެސް ހަކުރު ބައްޔަށް ފަރުވާ ހޯދާ ކަމަށެވެ. އެ ބަލި ޖެހުނު މީހުންގެ އަދަދު 1980 ވަނަ އަހަރު ފަހުން ހަތަރު ގުނަ އިތުރުވެފައިވާއިރު، މި ގަރުނު ނިމޭއިރު އެ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ބިލިއަނަކަށް އަރާނެ ކަމަށް ބުންޏެވެ.

މައުލޫމާތު: ޑައިބެޓީސް ސޮސައިޓީ