14 ނޮވެމްބަރ 2019
ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅިގެން، ހަކުރު ބައްޔަށް ހިލޭ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އައިޖީއެމްއެޗާއި އެސްޓީއޯ އަދި އޭޑީކޭ ފާމަސީ ގުޅިގެން މިއަދު ކުރިއަށް ގެންގޮސްފި އެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅިގެން، ހަކުރު ބައްޔަށް ހިލޭ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އައިޖީއެމްއެޗާއި އެސްޓީއޯ އަދި އޭޑީކޭ ފާމަސީ ގުޅިގެން މިއަދު ކުރިއަށް ގެންގޮސްފި އެވެ.
ނޯތު ހާބަރާއި ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހެނދުނު 10:00 އިން 12:00 އަށް އަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ގިނަ ބަޔަކު ވަނީ ހަކުރު ބައްޔަށް ޓެސްޓްކޮށް، ބައްޔާ ބެހޭ މައުލޫމާތު ހޯދައިފަ އެވެ.
ހަކުރު ބައްޔަކީ، އެ ބަލި އަވަހަށް ދެނެގަނެވިއްޖެ ނަމަ ކޮންޓްރޯލް ކުރެވޭނެ ބައްޔެކެވެ. އަދި ފަރުވާ ނުކުރެވިއްޖެ ނަމަ ފުރާނައަށް ނުރައްކާ ވެދާނެ ބައްޔެކެވެ. ހަކުރު ބައްޔާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ޑައެބެޓީސް ފެޑަރޭޝަން (އައިޑީއެފް) އިން ބުނާ ގޮތުގައި މި ބަލި ހުންނަ ދެބައިކުޅަ އެއްބައި މީހުންނަކީ، މި ބަލި ހުންނަކަން ނޭނގޭ މީހުންނެވެ.
ހަކުރު ބައްޔަށް ޓެސްކުރަން ދިޔަ މީހެއްގެ ލޭގެ ޕްރެޝަރު ބަަލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އާއިލާ އާއި ހޭލުންތެރިކަން" ޝިއާރުގެ ދަށުން ހަކުރު ބަލީގެ ދުވަސް ފާހަގަކުރަން ނޯތު ހާބަރުގައި ކުރިއަށް ގެންދިޔަ ކޭމްޕުގައި އުޅުއްވި އައިޖީއެމްއެޗްގެ ޑޮކްޓަރު އަބްދުﷲ އިސްނީން ހިލްމީ ވިދާޅުވީ އެތަނުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި 75 އަށް ވުރެ ގިނަ މީހުން ޓެސްޓްކުރި ކަމަށެވެ. ޕްރޮގްރާމްގައި ބައިވެރިވި މީހުންގެ ތެރޭގައި ގިނައީ ބޯޓު ފަހަރުގައި މަސައްކަތްކުރާ އުމުރުން 30-40 އާ ދެމެދުގެ ދިވެހި ފިރިހެނުންނާއި ޒުވާން ބިދޭސީން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެ، ހަކުރު ބައްޔަށް ޓެސްޓު ކުރި 43 އަހަރުގެ އަބްދުﷲ އަލީ މަނިކު ބުނީ މި ޕްރޮގްރާމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަހަރަކު އެއްފަހަރު މިފަދަ ޕްރޮގްރާމް ހިންގުމުގެ ބަދަލުގައި އަހަރަކު ދެތިން ފަހަރު މި ފަދަ ޕްރޮގްރާމް ހިންގާ ނަމަ ގިނަ މީހުންނަށް ފައިދާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.
Dr. Moosa Murad - Consultant in Internal Medicine#WorldDiabetesDay2019 #IGMH@IntDiabetesFed @dsmaldives@MoHmv pic.twitter.com/SYXWIq9G1k
— IGMH (@igmhmv) November 14, 2019
އައިޖީއެމްއެޗް އިން މިއަދު ކުރި ޓްވީޓެއް
ހަކުރު ބައްޔަކީ، ހަށިގަނޑުން އެކަށީގެންވާ ވަރަށް އިންސިއުލިން ހޯމޯން އުފައްދައިނުދިނުމުން ނުވަތަ އުފައްދާ އިންސިއުލިން އިން ކުރަންވާ މަސައްކަތް ނުކުރެވުމުން ޖެހޭ ދާއިމީ ބައްޔެކެވެ. އިންސިއުލިން އަކީ ކާބޯހައިޑްރޭޓްސް ގުލްކޯޒަށް ބަދަލުކުރުމުން، އެ ގުލްކޯޒް ލޭގެ ތެރެއަށް ދަތުރުކުރަން އެހީވެދޭ މާއްދާ އެވެ. އެ ހޯމޯން ނެތިއްޖެ ނަމަ، ހަށިގަނޑުގައި ހަކުރު ގިނަވެ، ގުނަވަންތަކަށް ގެއްލުންވެ އެވެ.
ހަކުރު ބަލީގެ ހުންނަނީ މައިގަނޑު ތިން ބާވަތެކެވެ. ކުޑަކުދިންނަށް އާންމުކޮށް ޖެހެނީ ޓައިޕް ވަން ޑައެބެޓީސް އެވެ. އެއީ އިންސިއުލިން އުފައްދާ ގުނަވަނަށް ދިފާއީ ނިޒާމު ހަމާލާދިނުމުން ޖެހޭ ހަކުރު ބަލީގެ ބާވަތެވެ. ޓައިޕް ޓޫ ޑައިބެޓީސް އާންމުކޮށް ޖެހެނީ ބޮޑެތި މީހުންނަށެވެ. މި ބަލި ކޮންމެ އުމުރެއްގައި ވެސް ޖެހުން އެކަށީގެން ވެ އެވެ. އަނެއް ވައްތަރަކީ މާބަނޑު މީހުންނަށް ޖެހޭ ހަކުރު ބައްޔެވެ. ބަނޑުބޮޑު އިރު މި ބަލި ޖެހިއްޖެ ނަމަ، މައިމީހާ އާއި ބަނޑުގައިވާ ދަރިފުޅަށް ޓައިޕް ޓޫ ޑައެބީޓީސް ފަހުން ޖެހުމުގެ ބިރު ބޮޑެވެ. މައި މީހާ އަށް މި ބަލި އާންމުކޮށް ޖެހެނީ ވިހާތާ 5-10 އަހަރު ފަހުންނެވެ.
ހަކުރު ބައްޔަށް ސްކްރީން ކުރަން ނޯތު ހާބަރުގައި ހިންގި ޕްރޮގްރާމުގައި ހަކުރު ބަލި ހުންނަ މީހުންނަށް، ކެއުމުގެ އާދަތަކާ ގުޅޭގޮތުން މައުލޫމާތު ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހަކުރު ބައްޔާ ގުޅޭގޮތުން، ހޭލުންތެރިކަން އިތުރުކުރަން އައިޖީއެމްއެޗުން އަންނަނީ މިއަދު ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އެ ހޮސްޕިޓަލުން ޕޯސްޓުކުރި ވީޑީއޯއެއްގައި ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، ޓައިޕް ޓޫ ޑައެބީޓީސް އާންމުގޮތެއްގައި ޖެހެނީ އެމީހަކަށް ގެންގުޅެވޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ކަމަށެވެ.
މި އަހަރުގެ ޝިއާރުގެ މަގްސަދަކީ، ހަކުރު ބަލި ހުންނަ މީހުންގެ އާއިލާ މެމްބަރުން އެ ބައްޔާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ހަކުރު ބަލީގެ އަލާމާތްތައް ދެނެގަންނަން ދަސްކުރުމުގެ މުހިއްމުކަން އަންގައިދިނުމެވެ. އައިޑީއެފް އިން މިދިޔަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ފަސް ބެލެނިވެރިއެއްގެ ތެރެއިން ހަތަރު މީހަކަށް، ހަކުރު ބަލީގެ އަލާމާތްތައް ދެނެގަންނަން އުނދަގުލެވެ. އަދި ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކަށް މި ބަލި ދެނެގަންނަން އެއްގޮތަކަށް ނޭނގޭކަމަށް އެތަނުން ބުންޏެވެ.
- އަވަސް އަވަހަށް ކުޑަކަމު ދިއުން
- އަބަދު ކަރުހިއްކާފައި ހުރުން
- ގަވައިދުން ކެޔަސް އަބަދު ބަނޑުހައިވުން
- ވަރަށް ބޮޑަށް ވަރުބަލިވުން
- ލޮލުގެ ފެނުން ފުސްވުން
- ކުދި ޒަހަމްތައް ވެސް ރަނގަޅުވާން ގިނަ ދުވަސް ނެގުން
- ގަވާއިދުން ކެޔަސް ބަރުދަން ލުއިވުން (ޓައިޕް ވަން ޑައެބެޓީސް)
- އަތް، ފައި އައްސިވުން (ޓައިޕް ޓޫ ޑައެބީޓީސް)
ހަކުރު ބައްޔަށް ފަރުވާ ނުކުރެވިއްޖެ ނަމަ ކިޑްނީ ފެއިލްވެ ލޮލުގެ ފެނުން ގެއްލި އަދި އަތްފައި ބުރިކޮށްލަން ޖެހޭ ހިސާބަށް ވެސް ހިނގައިދާނެ އެވެ.
މިދިޔަ މާޗު މަހު ހެލްތު މިނިސްޓްރީން ވަނީ ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމެއް އިފްތިތާހުކޮށްފަ އެވެ. އެ ޕްރޮގްރާމުގެ ދަށުން ހަކުރު ބައްޔާ ދިވެހިން ދުރުކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި އެވެ. ކޮންމެ 100 ދިވެހިންގެ ތެރެއިން އަށް މީހުންނަކީ ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނެވެ.
ކެންސަރު ދެނެގަތުމުގެ މެޝިން ގެންނަން ހަވާލުކޮށްފި
ހަކުރު ބަލީގެ ދުވަސް: އެނގުން މުހިއްމު ކަންތައްތަކެއް
އެންމެ ކުޑަ އަގު މެޑްޓެކުން، ބޮޑު އަގު އެސްޓީއޯއިން
ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް
ހަކުރުބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކޮށްފި
ހަކުރު ބަލީގެ ނުރައްކާ ބޮޑު، ހާއްސަ ހަރަކާތްތަކެއް
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
"ކިއު ކުޑަވާނީ ސްޕެޝަލިޓީގެ އިތުރު ހޮސްޕިޓަލްތައް އަޅައިގެން"
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އެނދު އިތުރުކޮށް، ދަރުމަވަންތަ އެއްކޮށް ބޭނުންކުރަނީ