Roadha Mihaaru
ހަކުރުބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކޮށްފި

ހަކުރުބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކޮށްފި

21 މާޗް 2019

ހަކުރުބަލީގެ ގައުމީ ޕްރޮގްރާމް ކ. ތުލުސްދޫގައި މިއަދު އިފްތިތާހުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހަކުރުބަލީގެ ގައުމީ ޕްރޮގްރާމް ކ. ތުލުސްދޫގައި މިއަދު އިފްތިތާހުކޮށްފި އެވެ.

މިއީ ހަކުރުބަލިން އާންމުން ރައްކާތެރިކުރުމަށާއި އެ ބަލީގެ ފަރުވާތައް ހަރުދަނާކުރުމަށް ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗް ގުޅިގެން ފެށި ޕްރޮގްރާމެކެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) ގުޅިގެން 2015 ވަނަ އަހަރު ހެދި ދިރާސާއަކާ ހަވާލާދެއްވައި ހެލްތު މިނިސްޓަރު އަމީން މި ރަސްމިއްޔާތުގައި ވިދާޅުވީ ކޮންމެ 100 ދިވެހިންގެ ތެރެއިން އަށް މީހުންނަކީ ހަކުރުބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުން ކަމަށެވެ. އަދި ދިވެހިންގެ އާދަކާދަތައް ހުރި ގޮތުން އެ ބަލި ޖެހުމުގެ ބިރު އޮތް މީހުން ގިނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރަން ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަދައްކަވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ

ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރަން ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަދައްކަވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ

"މި ފަދަ ބަލިތަކަކީ އެ ބަލި ވާރުތަވުމުގެ ފުރުސަތު ނުދިނުމަށް ރައްކާތެރިވާން ކުރެވިދާނެ ކަންތައް ހުރި ބަލިތަކެއް. ނުވަތަ ބަލި ނުޖެހި ގިނަ ދުވަހު ދިރިއުޅުމަށް މަސައްކަތް ކުރެވިދާނެ. މިހެން ކަންތައް ހުރުމުން އަޅުގަނޑުމެންގެ މުޖްތަމައުގެ ތެރޭގައި ސިއްހަތު ރަނގަޅު ކުރަން ކަންތައްތައް އިތުރުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮގްރާމުުގެ ދަށުން މި ބައްޔާ ދިވެހިން ދުރުކުރަން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުން ބޭނުންވާ ކަށިތައް އާސަންދައިގެ ދަށުން ލިބޭނެ ގޮތް ވެސް މުސްތަގްބަލުގައި ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި އެވެ.

މި ޕްރޮގްރާމު ފެށުމުގެ ގޮތުން ތުލުސްދޫގައި ހަކުރުބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުދިންނަށް ބޭނުންވާ ހަކުރު ޓެސްޓުކުރާ މެޝިނުތަކެއް އެ ރަށު ސިއްހީ މަރުކަޒަށް ހަދިޔާ ކުރި އެވެ. އެ މެޝިނުތަކާ ހަވާލުވީ އެ މަރުކަޒުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު އަހުމަދު ރަޝީދެވެ.

ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރަން ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ހެލްތު މިނިސްޓްރީ

ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރަން ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ހެލްތު މިނިސްޓްރީ

މީގެ އިތުރުން ހަކުރު ބައްޔާ ގުޅޭ ތަމްރީން ކޭމްޕެއް އެ ރަށުގައި މިރޭ ފަށާނެ އެވެ. އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގައި ކ. އަތޮޅުގެ އެހެން ރަށްތަކުން ނަރުހުންނާއި ޑޮކްޓަރުން ބައިވެރިވާނެ އެވެ. އަދި މި ހަރަކާތުގައި ހަކުރުބައްޔާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ އިތުރުން އެ ބައްޔަށް ސްކްރީންކުރުމާއި، ބަލީގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރާނެ އެވެ. އަދި އެ ކަންތަކަށް އެންމެ އެކަށީގެންވާ ފަރުވާ ވެސް ދަސްކޮށްދޭނެ އެވެ.

ހަކުރުބަލީގެ ފަރުވާތައް ހަރުދަނާކޮށް އިތުރަށް ތަރައްގީކުރަން ފެށި މި ޕްރޮގްރާމުގެ ދަށުން "ވަން ސްޓޮޕް ޑައިބީޓީސް ސެންޓަރު" އެއް އައިޖީއެމްއެޗްގައި އަންނަ މަހު ހުޅުވޭނެ އެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ކޮންސަލްޓަންޓް ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ ހަކުރުބައްޔަށް ފަރުވާ ހޯދަން ދިމާވާ ބައެއް ގޮންޖެހުންތައް އެ ސެންޓަރު މެދުވެރިކޮށް ހައްލު ކުރާނެ ކަމަށެވެ. ބަލި ހުރި ކަމަށް ޑައިގްނޯޒްވުމަށް ފަހު އިތުރު ފަރުވާއަށް ދާން ގިނަ ދުވަސްވާ ކަން ފާހަގަކޮށް، އެ ސެންޓަރު ހުޅުވުމުން އެކަމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ލޮލުގެ ޓެސްޓު ހެދުމާއި ޑައެޓީޝަނަކާ ބައްދަލުކުރުން ހިމެނެ އެވެ.

ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރަން ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ޑރ. އަލީ ލަތީފް ވާހަކަދައްކަވަނީ -- ފޮޓޯ: ހެލްތު މިނިސްޓަރު

ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރަން ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ޑރ. އަލީ ލަތީފް ވާހަކަދައްކަވަނީ -- ފޮޓޯ: ހެލްތު މިނިސްޓަރު

މީގެ އިތުރުން އަތޮޅުތަކުގައި ތިބޭ ހަކުރުބަލި ޖެހިފައި ހުންނަ މީހުންނަަށް ފަސޭހައިން ފަރުވާ ދޭން ޓެލެމެޑިކަލް ކްލިނިކެއް ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭރުން ބަލީގެ ސަބަބުން ދިމާވާ މައްސަލަތަކަށް ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ، އެ ރަށެއްގައި ހުރެގެން ލިބޭނެ އެވެ.

މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫންކަން ފާހަގަކޮށް، އާއިލީ ގޮތުން ވާރުތަވި ނަމަވެސް ދިރިއުޅުމުގެ އާދަތައް ރަނގަޅަށް ބަހައްޓަން ޖެހޭ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ. އަދި އެ ބައްޔާ ދުރުވާން ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި ކަސްރަތުކުރުމުގެ މުހިއްމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.