Roadha Mihaaru
ސިއްހީ ވޮލެންޓިއަރުންނަށް އައިޖީއެމްއެޗުން ހުޅުވާލައިފި

ސިއްހީ ވޮލެންޓިއަރުންނަށް އައިޖީއެމްއެޗުން ހުޅުވާލައިފި

19 މާޗް 2020

ސިއްހީ ވޮލެންޓިއަރުންނަށް ވުމަށް އައިޖީއެމްއެޗް އިން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިއްހީ ވޮލެންޓިއަރުންނަށް ވުމަށް އައިޖީއެމްއެޗް އިން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްގެ އެންގުމެއްގައި ބުނީ ކޮވިޑް-19 ފެތުރޭތީ އެ ބައްޔަށް ފަރުވާ ދޭން ބޭނުންވާ ސިއްހީ ޕްރޮފެޝަނަލް ހިދުމަތްތެރިން މަސައްކަތަށް ނުކުތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިކަން ހުރި މީހުން، 7980282 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އައިޖީއެމްއެޗުން އެދެ އެވެ.

"އެފަދަ ހިދުމަތްތެރިންނަކީ ގައުމަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބޭ ބަޔަކަށްވާތީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި މަގުސަދުގައި މަސައްކަތަށް ނުކުތުމަށް ތިޔަ އެންމެހާ ސިއްހީ ހިދުމަތްތެރިންގެ ފަރާތުން ނުހަނު އިހުލާސްތެރިކަމާއެކު އެދެމެވެ،" އައިޖީއެމްއެޗްގެ އެންގުމުގައި ވެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގައި ސިއްހީ ހުރިހާ މަސައްކަތްތެރިން ބައިވެރިވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މީގެ ކުރިން ގޮވާލައްވައިފަ އެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރާ 5،000 ކިޓް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ހަވާލުކުރަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ ބަލިފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ އެ ބަލި ފެތުރޭ މިންވަރު ލަސްކުރުން ކަމަށެވެ. އެކަމުގައި މިހާރު ވަޒީފާގައި ތިބި އަދި ސިއްހީ ދާއިރާއިން ދުރަށް ޖެހިފައި ތިބި މީހުން ވެސް ނުކުތުމަށް އޭނާ އެދިވަޑައިގަތެވެ.

"އެހެންވީމަ އަޅުގަނޑުު، ސިއްހީ ހިދުމަތުގެ މަސްއޫލިއްޔަތު ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ސިއްހީ ދާއިރާގެ ހުރިހާ ބޭފުޅުން އިނގޭތޯ، ވަޒީފާގައި ހުރި ބޭފުޅަކަށް، ވަޒީފާގައި ނެތް ބޭފުޅަކަށް، ޗުއްޓީގައި ހުރި ބޭފުޅަކަށް ނުބައްލަވައި މި ހިދުމަތަށް ނުކުތުމަށް އަޅުގަނޑު ގޮވައިލަން،" އޭނާ ވިދާޅުވި އެވެ.

ޕަބްލިކް ހެލްތުގައި މަސައްކަތް ކުރެއްވުމަށްފަހު މިހާރު އެކަމުން ވަކިވެފައިވާ މީހުން ނަން ނޯޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އަމީން ވިދާޅުވި އެވެ.

އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވެސް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ވަޒީފާ އަދާނުކޮށް ގޭގައި ތިބި ސިއްހީ ފަންނުވެރިން، ދަރުމަވެރިންގެ ގޮތުގައި ނުކުމެ ޚިދުމަތްކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް އަބަދު ވެސް ބާރު ބޮޑު ކަމަށާއި އެކަމަކު މިފަދަ ހާލަތެއްގައި އެ އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ބަލީގެ 13 މީހަކު ފެނިފައިވާއިރު، އެ އެންމެން ވެސް ފެނިފައިވަނީ ރިސޯޓުތަކުންނެވެ. އެއީ ކުރެއްދޫ ރިސޯޓުގެ ފަސް މީހަކާއި ބަތަލާ ރިސޯޓުން ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓުން ދެ މީހަކާއި ކުރަމަތި ރިސޯޓުން ދޭއް އަދި އައިލެންޑް ސަފާރިން ދެ މީހެކެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުން އަދި ބިދޭސީ މަސައްކަތްތެރިންނެވެ.

އެ ބަލި 176 ގައުމަކަށް ފެތުރިފައިވާއިރު މިހާތަނަށް 220،846 މީހުންނަށް ޗައިނާގައި އުފަންވި ރޯގާ ޖެހިފައި ވެ އެވެ. އޭގެ ތެރެއިން 85،778 މީހުން ބަލިން ރަނގަޅުވެފައިވާއިރު 8،988 މީހުން މަރުވެފައި ވެ އެވެ.