Roadha Mihaaru
މުރައިދޫގެއަށް ބަދަލުވުމާ މެދު ގޮތެއް ނުނިންމަވާ

މުރައިދޫގެއަށް އަބްދުއްރަހީމް ބަދަލުވެ ވަޑައިގަތުމާ މެދު ގޮތެއް ނުނިންމަވާ

04 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މުރައިދޫގެއަށް ބަދަލުވެ ވަޑައިގަތުމާ މެދު ގޮތެއް ނިންމަވާނީ އެތަން މަރާމާތު ކުރުމުގެ މަސައްކަތް ނިމުމުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މުރައިދޫގެއަށް ބަދަލުވެ ވަޑައިގަތުމާ މެދު ގޮތެއް ނިންމަވާނީ އެތަން މަރާމާތު ކުރުމުގެ މަސައްކަތް ނިމުމުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މުރައިދޫ ގެއަކީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެއެކެވެ.

ބޮމުގެ ހަމަލާއަށް ފަހު ނަޝީދު މުރައިދޫ ގޭގައި ދިރިއުޅުއްވި ނަމަވެސް ނަޝީދަށް ފަހު މަޖިލީހުގެ ރައީސްގެ މަގާމު އެންމެ ފަހުން އަދާ ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެ ގޭގައި ދިރި ނޫޅުއްވަ އެވެ.

އޭގެފަހުން މިދިޔަ މެއި މަހު މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގަތް، އަބްދުއްރަހީމް ވެސް މިހާތަނަށް ދިރިއުޅުއްވަނީ އޭނާގެ އަމިއްލަ ގެކޮޅުގަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މުރައިދޫގެ މަރާމާތު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

މަޖިލިސް ރައީސް އެތަނަށް ބަދަލުވެ ވަޑައިގަތުމާ މެދު ގޮތެއް ނިންމަވާނީ އެ މަސައްކަތް ނިންމައި މަޖިލީހާ ތަން ހަވާލު ކުރުމުން ކަމަށް ޒިޔާއު ވިދާޅުވި އެވެ.

ދައުލަތުން މީގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސަށް އެކަންޏެވެ. ނަމަވެސް ނަޝީދަށް ދިން ހަމަލާއަށް ފަހު ގާނޫނަށް ގެނައި އިސްލާހާއެކު އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ވެސް ދައުލަތުން ގެކޮޅު ހަމަޖައްސައިދޭން ޖެހެ އެވެ.