ދުނިޔޭގެ މަޝްރަހު ހޫނުވަމުންދާ މި ދަނޑިވަޅުގައި ސުލްހަވެރިކަން ގާއިމްކުރުމަށް ގައުމުތައް ގުޅިގެން ހައްލު ހޯދުމަށް މަޝްވަރާކުރުމުގެ ވިސްނުން އިސްކުރުން ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
06 އެޕްރީލް 2025
ދުނިޔޭގެ މަޝްރަހު ހޫނުވަމުންދާ މި ދަނޑިވަޅުގައި ސުލްހަވެރިކަން ގާއިމްކުރުމަށް ގައުމުތައް ގުޅިގެން ހައްލު ހޯދުމަށް މަޝްވަރާކުރުމުގެ ވިސްނުން އިސްކުރުން ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މި ވަގުތު ހުންނެވީ އުޒްބަކިސްތާނުގައި ކުރިއަށް ގެންދާ އައިޕީޔޫގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ވެރިރަށް ތަޝްކެންތުގަ އެވެ.
އައިޕީޔޫގެ ބައްދަލުވުމުގެ ތެރެއިން ބޭއްވި ނޮން އެލައިން މޫވްމަންޓް ޕާލިމަންޓަރީ ނެޓްވޯކްގެ ހަތަރު ވަނަ ބައްދަލުވުމުގައި ވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ފަހަރުގެ ބައްދަލުވުމުގައި އަންނަނީ، އަލަށް މިނިވަންކަން ލިބުނު ގައުމުތަކުގެ އަޑު ދުނިޔެއަށް އިއްވުމުގެ ފުރުސަތު ދީ، ނޮން އެލައިން މޫވްމަންޓްގެ އަސްލު ބިނާކޮށްފައިވާ "ބަންޑުން ސްޕްރިޓް"ގެ އުސޫލަށް 70 އަހަރު ފުރުން ފާހަގަކުރަމުންނެވެ.
މި މަހު ފަހަކުން ނުވަޔަކަށް ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި އަބްދުއްރަހީމް ދެއްވި ބަޔާނުގައި ވިދާޅުވީ ނޮން އެލައިން މޫވްމަންޓްގެ މެމްބަރުންގެ ހައިސިއްޔަތުން، ގައުމުތަކުގެ ސުލްހަ އަށް އެހީތެރިވުމާއި ކޮންމެ ގައުމެއްގެ ވެސް މިނިވަން ކަމަށް އިހުތިރާމްކުރުމާއި ގައުމުތައް ބޭރުގެ ނުފޫޒުން މިނިވަންވެ، އަމިއްލަ ސިޔާދަތު ދެމެހެއްޓުމަށް ވަކާލާތުކުރުމަކީ މެމްބަރު ގައުމުތަކުގެ ޒިންމާއެއް ކަމަށެވެ.
"ދުނިޔޭގެ ހަނގުރާމަތަކާއި ސިޔާސީ ހަމަނުޖެހުންތަކުން ސުލްހަ އާއި ތަރައްގީއަށް ބިރުހީވެފައިވާ މި ދަނޑިވަޅުގައި، ބަންޑުން އުސޫލުތަކުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ މަޝްވަރާކުރުމާއި ހާރިޖީ ގުޅުންތަކަށް އަޅުގަނޑުމެން އިސްކަންދޭން ޖެހޭނެ ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ 1955 ވަނަ އަހަރު އެކުލަވާލި ބަންޑުން އުސޫލުތަކަކީ ގައުމުތަކުގެ މެދުގައި ހާރިޖީ ގުޅުންތައް ވަރުގަދަކުރުމުގައި މުހިންމު ރޯލެއް އަދާކުރި އުސޫލެއް ކަމަށެވެ. މިއީ އަލަށް މިނިވަންކަން ލިބުނު ގައުމުތަކަށް ބާރުދީ، ނޮން-އެލައިންޑް މޫވްމަންޓްގެ ބިންގާ އެޅުމަށް އެހީތެރިވި އުސޫލުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ 70 އަހަރު ކުރިން އެކުލަވާލެވުނު މި އުސޫލުތައް - ގައުމުތަކުގެ މިނިވަންކަމަށް އިހުތިރާމްކުރުން، އެހެން ގައުމުތަކުގެ ކަންކަމަށް ނުފޫޒު ނުފޯރުވުން، ސުލްހަވެރިކަމާ އެކު ހިލާފުތައް ހައްލުކުރުން، އަދި ވިޔަފާރި އާއި ސަގާފަތުގައި އެއްބާރުލުން - މިއަދު ވެސް މުހިންމު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ދުނިޔެ ބަދަލުވަމުންދާއިރު، މި އުސޫލުތައް ރައްކާތެރިކުރުމަށް ގާނޫނު ހެދުމާއި އެކުގައި މަސައްކަތްކުރުމަކީ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ ޒިންމާއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ބަޔާނުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ. އަދި ރާއްޖެ ކަހަލަ ވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ނޮން އެލައިން މޫވްމަންޓްގައި ބައިވެރިވާ ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
"ރާއްޖެއިން ބަންޑުން އުސޫލުތަކަށް އިހުތިރާމްކޮށް ހުރުމަތްތެރިކޮށް ހިތާ. އަޅުގަނޑުމެން، ގާނޫނު ހަދާ މެމްބަރުން، މި އުސޫލުތަަކަކީ ރައްޔިތުންނަށް ފައިދާ ހުރި ހަގީގަތަކަށް ހެދުމަށް އެކުގައި މަސައްކަތްކުރަން ޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އިޖުތިމާއީ އިންސާފުގެ އެންމެ މުހިންމު އެއް އަސާސަކީ އެންމެ ޝާމިލުވާ ގޮތަށް ގައުމު ތަރައްގީކުރުމެވެ. އެގޮތުގެ މަތިން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އިޖުތިމާއީ އިންސާފާއި ހަމަހަމަ އިގުތިސާދީ ސިޔާސަތުތައް އަދި ރަނގަޅު ވެރިކަމެއް ކަށަވަރުކުރުމަށް އެތައް ގާނޫނެއް ފާސްކޮށްފައިވެ އެވެ.
އޭނާ ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނާއި ލާމަރުކަޒީ ގާނޫނު ފަދަ މުހިންމު ގާނޫނުތަކުން މުޖުތަމައު އަށް ބާރުދީ، ހަމަހަމަކަމާއި އިންސާފުގެ އަސާސްތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ސަރުކާރުގެ މަސައްކަތްތައް ބަލައި، މި ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާކަން ކަށަވަރުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒުކު ގައުމުތައް ރައްކާތެރިކޮށްދޭން ގޮވާލައްވައިފި
މުއްދަތު ފަހަނައަޅައި ދިޔައިރު ދެ ވަޒީރުން ހާޒިރުނުކުރި
ޒަކިއްޔާގެ މަރު: ކުއްލި މައްސަލަތައް ބަލައެއް ނުގަތް
އަބްދުއްރަހީމްގެ ރައްދު: "މި އިނީ މިނިވަންކަމާ އެކު"
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
އަބްދުއްރަހީމް މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ޕީއެންސީ ޕީޖީ: އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނަވާ
73 ޕަސެންޓް މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް
ސާބިތުނުވާ ވާހަކަތައް މަޖިލީހުގައި ދައްކައިގެންނުވާނެ: އަބްދުއްރަހީމް
"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"