Roadha Mihaaru
"ރަސްމީ ފާލަން ރަނގަޅަށް ހެދުމަކީ މުހިންމު ކަމެއް"

ރަސްމީ ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމު ކަމެއް: މުއްތަލިބު

29 ޖޫން 2024

ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ވެސް މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ބައެއް މީހުންގެ ކިޔަމުންދާ ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ރައްދު ދެެއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ވެސް މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ބައެއް މީހުންގެ ކިޔަމުންދާ ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ރައްދު ދެެއްވައިފި އެވެ.

އިގުތިސާދީ ދަތި ދަނޑިވަޅުގައި ބޮޑު ހަރަދެއް ކޮށްގެން "ވަރަށް ވަރުގަދަ އަށް" ހަދާފައިވާ ތަނެއް އެހެން ޑިޒައިނަކަށް ބަދަލު ކުރުމުގެ ބޭނުމާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އުފައްދާ ސުވާލުތަކަށް އެކްސްގައި ދެއްވި ޖަވާބުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަސްމީ ފާލަން މަރާމާތު ނުކޮށް އެތައް އަހަރެއް ވުމުން، އެ ފާލަމުގެ މަތީބައި ހަލާކުވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.

އެހެންވެ، އަލުން އެ ފާލަން ހަދަން ނިންމައި އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 14 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ނުވަތަ އޭރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ.

"ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓު ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ބޭނުންކުރާ ފާލަމަކަށް ވުމާ އެކު މި ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ،" މިނިސްޓަރު މުއްތަލިބުގެ ޕޯސްޓުގައި ވެ އެވެ.

ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެ ތަން ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ އަގަކީ 11.7 މިލިއަން ރުފިޔާ އަށެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

މި ފަހަރު ރަސްމީ ފާލަމަށް ގެންނަ ބަދަލުގެ ފަރުމާ އަށް ބަލާއިރު، ފާލަމުގެ މަތީގައި މިހާރު ރިޔަލެއް ގޮތަށް ހުރި ހުދު ކުލައިގެ ސަތަރިތައް ނަގައި ލަކުޑި ފުރާޅެއް ލާނެ އެވެ. އެ ލަކުޑި ފުރާޅު ފަރުމާކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ދައުރުގައި މި ފާލަމުގެ ފުރާޅު ހުރި ގޮތަށެވެ.

ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓު ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ބޭނުންކުރާ ފާލަމަކަށް ވުމާ އެކު މި ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ،"--- މުއްތަލިބު

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވީ ޖުލައި 26، 2015 ގަ އެވެ. އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެ ފާލަން މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވުމުން ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

އިއްޒުއްދީން ފާލަމުގެ ނަމުގައި އެތަން ރަސްމީކޮށް ހުޅުވުމުގެ ކުރިން ވެސް އެކި ވެރިކަންތަކުގައި ވަނީ އެ ފާލަމަށް ބަދަލުތައް ގެނެސްފަ އެވެ. މިނިސްޓަރު ކުރިން ވިދާޅުވި ގޮތުގައި މިފަހަރު ބަދަލު ގެނެސް މަރާމާތު ކުރަނީ ފާލަމުގެ މަތީބައި އެކަންޏެވެ.