Roadha Mihaaru
"އިންޑިއާ އެމްބަސީގައި ރޯކުރަން އައްބާސް ގޮވައެއްނުލާ"

އިންޑިއާ އެމްބަސީގައި ހުޅުޖަހަން އައްބާސް ގޮވައެއް ނުލާ، ކުރަނީ ސިޔާސީ ދައުވާއެއް: ވަކީލް

26 ޖޫން 2024

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން ގޮވާލި ކަމަށް ބުނެ އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާއި އެފަދަ އަމަލެއް ކުރަން އޭނާ ގޮވާލާފައި ނުވާނެ ކަމަށް އޭނާގެ ވަކީލް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން ގޮވާލި ކަމަށް ބުނެ އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާއި އެފަދަ އަމަލެއް ކުރަން އޭނާ ގޮވާލާފައި ނުވާނެ ކަމަށް އޭނާގެ ވަކީލް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިން ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރެއްވި އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން ކުރަނީ ޑިސެމްބަރު، 2022 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވާލައި ޓްވީޓް ކުރެއްވުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަވަމުން މާލޭގެ ތަންތަނުގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މިދިޔަ އަހަރު އޭނާ ހައްޔަރު ކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އައްބާސްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އެމްބަސީގައި ހުޅުޖަހަން އައްބާސްގެ ޓްވީޓްގައި ގޮވާލާފައި ނުވާ ކަމަށާއި ޓްވީޓްގައި އޮތީ އިންޑިއާ އައުޓް ހަރަކާތުގެ ވާހަކަ ކަމަށެވެ. އަދި އެ ހަރަކާތަކީ ކުރީގެ ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ގެންގުޅުނު ގޮތާ މެދު ގިނަ ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަނުޖެހުމެއް ކަމަށާއި އެކަން މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ވެސް ސާފުވެގެން ގޮސްފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި އެއްވެސް ތަނެއްގައި ހުޅުޖެހުމާއި މީހުންގެ ފުރާނައަށް ގެއްލުން ދޭން ހިތްވަރު ދޭ ގޮތަށް އައްބާސް އެއްވެސް ތަނެއްގައި ވާހަކަ ދައްކާފައެއް ނުވެ އެވެ. އަދި އެ ދައުވާއަކީ ސިޔާސީ ގޮތުން ކުރެވޭ ސިޔާސީ ދައުވާއެއް ކަމަށާއި އެހެންވެ، ދައުވާއަށް އިންކާރުކުރާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

އެގޮތަށް ވަކީލް ވިދާޅުވުމުން، އެއީ ސިޔާސީ މައްސަލައެއްތޯ އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ދައުލަތާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެއީ ސިޔާސީ މައްސަލައެއް ނޫން ކަމަށާއި އަދި އެއީ ޖިނާއީ މައްސަލައެއް ކަމަށެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ އައްބާސާ ދެކޮޅަށް ފުލުހުންގެ ބައެއް ރިޕޯޓްތަކާއި އެ ރިޕޯޓްތައް ތައްޔާރުކުރި ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި އައްބާސްގެ ފަރާތުން އެދުނީ ދިފާއީ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ.

މީގެ އިތުރުން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމާއިރު، ދިފާއީ ހެކިތަކަށް ރިއާޔަތްކުރަން ވެސް އައްބާސްގެ ފަރާތުން އެދުނެވެ. އެއީ އައްބާސް ދެއްކެވި ވާހަކަތަކަކީ އެފަދަ އަމަލަކަށް ހިތްވަރު ދެވޭ އަމަލެއް ނޫންކަން ހާމަވާނެތީ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެ މައްސަލާގެ އަޑުއެހުމަށް އައްބާސް ހާޒިރު ނުކުރެވިގެން އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ވެސް ކުރިން މަސައްކަތް ކޮށްފައިވާތީ އެކަމާ ގުޅިގެން ގާޒީ ސޮފްވަތު ވިދާޅުވީ ގަސްދުގައި ކޯޓަށް ހާޒިރުނުވެ އުޅޭނަމަ އެއްވެސް މީހެއްގެ މޫނަށް އަދި ހުރި މަގާމަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އެހެންވެ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މަދަނީ މިންގަނޑުން ގޮތެއް ނިންމުމެވެ.

އައްބާސް މިހާރު ހުންނަވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއްގަ އެވެ.