Roadha Mihaaru
އަލްބޭނިއާއަށް ކުޅެން، ރިޔާސީ އަމުރު ހިފައިގެން ކޯޓަށް

ބައިރަމީ: އަލްބޭނިއާ އަށް ކުޅޭހިތުން ރައީސްގެ ރިޔާސީ އަމުރު ހިފައިގެން ކޯޓަށް

19 ޖޫން 2024

މިދިޔަ ހޮނިހިރު ދުވަހު ޔޫރަޕްގެ ފުޓްބޯޅައިގެ ތާރީހުން އަލްބޭނިއާގެ ނަދީމް ބައިރަމީ ޖާގަ ހޯދީ، ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ އެންމެ އަވަސް ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު ފެށިގެން 22 ވަނަ ސިކުންތުގައި އޭނާ ލަނޑު ޖެހި އެވެ. އެއަށް ވުރެ ވަކި އަވަހަށް ޖެހި ލަނޑެއް، ގާތްގަނޑަކަށް 65 އަހަރުގެ ދިގު ތާރީހެއް އޮތް މުބާރާތުގައި ނެތެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިދިޔަ ހޮނިހިރު ދުވަހު ޔޫރަޕްގެ ފުޓްބޯޅައިގެ ތާރީހުން އަލްބޭނިއާގެ ނަދީމް ބައިރަމީ ޖާގަ ހޯދީ، ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ އެންމެ އަވަސް ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު ފެށިގެން 22 ވަނަ ސިކުންތުގައި އޭނާ ލަނޑު ޖެހި އެވެ. އެއަށް ވުރެ ވަކި އަވަހަށް ޖެހި ލަނޑެއް، ގާތްގަނޑަކަށް 65 އަހަރުގެ ދިގު ތާރީހެއް އޮތް މުބާރާތުގައި ނެތެވެ.

"އަހަރެން ކުޑައިރުން ފެށިގެން އުންމީދު ކުރި ކަމެއް އެއީ ޔޫރޯގައި އަލްބޭނިއާ އަށް ލަނޑެއް ޖެހުން. އެކަމަށްޓަކައި އަހަރެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރިން،" ތާރީހީ ލަނޑާ ބެހޭގޮތުން ވާހަކަ ދައްކަމުން ބައިރަމީ ބުންޏެވެ.

އޭނާ އެ ބުނީ ސަމާސާ ވާހަކައެއް ނޫނެވެ. ސެރީ އާ ގެ ސަސުއޯލޯގެ ފޯވާޑް ވަނީ އަލްބޭނިއާގެ ގައުމީ ޓީމަށް ކުޅެން ގިނަ ހުރަސްތަކެއް ގިރާކޮށްފަ އެވެ.

ޔޫރޯ އަށް އެކުލަވާލި އަލްބޭނިއާގެ ސްކޮޑްގެ 19 ކުޅުންތެރިންނަކީ އެހެން ގައުމުތަކަށް އުފަން އަލްބޭނިއާ ދަރިކޮޅުގެ ކުޅުންތެރިންނެވެ. ބައިރަމީ އުފަންވީ، އަލްބޭނިއާ ދަރިކޮޅުގެ ސްވިޒަލެންޑް އާއިލާ އަކަށެވެ.

ޒިޔުރިކްގައި އޭރު އޭނާ ދިރިއުޅުނު ސަރަހައްދަށް ނިސްބަތްވާ ކްލަބް ގްރާސްސޮޕާސްއާ ގުޅުނީ އުމުރުން ވަރަށް ހަގު އިރުގަ އެވެ. އެ ކްލަބްގެ ޔޫތު ޓީމުތަކުގައި އޭނާގެ ކުޅުން ފާހަގަވުމުން، ސްވިޒަލެންޑްގެ ޔޫތު ޓީމުތަކަށް އޭނާ ނެގި އެވެ. އެ ގައުމުގެ 15 އަހަރުން ދަށުގެ ގައުމީ ޓީމުން ފެށިގެން 21 އަހަރުންދަށުގެ ޓީމަށް އޭނާ ކުޅުނެވެ. ނަވާރަ އަހަރުންދަށުގެ ގައުމީ ޓީމުގެ ބައެއް މެޗުތަކުގައި ކެޕްޓަންކަން ވެސް އޭނާ ކުރި އެވެ.

އެދިޔަ ގޮތަށް ދިޔަ ނަމަ، އޭނާ އަށް ސްވިޒަލެންޑްގެ ސީނިއާ ޓީމުގައި ކުރިއަށްދާނެ އެވެ. އެ ގައުމުގެ ޓީމަށް ކުޅެން އޭނާ އަށް ވިސްނައި ދެވޭތޯ، އެ ގައުމުގެ ޔޫތު ކޯޗުން މަސައްކަތް ވެސް ކުރި އެވެ.

"އަހަރެމެން މަސައްކަތް ކުރިން ބައިރަމީ އަށް ވިސްނައިދޭން އޭނާ ސްވިޒަލެންޑްގެ ގައުމީ ޓީމަށް ކުޅެން،" އެ ގައުމުގެ 21 އަހަރުން ދަށުގެ ޓީމުގެ އޭރުގެ ކޯޗު އިޓަލީގެ މައުރޯ ލުސްޓްރިނެލީ ބުންޏެވެ.

"އެކަމަކު އޭނާ އަހަރެމެން ގާތު ބުނި ތިމަންނަ ހިތުގައި ޖަހަނީ އަލްބޭނިއާގެ ވިންދޭ. ގައުމީ ޓީމުގައި އަހަރެމެން ގަބޫލުކުރާ އެއް އުސޫލަކީ ގައުމީ ޓީމު ވަންތަ ކުޅުންތެރިޔަކަށް ވާންޖެހޭނެޔޭ. އެހެންވެ އޭނާ ދޫކޮށްލުން ނޫން ގޮތެއް ނެތް."

އޭނާގެ ވިސްނުން، އަލްބޭނިއާއާ ދިމާލަށް އެނބުރެން މަގުފަހިވި އެއް ސަބަބަކީ، އެ ގައުމުގެ ގައުމީ ޓީމުގެ އޭރުގެ ކޯޗު އެޑީ ރެޔާ އެވެ. އޭނާ، ބައިރަމީ އަށް ވިސްނައި ދިނީ ގައުމީ ޓީމު ބަދަލު ކުރުމަށެވެ. އޭނާގެ އާއިލާ އެ ގައުމަކާ ގުޅިފައިވާ އަލްބޭނިއާގެ ފުރުސަތު ބޭނުން ކުރުމަށް ބައިރަމީ އަށް 2021 ގައި ރެޔާ ވިސްނައިދިނެވެ.

އެ ފުރުސަތަށް ބޯލަނބާލުމުގެ ގޮތުން އެ އަހަރު ބޭއްވި ޔޫރޯ 21 އަހަރުންދަށުގެ މުބާރާތުގައި ސްވިޒަލެންޑްގެ ޓީމާ އެކު ކުޅެން، ލިބުނު ފުރުސަތު ވެސް އޭނާ ދޫކޮށްލި އެވެ.

އެކަމަކު ގައުމީ ޓީމު ބަދަލުކުރުމަކީ އެހާ ފަސޭހައިން އޭނާ އަށް ކުރެވެން އޮތް ކަމަކަށް ނުވި އެވެ. މައްސަލައަކީ އަލްބޭނިއާގެ ރައްޔިތަކަށް ބައިރަމީ ނުވުމެވެ. އެންމެ ފަހު އެ މައްސަލަ އެ ގައުމުގެ ރައީސްގެ އަރިހަށް ވެސް ދިޔަ އެވެ. އަލްބޭނިއާގެ އޭރުގެ ރައީސް އިލީރް މޭތާގެ ރިޔާސީ އަމުރަކުން، ބައިރަމީ އަށް އެ ގައުމުގެ ރައްތިތުކަން ދޭން، މާޗް 2021 ގައި ނިންމެވި އެވެ.

އެކަމަކު އޭރު ވެސް ފީފާއިން، ބައިރަމީ އަކީ އަލްބޭނިއާ އަށް ކުޅެން ޝަރުތުހަމަވާ މީހެއް ކަމަށް ކަނޑަނޭޅި އެވެ. ރައީސްގެ ރިޔާސީ އަމުރު ހެއްކެއް ކަމަށް ފީފާއިން ބަލައި ނުގަތީ، އުމުރުން ހަގު އިރު ސްވިޒަލެންޑްގެ އުމުރުފުރާގެ ޓީމަށް ކުޅުނު އިރު ވެސް، އެ ގައުމުގެ ޕާސްޕޯޓް ނޫން އެހެން ޕާސްޕޯޓެއް އޭނާގެ އަތުގައި ނެތުމުންނެވެ. އަދި 21 އަހަރުފުރުނު ފަހުން ވެސް އެ ގައުމުގެ 21 އަހަރުންދަށުގެ ގައުމީ ޓީމަށް އޭނާ ކުޅެފައިވާ އިރު ވެސް ސްވިޒަލެންޑްގެ ޕާސްޕޯޓް ނޫން އެހެން ޕާސްޕޯޓެއް ނެތް، މައްސަލަ ފީފާއިން ފެންމަތި ކުރި އެވެ.

ފީފާގެ އެ ނިންމުން އިސްތިއުނާފު ކުރުމަށް ބައިރަމީގެ ފަރާތުން، ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް މައްސަލަ ހުށަހެޅި އެވެ. އަދި އޭނާ އަކީ އަލްބޭނިއާ އަށް ކުޅުމުގެ ހައިސިއްޔަތު އޮތް ކުޅުންތެރިޔެއްކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، ރައީސްގެ ރިޔާސީ އަމުރުފުޅު ވެސް ހިމެނި އެވެ.

އޯގަސްޓް 2021 ގައި ބައިރަމީއާ އެއްކޮޅަށް ކާސްއިން މައްސަލަ ނިންމި އެވެ. ކޯޓުގެ އަމުރަށް ހަފުތާއެއް ވެސް ނުވަނީސް، ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުގައި ބައިރަމީ އަލްބޭނިއާގެ ގައުމީ ޓީމަށް ކުޅެން ފެށި އެވެ.

"އަހަރެންގެ ހިތް އެކަމަށް އެދެމުން ދާތީ، އަލްބޭނިއާ އަށް ކުޅެން ނިންމީ،" ކޯޓުން މައްސަލަ ކާމިޔާބުވުމުން ދިން އިންޓަވިއުގައި ބައިރަމީ ބުންޏެވެ.

ޔޫރޯގައި އަލްބޭނިއާ، ކުޅޭ ދެވަނަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ކްރޮއޭޝިއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖޭގަޑިން ހައެއް ޖަހާއިރު އެވެ. ފުރަތަމަ ކުޅުނު މެޗުތަކުން ދެ ޓީމު ވެސް ބަލިވެފައިވުމުން މެޗަކީ މަރުގެ މެޗެކެވެ.