Roadha Mihaaru
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި

ފްރާންސް ސެމީ އަށް، ރޮނާލްޑޯގެ ފަހު ޔޫރޯ ހުސްއަތާ ނިންމާލައިފި

06 ޖުލައި 2024

ހަމްބާގް (ޖުލައި 6) - ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ފްރާންސުން، ޔޫރޯގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ހަމްބާގް (ޖުލައި 6) - ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ފްރާންސުން، ޔޫރޯގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް ލަނޑެއް ނުޖެހުނެވެ. ޕެނަލްޓީޝޫޓްއައުޓްގައި ފްރާންސް ކާމިޔާބު ހޯދީ 5-3 ންނެވެ.

އެއާ އެކު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޔޫރޯގެ ކެރިއާ ވަނީ ނިމިފަ އެވެ. އުމުރުން 39 އަހަރުގެ ފޯވާޑް ކުރިން ބުނެފައި ވަނީ މިއީ އޭނާގެ ފަހުގެ ޔޫރޯ ކަމަށެވެ.

މެޗުގައި އެންމެ ގިނަ ފުރުސަތުތައް ލިބުނު އެއް ކުޅުންތެރިޔަކަށް، ފްރާންސްގެ އުސްމާން ޑެމްބެލޭ ވާނެ އެވެ. ދެވަނަ ހާފުގައި ވެސް އޭނާ އަށް ރަނގަޅު ތިން ފުރުސަތެއް ލިބުނެވެ. އެކަމަކު ފްރާންސްގެ ޓީމުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޑްއާޑޯ ކަމަވިންގާ އަށެވެ. އޭނާ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލް ލައިނާ އިންޗިއެއްހައި ކައިރިން ހުރަސްކޮށް ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓްގައި ފްރާންސްގެ ކެޕްޓަން ކިލިޔަން އެމްބާޕޭ އޭރިއާ ބޭރުން ނުރައްކާތެރި ބޯޅައެއް ފޮނުވާލި އެވ. ނަމަވެސް ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޮސްޓާ އެ ބޯޅަ ހިފި އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މެޗުގައި ލީޑް ނަގާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. މި މުބާރާތުގައި މެޗުގެ ތެރެއިން އަދި ލަނޑެއް ޖެހިފައި ނުވާ ރޮނާލްޑޯ އަށް އެ ފުރުސަތު ވެސް ބޭނުން ނުކުރެވުނެވެ.

އިތުރު ވަގުތު ކުޅެގެން ވެސް ނަތީޖާއެއް ނުނެރެވުމުން ދެން ދިޔައީ ޕެނަލްޓީޝޫޓްއައުޓަށެވެ. ޕެނަލްޓީގައި ޕޯޗުގަލް އަށް ނާކޟާިޔާބު ވީ ޔޮއާ ފެލިކްސް ޖެހި ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. ފެލިކްސްގެގެ ޕެނަލްޓީ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. ފްރާންސުން މެޗު ކާމިޔާބު ކުރީ ތިއޯ ހެނާންޑޭޒް ޖެހި ޕެނަލްޓީ ވައްދާލައިގެންނެވެ.

ސެމީ ފައިނަލުގައި ފްރާންސް ވާދަ ކުރާނީ ސްޕެއިނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭގަ އެވެ.