Roadha Mihaaru
ޔޫރޯ 2024: ޓީމު - ސްވިޒަލެންޑް

ޔޫރޯ 2024: ޓީމު - ސްވިޒަލެންޑް

16 ޖޫން 2024

ސްވިޒަލެންޑަކީ ބައިނަލްއަގްވާމީ މުބާރާތްތަކަށް މި ފަހުގެ ތާރީހުގައި ގަވައިދުން ކޮލިފައިވަމުން އަންނަ ގައުމެކެވެ. މިދިޔަ 30 އަހަރަށް ބަލާއިރު އެޓީމު ވޯލްޑް ކަޕްގައި ނުފެންނަނީ ހަމައެކަނި 2002 ވަނަ އަހަރު އެވެ. ޔޫރޯ އަށް 1996 ވަނަ އަހަރުން ފެށިގެން ކޮލިފައިވަމުން އައިސް އެޓީމަށް ފުރުސަތު ގެއްލުނީ 2000 އަދި 2012 ވަނަ އަހަރު އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސްވިޒަލެންޑަކީ ބައިނަލްއަގްވާމީ މުބާރާތްތަކަށް މި ފަހުގެ ތާރީހުގައި ގަވައިދުން ކޮލިފައިވަމުން އަންނަ ގައުމެކެވެ. މިދިޔަ 30 އަހަރަށް ބަލާއިރު އެޓީމު ވޯލްޑް ކަޕްގައި ނުފެންނަނީ ހަމައެކަނި 2002 ވަނަ އަހަރު އެވެ. ޔޫރޯ އަށް 1996 ވަނަ އަހަރުން ފެށިގެން ކޮލިފައިވަމުން އައިސް އެޓީމަށް ފުރުސަތު ގެއްލުނީ 2000 އަދި 2012 ވަނަ އަހަރު އެވެ.

ޔޫރޯގެ ތާރީހުގައި އެޓީމު ކުޅުނު ފަސް މުބާރާތުގެ ތެރެއިން އެންމެ ދުރަށް ދެވުނީ ޔޫރޯ 2020 ގަ އެވެ. އެންމެ ފަހުގެ ޔޫރޯގައި އެގައުމު ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގައި ވަރުގަދަ ފްރާންސް ޕެނަލްޓީގައި ބަލިކޮށްގެންނެވެ. ކުއާޓާ ފައިނަލުގައި ބަލިވީ ސްޕެއިން އަތުންނެވެ.

ވޯލްޑް ކަޕްގެ ތާރީހުގައި އެގައުމަށް އެންމެ ދުރަށް ދެވުނީ 1954 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އޮސްޓްރިއާއާ ވާދަކޮށް ސްވިޒަލެންޑް ބަލިވީ 5-7 އިންނެވެ. ޖުމްލަ 12 ގޯލު ފެނުނު އެމެޗަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ފެނުނު މެޗެވެ.

އަމިއްލަ ގައުމުގައި ސްވިޒަލެންޑުން 2008 ވަނަ އަހަރުގެ ޔޫރޯ ހޯސްޓްކުރި ނަމަވެސް އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އެޓީމު ވަނީ ކަޓައިފަ އެވެ. ފުޓްބޯޅައިގައި މިހާތަނަށް ސްވިޒަލެންޑަށް ތައްޓެއް ލިބިފައެއްނުވެ އެވެ. ތައްޓާ އެންމެ ގާތަށް އެޓީމަށް ދެވުނީ މީގެ ގަރުނެއް ކުރިން 1924 ވަނަ އަހަރުގެ އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުގަ އެވެ. އެފަހަރު އެޓީމު ވަނީ ފައިނަލުގައި ބަލިވެފަ އެވެ.

ކޮލިފައިވީ ގޮތް؟

ސްވިޒަލެންޑް ޔޫރޯގެ ސީދާ ޖާގައެއް ހޯދީ ރޫމޭނިއާ، އިސްރާއީލް، ބެލަރުސް، ކޮސޯވޯ އަދި އެންޑޯރާ ހިމެނުނު ގްރޫޕްގެ ދެ ވަނަ ހޯދައިގެންނެވެ. ގްރޫޕުގައި ކުޅުނު 10 މެޗުގެ ތެރެއިން ސްވިޒަލެންޑް ހަތަރު މެޗުން މޮޅުވި އެވެ. ފަސް މެޗު އެއްވަރުވިއިރު ބަލިވީ އެންމެ މެޗަކުންނެވެ. ކޮލިފައިންގައި އެޓީމު ބަލިވީ ގްރޫޕުގެ އެއް ވަނަ ހޯދި ރޫމޭނިއާ އަތުންނެވެ.

ކޮލިފައިންގައި އެޓީމު 22 ގޯލު ޖެހިއިރު ބައިކޮޅަށް 11 ގޯލު ވަނީ ވަދެފަ އެވެ.

މުހިއްމު ކުޅުންތެރިން:

މިފަހަރުގެ މުބާރާތަކީ ސްވިޒަލެންޑުގެ ތަޖުރިބާކާރު ބައެއް ކުޅުންތެރިންގެ ފަހު ޔޫރޯ އެވެ. ސްވިޒަލެންޑް ޓީމުގެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު ޔަން ސޮމާ އާއި ކެޕްޓަން ގްރަނިޓް ޒަކާ ފާހަގަކޮށްލެވެ އެވެ. އުމުރުން 35 އަހަރުގެ ސޮމާ އަކީ ސްވިޒަލެންޑުގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރެވެ. ހާއްސަކޮށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ސޮމާ ވަނީ ގައުމީ ޖާޒީގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ 12 އަހަރު މެދުނުކެނޑި ސޮމާ އަންނަނީ ގައުމު ތަމްސީލުކުރަމުންނެވެ. 2012 ވަނަ އަހަރު ލިބުނު ފުރުސަތަށް ފަހު ސޮމާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 88 މެޗު ކުޅެފަ އެވެ. ސޮމާ މިހާރު ކުޅެމުން އަންނަނީ އިޓަލީގެ ޗެމްޕިއަން އިންޓަ މިލާން އަށެވެ.

ސްވިޒަލެންޑުގެ ގްރަނިޓް ޒަކާ އަކީ އެންމެ ރަނގަޅު ފޯމުގައި ޔޫރޯއާ ކުރިމަތިލާ އެއް ކުޅުންތެރިޔާ އެވެ. ބަޔާ ލެވަކޫސަންއާ އެކީ ބަލިނުވެ ސީޒަން ނިންމާލުމަށް ފަހު ޒަކާ ގައުމީ ޓީމުގެ ޒިންމާއާ ހަވާލުވަނީ އިތުބާރާ އެކު އެވެ. ޒަކާ އަކީ ލެވަކޫސަން މިދިޔަ ސީޒަނުގައި ހޯދި ބޮޑު ކާމިޔާބީގެ އެންމެ މުހިއްމު އެއް ތަނބެވެ. އެޓީމުގެ މެދުތެރޭގައި ޒަކާ މޮޅު ކުޅުމެއް ދެއްކި އެވެ. އުމުރުން 31 އަހަރުގެ ޒަކާ ވަނީ 2011 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފަށައި މިހާތަނަށް 123 މެޗު ކުޅެފަ އެވެ. އެގައުމަށް 14 ގޯލު ޖަހައިދިންއިރު ޒަކާ އަކީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ.

ކޮލިފައިންގައި ސްވިޒަލެންޑް ޓީމުން އެންމެ ފާހަގަކުރެވުނީ ބާންލީ އަށް ކުޅެމުން އަންނަ 23 އަހަރުގެ ޒެކީ އަމްޑޫނީ އެވެ. އަމްޑޫނީ އަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ 2022 ވަނަ އަހަރު އެވެ. ގައުމީ ޓީމަށް ކުޅުނު 13 މެޗުގައި ޖެހި ހަ ގޯލު ވެސް ފެނުނީ މިފަހަރުގެ ކޮލިފައިންގަ އެވެ. ކޮލިފައިންގައި އަމްޑޫނީ ވަނީ ބެލަރުސް، އިސްރާއީލް، އެންޑޯރާ، ރޫމޭނިއާ ކޮޅަށް ގޯލު ޖަހައިފަ އެވެ.

ކޯޗު :މުރާތު ޔަކީން ސްވިޒަލެންޑުގެ ކޯޗަކީ އެގައުމަށް އުފަން 49 އަހަރުގެ މުރާތު ޔަކީން އެވެ. ކުރީގެ ޑިފެންޑަރު ވަނީ 10 އަހަރު ގައުމީ ޓީމު ތަމްސީލްކޮށްފަ އެވެ. އޭގެފަހުން ޔަކީން ކޯޗިން ފެށީ 2006 ވަނަ އަހަރު އެވެ. ޔަކީން 2021 ވަނަ އަހަރު ސްވިޒަލެންޑާ ހަވާލުވުމަށް ފަހު 2022 ގެ ވޯލްޑް ކަޕަށް އެގައުމު ކޮލިފައިކޮށްދިނެވެ. ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ސްވިޒަލެންޑް ކެޓީ ޕޯޗުގަލް އަތުން ބަލިވެގެންނެވެ. ޔަކީންގެ ކޯޗުކަމުގައި ސްވިޒަލެންޑް ކުޅުނު 32 މެޗުގެ ތެރެއިން މޮޅުވީ 14 މެޗުންނެވެ. 10 މެޗު އެއްވަރުވިއިރު ބަލިވީ އަށް މެޗުންނެވެ.