Roadha Mihaaru
ސްވިޒަލެންޑުން އިޓަލީ ކަޓުވާލައި ރަށަށް ފޮނުވާލައިފި

ސްވިޒަލެންޑުން، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކަޓުވާލައި ރަށަށް ފޮނުވާލައިފި

29 ޖޫން 2024

ބާލިން (ޖޫން 29) - އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ވާދަކޮށް 2-0 އިން މޮޅުވެ ސްވިޒަލެންޑުން، ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބާލިން (ޖޫން 29) - އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ވާދަކޮށް 2-0 އިން މޮޅުވެ ސްވިޒަލެންޑުން، ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ހާފުގައި މޮޅަށް ކުޅުނު ސްވިޒަލެންޑުން ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ލީޑު ނެގީ ރޯމިއޯ ފްރޯލާ ޖަހައިދިން ގޯލުންނެވެ. އޭގެ ކުރިން ބްރީލް އެމްބޯލޯ ހުހަށް ހުރެ ފޮނުވާލި ހަމަލާއެއް ކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާ ވަނީ ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން އެންމެ 27 ސިކުންތުތެރޭ ލީޑު ފުޅާ ކުރީ ރުބެން ވާގަސް ޖަހައިދިން ގޯލުންނެވެ.

ފަހު ހާފުގައި އިޓަލީން ރަނގަޅަށް ކުޅެން ފެށި ނަމަވެސް ސްވިޒަލެންޑްގެ ޑިފެންސަށް އެޓީމު ހުއްޓުވުން މާ އުނދަގޫ ކަމަކަށް ނުވި އެވެ.

ސްވިޒަލެންޑުން ވަނީ އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި ޔޫރޯގެ ނޮކައުޓް ބުރުގައި ވެސް ވަރުގަދަ ޓީމުތައް ސިސްސުވާލައިފަ އެވެ. އެގޮތުން ކުއާޓާ ފައިނަލަށް ދިޔައީ ޕެނަލްޓީގައި ފްރާންސް ބަލިކޮށްފަ އެވެ. ކުއާޓާއިން ކެޓީ ޕެނަލްޓީގައި ސްޕެއިން އަތްދަށުވެގެންނެވެ.

މިއަހަރުގެ މުބާރާތުގެ ކުއާޓާގައި ސްވިޒަލެންޑް ވާދަކުރަން ޖެހޭނީ މާދަމާ ރޭ 9 ޖަހާއިރު އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.