Roadha Mihaaru
ސުވިސްގެ ކަންބޮޑުވުމެއް ނެތް، އިޓަލީ ޖެހިލުން ވެދާނެ

އަހަރެމެން ކަންބޮޑެއް ނުވޭ، އަހަރެމެންނާ ކުޅެން ޖެހޭތީ އިޓަލީ ޖެހިލުން ވެދާނެ: ސުވިސްގެ ކޯޗު

27 ޖޫން 2024

ބާލިން (ޖޫން 27) – ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ އާ ދެކޮޅަށް ދެވަނަ ބުރުގައި ސްވިޒަލެންޑުން ވާދަކުރަން ޖެހުނަސް ކަންބޮޑުވުމެއް ނެތް ކަމަށް، ސުވިސްގެ ކޯޗު މުރާތު ޔަކީން ބުނެފި އެވެ.

ބާލިން (ޖޫން 27) – ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ އާ ދެކޮޅަށް ދެވަނަ ބުރުގައި ސްވިޒަލެންޑުން ވާދަކުރަން ޖެހުނަސް ކަންބޮޑުވުމެއް ނެތް ކަމަށް، ސުވިސްގެ ކޯޗު މުރާތު ޔަކީން ބުނެފި އެވެ.

ސްވިޒަލެންޑް ވަނީ ގުރޫޕް ސްޓޭޖުގައި ހަންގޭރީ ބަލިކޮށް، ޖަރުމަނާއި ސްކޮޓްލެންޑް އަތުން ވެސް ޕޮއިންޓެއް ހޯދައިފަ އެވެ.

އިޓަލީ ވާދަކުރި ގުރޫޕުން އެޓީމަށް މޮޅެއް ހޯދުނީ ފުރަތަމަ މެޗުގައި އަލްބޭނިއާ އަތުންނެވެ. ސްޕެއިނާ ވާދަކޮށް ބަލިވީ އެވެ. ކްރޮއޭޝިއާ އަތުން ޕޮއިންޓެއް ހޯދުނީ ކިރިކިރިޔާ އެވެ.

"އަހަރެމެން ތައްޔާރު. މެޗުގެ ފޭވަރިޓުންނެކޭ ނުބުނާނަން އެއީ އިޓަލީއާ މި ކުޅެނީ. ނަމަވެސް (ގުރޫޕް ސްޓޭޖުގައި) ޖަރުމަން އަތުން ހޯދުނު ޕޮއިންޓާ އެކު އިތުރު ހިތްވަރެއް ލިބިއްޖެ،" ސްވިޒަލެންޑުގެ ނޫސް، އެފްއާރުއެފްއާ ވާހަކަ ދައްކަމުން ކޯޗު ޔަކީން ބުންޏެވެ.

"އަސްލު އަހަރެމެން މާ ކަންބޮޑެއް ނުވޭ އިޓަލީއާ ޖެހޭތީ ވެސް. ހަގީގަތުގައި އިދިކޮޅުން ޖެހިލުން ވާނެ ކަންނޭނގޭ އެއީ އަހަރެމެންގެ ކަންކަން ޕްލޭނާ އެއްގޮތަށް އެބަ ކުރިއަށްދޭ."

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ގަދަ 16 ގެ ބުރު ފަށާނީ ސްވިޒަލެންޑާއި އިޓަލީ ބައްދަލުކުރާ މެޗުންނެވެ. އެއަށް ފަހު ދަންވަރު 12 ޖަހާއިރު ޖަރުމަނާއި ޑެންމާކް ބައްދަލުކުރާނެ އެވެ.

ގަދަ 16 ގެ މެޗުތައް:

- 29 ޖޫން – 21:00 : ސްވިޒަލެންޑް / އިޓަލީ

- 30 ޖޫން – 00:00 : ޖަރުމަން / ޑެންމާކް

- 30 ޖޫން – 21:00 : އިންގްލެންޑް / ސްލޮވާކިއާ

- 1 ޖުލައި – 00:00 : ސްޕެއިން / ޖޯޖިއާ

- 1 ޖުލައި – 21:00 : ފްރާންސް / ބެލްޖިއަމް

- 2 ޖުލައި – 00:00 : ޕޯޗުގަލް / ސްލޮވޭނިއާ

- 2 ޖުލައި – 21:00 : ރޮމޭނިއާ / ނެދަލެންޑްސް

- 3 ޖުލައި – 00:00 : އޮސްޓްރިއާ / ތުރުކިޔޭ