Roadha Mihaaru
ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތުގައި، ހާލު ރަނގަޅު

ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތުގައި، އެންމެންގެ ހާލު ރަނގަޅު

15 ޖޫން 2024

ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި ކަމަށާއި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި ކަމަށާއި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހައްޖުގެ އަޅުކަމަށް މިހާރު މައްކާގައި ހުންނެވި ޝަހީމް މީޑިއާތަކަށް ވިދާޅުވީ، މި ވަގުތު ވަކި ހައްޖުވެރިއަކު ބަލިވެގެން ހާއްސަ ހާލަތެއް މެދުވެރިވި ކަމުގެ ރިޕޯޓެއް ލިބިވަޑައިގެންފައި ނެތް ކަަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އިން މި އަހަރު 1،150 އަށް ވުރެ ގިނަ މީހުން ހައްޖަށް ގޮސްފައިވާއިރު، ހުރިހާ އިންތިޒާމުތައް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ހައްޖު މިޝަނުން ވެސް ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

"އަދި އަޅުގަނޑު ވެސް މިކޮޅުގައި މި ހުރީ. ވަރަށް ގާތުން ހައްޖުވެރިންގެ ކަންތައްތައް ދަނީ ބަލަމުން. ﷲ އިރާދަކުރެއްވިއްޔާ ހުރިހާ އެންމެންގެ ހާލު ވެސް ވަރަށް ރަނގަޅު،" މިނިސްޓަރު ވިދާލުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، އެހެން ފަހަރުތަކާ ބަލާއިރު މި ފަހަރު ހައްޖުގެ ކަންތައްތަކުގެ ފެންވަރު ވަރަށް ރަނގަޅެވެ. އެހެންވެ، ސައޫދީ ސަރުކާރުގެ އިސްވެރިންނަށް ހާއްސަ ޝުކުރެއް މިނިސްޓަރު ދެންނެވި އެވެ.

"އިންޝާ ﷲ ހައްޖުވެރިންގެ ކަންތައްތައް ރަނގަޅު ގޮތުގައި ނިމިގެން ދާނީ. މިއަދުގެ އިރުއޮއްސުމާ ހަމައަށް އަރަފާތު ބިމުގައި ހައްޖުވެރިން ތިބޭނެ. އޭގެ ފަހުން މުޒްދަލިފާ އަށް ދަތުރު ފަށާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ހުރިހާ ހައްޖުވެރިން މިނާ އަށް ވެސް ދިޔަ އެވެ. އެ އެންމެން ތިބީ އެއް ތަނެއްގައި ނުވަތަ އެއް ފޭލިގެއެއްގައި ކަމަށާއި އެއީ ވަަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވި އެވެ.