Roadha Mihaaru
ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި

ކުރިއަށް އޮތް ހަތަރު އަހަރަށް ކަނޑައެޅި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި

05 ޖޫން 2024

ކުރިއަށް އޮތް ހަތަރު އަހަރަށް ކަނޑައެޅި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން މިއަދު އިފްތިތާހުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރިއަށް އޮތް ހަތަރު އަހަރަށް ކަނޑައެޅި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން މިއަދު އިފްތިތާހުކޮށްފި އެވެ.

މި ޕްލޭން އިފްތިތާހުކޮށްދެއްވީ އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މި ސްޓްރެޓެޖިކް ޕްލޭންގައި ވަނީ މައިގަނޑު ފަސް ކަމަކަށް ހާއްސަ އިސްކަމެއްދޭން ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

• ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުން.

• ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކުރުން.

• ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ފިޒިކަލް އިންފްރާސްޓްރަކްޗާ އާއި ޓެކްނޮލޮޖީ އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކުރުން.

• ފުލުހުންގެ އެތެރޭގެ ޑިޕާޓްމަންޓްތަކާއި ސިސްޓަމްތަކާއި ޕްރޮސެސްތަކާއި ގަވާއިދުތަކާއި ޕޮލިސީ އަދި ޕްރޮސީޖާތައް ރިވިއުކޮށް އިސްލާހުތައް ގެނައުން.

• ފުލުހުންނަކީ ދެފުށްފެންނަ ޕްރޮފެޝަނަލް ހިދުމަތެއް ދޭ އިދާރާއަކަށް ހަދައި، ފުރިހަމަ އަށް ޖަވާބުދާރީވެވޭ ވަރުގެ ތަނަކަށް ހެދުން.

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ މި ޕްލޭންއާ އެކު ފުލުހުންގެ ދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވި، ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމަށެވެ.

މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާ އެކު ޑްރަގް އާއި ނުރައްކާތެރި އެހެން ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ގާއިމްކުރެވޭނެ ކަމަށާއި ސްކޭމްގެ ޝިކާރައަކަށްވުން މަދުކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމްކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހާސިލްވާނެ އެހެން ކަންކަމުގެ ތެރޭގައި ހިމެނެނީ

• ނެއިބަހުޑް ޕޮލިސިން އިތުރަށް ތަރައްގީކުރުމަށްޓަކައި ލޯކަލް ޕޮލިސިން ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަންފީޒުކުރުން.

• މުސްތަގުބަލަށް އަމާޒުކުރާ އަދި ޑޭޓާ ޑްރައިވެން ޕޮލިސިން ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ގާއިމްކުރުން.

• އާބަން ސެންޓަރުތަކުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުން.

• ޕޮލިސް ބޭސިކް ސްކިލްސް ތަރައްގީކުރުމާ އަދި ލީޑާޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއާ ތަމްރީނު ޕްރޮގްރާމްތައް ފެށުން.

• ޕޮލިސިން ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒްކޮށް، މުޅި އިދާރާގެ ގަވަނަންސް އަދި ޑިސިޝަން މޭކިން ނިޒާމުގައި މި ފްރޭމްވާކް ބޭނުންކުރުން.