Roadha Mihaaru

ފްލިކް ނައިފާއި ބަޓަފްލައި ނައިފް އެތެެރެކުރެވޭނީ ހުއްދަ ލިބިގެން، ބޭނުންކުރެވޭނީ ހުއްދަ ދިން މީހާއަށް އެކަނި!

މާރާމާރީތަކުގައި އާންމުކޮށް ބޭނުންކުރާ ފްލިކް ނައިފާއި ބަޓަފްލައި ނައިފް ރާއްޖެއަށް އެތެރެކުރާއިރު ހުއްދަ ހޯދަން ޖެހޭ ގޮތަށް، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި މަޖުބޫރުކޮށްފި އެވެ.

ފްލިކް އަދި ބަޓަފްލައި ނައިފް މަނާވެއްޖެ!
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

26 އޯގަސްޓް 2025

މާރާމާރީތަކުގައި އާންމުކޮށް ބޭނުންކުރާ ފްލިކް ނައިފާއި ބަޓަފްލައި ނައިފް ރާއްޖެއަށް އެތެރެކުރާއިރު ހުއްދަ ހޯދަން ޖެހޭ ގޮތަށް، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި މަޖުބޫރުކޮށްފި އެވެ.

ހޯމް މިނިސްޓްރީން ހަދާފައިވާ "ރާއްޖެއަށް ފްލިކް ނައިފް އާއި ބަޓަފްލައި ނައިފް އެތެރެކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" ގައި ބުނެފައިވާ ގޮތުގައި މިއީ އެ ދެވައްތަރުގެ ވަޅި ރާއްޖެއަށް އެތެރެކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރުމާއި އެ ވަޅިތައް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުގެ ރިކޯޑާއި އެ ތަކެތީގެ ރިކޯޑު ބެހެއްޓުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެކެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް މިދިޔަ މެއި 25 ގައި ތަސްދީގުކުރެއްވުމަސް ފަހު އިއްޔެ ވަނީ އަމަލުކުރަން ފަށައިފަ އެވެ. އެ ގާނޫނުގައިވާ ގޮތުން، އުމުރުން 18 އަހަރު ނުވާ ކުދިންނަށް ވަޅި ވިއްކުން ވެސް މަނަލެވެ. އެކަން ކޮށްފި މީހަކަށް 100،000ރ. އާ ހަމައަށް ޖޫރިމަނާގެ އަދަބެއް އަންނާނެ އެވެ.

މި ގާނޫނުގެ ދަށުން ހެދި ގަވާއިދުގައި، ފްލިކް ނައިފް ކަމަށް ބުނެފައި ވަނީ ވަޅީގެ ތިލަ، ވަޅީގެ މުއްގަނޑުގެ ތެރެއަށް ލައްވާލާފައި ލައްޕާލެވޭ ގޮތަށް ނުވަތަ މުއްގަނޑުގެ ތެރެއަށް ވަދެގެންދާ ގޮތަށް ހުރެފައި ވަޅީގެ މުއްގަނޑުގައިވާ ގޮބަކަށް ނުވަތަ ތަނަކަށް ފިތާލުމުން އޭގެ އެހީގައި ވަަޅީގެ ތިލަ ނުކުންނަ ގޮތަށް ހަދާފައިވާ ކޮންމެ ވަޅިއެކެވެ.

ބަޓަފްލައި ނައިފް ކަމަށް ބަޔާންކުރަނީ ވަޅީގައި ދެ މުއްގަނޑެއް ހުރެފައި އަދި ވަޅީގެ ބުޑުގައިވާ ހުޅަކުން މި ދެ މުއްގަނޑު އެނބުރޭ ގޮތަށް ހުރެފައި، ވަޅީގެ ދެ މުއްގަނޑުގެ ތެރޭގައިވާ ޖާގައިގެ ތެރޭގައި ވަޅީގެ ތިލަ ފޮރުވޭ ގޮތަށް ހަދާފައިވާ ކޮންމެ ވަޅިއެއް ކަމަށް ގަވާއިދުގައިވެ އެވެ.

އެ ބާވަތުގެ ވަޅިތައް ރާއްޖެއަށް އެތެރެކުރެވޭނީ ހޯމް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މި ހުއްދައަށް އެދޭއިރު އިދާރީ ފީއެއްގެ ގޮތުގައި 1،000ރ. ދައްކަން ޖެހޭއިރު އެކަމަށް އެދޭތާ 15 ދުވަހުގެ ތެރޭގައި މިނިސްޓްރީން ނިންމާ ގޮތެއް ހުއްދައަށް އެދޭ ފަރާތަަށް އަންގަންޖެހޭ ގޮތަށް ވެސް ގަވައިދުގައި ވަނީ ހިމަނައިފަ އެވެ.

މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހު ރާއްޖެ އެތެރެކުރާ އެއްޗެއް އެއީ އެހެން ގާނޫނެއްގައި ނުވަތަ އެހެން ގަވާއިދެއްގެ ދަށުން އިތުރު ހުއްދައެއް އެހެން މިނިސްޓްރީއަކުން ނަގަން ޖެހޭ އެއްޗެއް ނަމަ، އެ ގަވާއިދުގެ ދަށުން ހުއްދަ ހޯދުމަކީ އެެހެން ގާނޫނަކުން ހުއްދައެއް ނެގުން އިސްތިސްނާވާ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި ހުއްދަ ނެތި މި ތަކެތި އެތެރެކޮށްފި ނަމަ، އެ ހިފެހެއްޓުމުގެ ބާރު ކަސްޓަމްސް އަށް ލިބިގެންވާ ކަމަށާއި އެ މައްސަލަ ބެލުމަށް ފުލުހުންގެ އިދާރާއަށް ވެސް ފޮނުވޭނެ ކަމަށް ވެސް ބުންޏެެވެ.

އެ ގަވާއިދުގައި ބުނީ މިނިސްޓްރީގެ ހުއްދަ ނެތި އެތެރެކޮށްފައިވާ އެއްޗެއް ފުލުހުންގެ ހިދުމަތަށް ފެނިއްޖެ ނަމަ، އެ ހާލަތުގައި އެ ފަރާތެއް ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށެެވެ.

ގަވާއިދުގައި ހިމެނޭ އިތުރު ކަންކަން:

• ހުއްދަދޭން ނިންމާ ތަކެއްޗާއި އެތަކެތީގެ ވެރިފަރާތުގެ މައުލޫމާތު މިނިސްޓްރީން ލިޔުމުން ބެލެހެއްޓުން. އަދި ފުލުހުން އެދިއްޖެ ނަމަ، އެ މައުލޫމާތު ހިއްސާކުރުން.

• ހުއްދަ ހޯދައިގެން އެތެރެކުރާ ތަކެތި ބޭނުންކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ތައާރުޒު ނުވާ ގޮތަށް އެ އެތެރެކުރި ބޭނުމަކަށް. އެ ނޫން ބޭނުމަކަށް ބޭނުންނުކުރެވޭނެ.

• އެ ތަކެތި ބޭނުންކުރެވޭނީ އެ ތަކެތި އެތެރެކުރުމަށް ހުއްދަ ދެވޭ ފަރާތަށް އެކަނި.

• ހުއްދަ ލިބިގެން އެތެރެކުރާ އެ ދެ ބާވަތުގެ ވަޅިއެއް ގެއްލިއްޖެ ނަމަ ނުވަތަ ވަގަށް ނަގައިފި ނަމަ އެކަން ވަގުތުން މިނިސްޓްރީއަށް ރިޕޯޓްކުރުން.

• އެ ގަވާއިދުގައި ބަޔާންކުރާ ކަންކަމާ ހިލާފަށް އަމަލުކުރިކަން މިނިސްޓްރީއަށް ކަށަވަރުވާ ހާލަތްތަކުގައި ރާއްޖެއަށް އެތެރެކުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެ. އަދި ހުއްދަ ބާތިލުކުރިކަން ސަބަބާ އެކު ހުއްދަ ދިން ފަރާތަށް ލިޔުމުން އަންގަންޖެހޭނެ.

• އެ ވަޅި އެތެރެކުރަން ހުއްދަ ދިން ފަރާތް ނިޔާވެއްޖެ ނަމަ، އެ ފަރާތަށް ދިން ހުއްދަ ބާތިލުވާނެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާ އެކު މިހާތަނަށް އަމަލުކުރަމުން އައި "ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" އުވުނީ އެވެ. ނަމަވެސް އެ ގަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން އެތެރެކޮށްފައިވާ ތަކެއްޗަށް ހަ މަސް ދުވަހުގެ ތެރޭގައި އަލުން އާ ގަވާއިދުގެ ދަށުން ހުއްދަ ހޯދަން ޖެހޭނެ އެވެ.

އާ ގާނޫނުގައިވާ ގޮތުން ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށް ފަހު، އެފަދަ މީހުންނާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެކެވެ. އަދި ގޭންގް މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހޭ ކަމަށް ވެސް މި ގާނޫނުގައިވެ އެވެ.