Roadha Mihaaru
ޒުވާނަކު މަރާލި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

ޒުވާނަކު މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރޭ

01 ސެޕްޓެމްބަރ 2018

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީގައި ރޭ ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީގައި ރޭ ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިބްރާހިމް އާގިލް، 18، ގެ މަރުގެ މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

ގދ. ފަރެސްމާތޮޑާއަށް އުފަން އެ ޒުވާނާއަށް ހަމަލާދިނުމާއެކު ފަރުވާ ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެތަނުން ބުންޏެވެ.

އާގިލްގެ މަރު މި އައީ މިދިޔަ ހަފުތާއިން ފެށިގެން މާލޭގެ ގްރޫޕުތަކެއްގެ މެދުގައި ނުރައްކާތެރި މާރާމާރީތަކެއް ހިންގަމުން ދަނިކޮށެވެ. އެގޮތުން އެކެއްގެ ބޮލަށް ލިބުނު ގެއްލުމަކާ ގުޅިގެން އޭޑީކޭގައި ބޮލުގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ. އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މާފަންނު ސަހަރާ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލާފައި ވެ އެވެ.

ރޭގެ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ އިންޒާރެއް ވެސް ދީފަ އެވެ. އެގޮތުން ރާއްޖެ ހަލަބޮލިކޮށް ނުރައްކާތެރި އަމަލުތައް ހިންގަން ހިތްވަރުދޭ ނުވަތަ ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުންޏެވެ.