Roadha Mihaaru
ދޫކޮށްލި އަހަނދު ފައިގައި ޓެގް އަޅުވައިފި

ޔާމީނާއި ރިލްވާންގެ މަރު: ދޫކޮށްލި އަހަނދު ފައިގައި ޓެގް އަޅުވައިފި

23 ޖޫން 2023

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ބަންދުން ދޫކޮށްލި އަހްމަދު އިސްމާއިލް (އަހަނދު) ފައިގައި ޓެގް އަޅުވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ބަންދުން ދޫކޮށްލި އަހްމަދު އިސްމާއިލް (އަހަނދު) ފައިގައި ޓެގް އަޅުވައިފި އެވެ.

ރިލްވާނާއި ޔާމީންގެ މަރާ ގުޅިގެން، އަހުމަދު އިސްމާއިލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ. އެ ދެ ދައުވާއާ ގުޅޭ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

ސިއްރުން ކުރިއަށް ގެންދާ މި ޝަރީއަތްތަކުގައި ކޯޓުން މިދިޔަ ބުދަ ދުވަހު އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ.

އެނގިފައިވާ ގޮތުގައި މިއަދު އޭނާގެ ފައިގައި ޓެގް އެޅުވީ ކޯޓުން އެގޮތަށް ޝަރުތު ކުރުމުންނެވެ.

މީގެ ކުރިންވެސް ބޮޑެތި ކުށްތައް ކޮށްފައިވާ ބައެއް މީހުންގެ ފައިގައި ޓެގް އަޅުވާފައިވެ އެވެ. ނަމަވެސް މިއީ މި ފަހުން ޓެގް އެޅުވި ފުރަތަމަ ފަހަރެވެ.

ދައުލަތުން ބުނާ ގޮތުގައި އަހުމަދު އިސްމާއިލްއަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރުމުގެ އިތުރުން، ޔާމީން މަރާލުމަށް އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމު ކުރި މީހެކެވެ. އަދި ޔާމީން އާއި ރިލްވާންއަށް ފާރަލައި އެ ދެ މީހުން މަރާލުމަށް އިސްމާއިލް އަބްދުއްރަހީމް އެހީތެރިވެދީފައިވާ ކަމަށް ބުނެ އެވެ.

ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނު ދަށުން މީހުންގެ ފައިގައި ޓެގް އެޅުވޭނީ ހައި ކޯޓުން ނެރޭ އަމުރެއްގެ ދަށުންނެވެ. އަދި އެ އަމުރު ނެރުމަށް ހައި ކޯޓުގައި އެދެނީ ފުލުހުން ހޯމް މިނިސްޓަރަށް ދެންނެވުމުން މިނިސްޓަރު ނިންމަވާ ގޮތެއްގެ މަތީންނެވެ.

މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދެވޭނެ އެވެ.

އަދި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ބަލައި، މޮނީޓާ ކުރުމުގެ ބާރާއި އެ މީހުންގެ މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ.