Roadha Mihaaru
ގޭންގްތަކާއި ލީޑަރުންނާއި ކަނޑައެޅުން ކޮމިޓީއަކަށް

ގޭންގްތަކާއި ގޭންގް ލީޑަރުން ކަނޑައަޅާނީ ސަލާމަތީ ބާރުތަކުގެ ކޮމިޓީއަކުން

15 އޯގަސްޓް 2024

ގޭންގުތަކާއި ގޭންގު ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެމްބަރުން ކަނޑައެޅުމުގެ ބާރު ހޯމް މިނިސްޓަރާއި ފުލުހުންނާއި ސިފައިން ހިމެނޭ ކޮމިޓީއަކަށް ލިބޭ ގޮތަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ތައްޔާރުކުރި ބިލުގައި ހިމަނައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގޭންގުތަކާއި ގޭންގު ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެމްބަރުން ކަނޑައެޅުމުގެ ބާރު ހޯމް މިނިސްޓަރާއި ފުލުހުންނާއި ސިފައިން ހިމެނޭ ކޮމިޓީއަކަށް ލިބޭ ގޮތަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ތައްޔާރުކުރި ބިލުގައި ހިމަނައިފި އެވެ.

ގޭންގް ކުށްތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ގޭންގް ލީޑަރުންނާއި މެމްބަރުން ކަނޑައެޅެން އޮންނަނީ ދައުލަތުން ދައުވާ ކުރުމުން ކޯޓުތަކަށެވެ. މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް މީހަކީ ގޭންގް ލީޑަރެއް ކަމަށް އަދި މެމްބަރެއް ކަމަށް ކަނޑައަޅާފައެއް އަދި އެ ގާނޫނުގެ ދަށުން އަދަބެއް މީހަކަށް އަދަބެއް ދީފައެއް ނުވެ އެވެ. އެއީ އެ މީހަކު ނިސްބަތްވާ ގްރޫޕުން އާންމުކޮށް ކުރާ ކަމަކީ ގޭންގް ހަރަކާތްތައް ކަން ސާބިތުކޮށް ދިނުގައި ގާނޫނީ ހުރަސްތައް ހުންނާތީ އެވެ.

އެ ގާނޫނަށް އިސްލާހު ގެންނަން މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އިން ތައްޔާރުކުރި ބިލުގައިވާ ގޮތުން ގޭންގްތަކާއި ގޭންގް ލީޑަރުންނާއި މެމްބަރުންނަކީ ކޮބައިކަން ކަނޑައަޅާނީ ފުލުހުންގެ ހިދުމަތަށް ޒިންމާވާ ވަޒީރާއި ކޮމިޝަނާ އޮފް ޕޮލިހާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާ އާއި ސިފައިންގެ އިންޓެލިޖެންސްގެ ވެރިޔާ އިންނަވާ ގޮތަށް ފަސް މެމްބަރުންގެ ކޮމެޓީއަކުންނެވެ.

ގޭންގުތައް ކަނޑައެޅުމުގެ ބާރު އެ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަށް ދީފައިވާއިރު މި ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓަން ޖެހެނީ ވަޒީރު ކަނޑައަޅާ ފަރާތަކުންނެވެ.

އެ ބިލުގައި ވަނީ އެއީ ގޭންގެއްކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށް ފަހު އެފަދަ ފަރާތްތަކާއި ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމްއިއްޔާ ރަޖިސްޓްރީކޮށް ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. އަދި ގޭންގް މީހުންނަކީ ކޮންބައެއްކަން އާންމުންނާއި ރާއްޖެއިން ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް މި ބިލުގައިވެ އެވެ.

އެ ބިލުގައިވާ ގޮތުން ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހިއްސާކޮށް، އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހެ އެވެ.

ގޭންގެއް ކަމަށް ކަނޑައެޅޭ އެއްވެސް ގޭންގެއްގެ ނަމެއް ނުވަތަ އެ ނަމުގެ ބައެއް ހިމެނޭހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަޚުސެއް ރަޖިސްޓްރީކޮށްދީގެން ނުވާނެ ކަމަށް ބިލްގައި ހިމަނާފައި ވާއިރު އެކަން ހާސިލު ކުރުމުގެ ގޮތުން، ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

ގޭންގެއްގެ މެމްބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރި ނަމަ، އެ މީހަކު ވަޒީފާއިން ވަކި ކުރަންޖެހޭ ކަމަށް ބިލުގައިވެ އެވެ. އަދި އެފަދަ ފަރާތަކަށް ދައުލަތުން ވަޒީފާ ދީގެން ނުވާނެ ކަމަށާއި އިންތިހާބީ މަގާމުތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އެ ބިލުގައިވެ އެވެ.

ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން ހަރުކަށި ބިލެއް ޑްރާފްޓްކުރިއިރު ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ބިލުގައި ބުނެފައިވަނީ ވަކި ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރުމެވެ. އަދި އޭނާއަކީ ގޭންގް މެންބަރެއް ކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށްކުރާ ގޭންގްތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމަކީ ވެސް ކުށެއް ކަމަށް ބިލުގައިވެ އެވެ.

ގޭންގު ކުށްތައް ހުއްޓުވުމާ ގުޅޭ ފިޔަވަޅުތައް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަކަށް ވާތީ އެއާ ގުޅޭ ބޮޑެތި ޒިންމާތަކަކާ ހޯމް މިނިސްޓަރު އަލީ އިހުސާންއާ ވަނީ ހަވާލު ކުރައްވައިފަ އެވެ.