Roadha Mihaaru
8 މީހެއްގެ ފައިގައި ޓެގް އަޅުވައިފި

މޮނިކޮށް އަމުރުގެ ދަށުން 8 މީހެއްގެ ފައިގައި ޓެގް އަޅުވައި އިތުރު ބަޔަކު ހޯދަނީ

30 އޮކްޓޯބަރ 2017

މޮނިކޮން އަމުރުގެ ދަށުން 8 މީހެއްގެ ފައިގައި ޓެގް އަޅުވައިފި އެވެ.

މޮނިކޮން އަމުރުގެ ދަށުން 8 މީހެއްގެ ފައިގައި ޓެގް އަޅުވައިފި އެވެ.

ފުލުހުން މިއަދު ބުނީ މިވަގުތު 8 މީހެއްގެ ފައިގައި ޓެގް އެޅުވުމަށް ފަހު، އެ މީހުން އުޅޭ ގޮތް ބަލަމުން އަންނަ ކަމަށާއި ޓެގް އަޅުވަން ޖެހޭ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ހޯދަމުން އަންނަނީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ.

އެނގިފައިވާ ގޮތުގައި، ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ 10 އަށްވުރެ ގިނަ މީހުންގެ ފައިގައި ޓެގް އަޅުވަން ހައި ކޯޓުން މިހާރު ވަނީ އަމުރު ނެރެފަ އެވެ. އެ ޓެގް މެދުވެރިކޮށް، ފުލުހުންގެ އިދާރާގައި ހުންނަ ސިސްޓަމަކަށް އެ މީހުން އުޅޭނޫޅޭ ގޮތް ބެލެ އެވެ.

މޮނިކޮން އަމުރު އައި މީހުންގެ ފައިގައި ޓެގް ނޭޅުވި ގިނަ ދުވަސްވީ އެނގިފައިވާ ގޮތުގައި އެކަމަށް ފުލުހުންނާއި ހޯމް މިނިސްޓްރީން ތައްޔާރުވެފައިނުވުމާއި ސެޓަޕް ނުހެދި ހުރުމުންނެވެ.

މޮނިކޮން އަމުރު ނުވަތަ މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރަކީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ނެރޭ އަމުރެކެވެ.

އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަނީ ބުނެފަ އެވެ. ހައިކޯޓުން ނެރޭ އެ އަމުރު ތަންފީޒު ކުރަން ޖެހޭ ބަޔަކީ ފުލުހުންނެވެ.

މީގެ ކުރިން ވެސް ކުށްވެރިންތަކެއްގެ ފައިގައި ވަނީ ޓެގް އަޅުވައިފަ އެވެ. އަދި މޮނިކޮން އަމުރާ ހިލާފުވި ބައެއް މީހުންނާ މެދު ފިޔަވަޅު އަޅާފައިވެ އެވެ.

އެ އަމުރާ އެކު ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި، އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެ މީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި އެ މީހުންގެ މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމާއި ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުން ހިމެނެ އެވެ.