Roadha Mihaaru
ފުލުހުންގެ ހިދުމަތް ލާމަރުކަޒުކުރަން އިސްކަންދޭނެ: ސީޕީ

އާ ސްޓްރެޓެޖިކް ޕްލޭންއާ އެކު ފުލުހުންގެ ހިދުމަތް ލާމަރުކަޒު ކުރުމަށް ހާއްސަ އިސްކަމެއްދެވޭނެ: ސީޕީ

05 ޖޫން 2024

ކުރިއަށް އޮތް ހަތަރު އަހަރަށް ކަނޑައެޅި ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭނާ އެކު، އެ އިދާރާގެ ހިދުމަތްތައް ލާމަރުކަޒު ކުރުމަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރިއަށް އޮތް ހަތަރު އަހަރަށް ކަނޑައެޅި ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭނާ އެކު، އެ އިދާރާގެ ހިދުމަތްތައް ލާމަރުކަޒު ކުރުމަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފުތިތާހު ކޮށްދެއްވީ މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

އެ ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވީ ފުލުހުންގެ ގާނޫނުގައިވާ ގޮތަށް އެ އިދާރާގެ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ އިދާރާގެ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ ބޭނުމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުން ކަމަށާއި އެއީ ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭންގައި ވެސް ހާއްސަ އިސްކަމެއްދީފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ލާމަރުކަޒު ކުރުމަށްޓަކައި އަޅުގަނޑުމެން ކަނޑައަޅާފައިވާ ބައެއް ކަންތައްތައް ވަރަށް ތަރުތީބުކޮށް މި ޕްލޭންގެ ދަށުން ކުރިއަށް މި އޮތް ހަތަރު އަހަރުގެ ތެރޭގައި ތަންފީޒު ކުރެވިގެންދާތަން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުންގެ ހިދުމަތްތައް ލާމަރުކަޒު ކުރާނީ ރައްޔިތުންނާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ގުޅިގެން އެ އެންމެންގެ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ އެ މަސައްކަތުގެ ދަށުން މިހާރު ފުލުހުން މާލެ އިން ކޮންޓްރޯލް ކުރަމުން އަންނަ ވަރަށް ގިނަ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު އަތޮޅުތަކުގައި ތިބި ރީޖަނަލް ކޮމާންޑުތަކަށް ދޫކޮށްލާނެ ކަމަށެވެ. މި ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ފުލުހުން ހިދުމަތް ދިނުމުގައި ލާމަރުކަޒީ ނިޒާމެއް ގެންގުޅޭ ނަމޫނާ އިދާރާއަކަށް ފުލުހުން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި، ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭންގައި ވަނީ މައިގަނޑު ފަސް ކަމަކަށް ހާއްސަ އިސްކަމެއްދޭން ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

• ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުން.

• ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކުރުން.

• ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފިޒިކަލް އިންފްރާސްޓްރަކްޗާ އާއި ޓެކްނޮލޮޖީ އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކުރުން.

• ފުލުހުންގެ އެތެރޭގެ ޑިޕާޓްމަންޓްތަކާއި ސިސްޓަމްތަކާއި ޕްރޮސެސްތަކާއި ގަވާއިދުތަކާއި ޕޮލިސީ އަދި ޕްރޮސީޖާތައް ރިވިއުކޮށް އިސްލާހުތައް ގެނައުން.

• ފުލުހުންނަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ހިދުމަތެއް ދޭ އިދާރާއަކަށް ހަދައި، ފުރިހަމަ އަށް ޖަވާބުދާރީ ވެވޭ ވަރުގެ ތަނަކަށް ހެދުން.