Roadha Mihaaru
ސްޕެއިން، ނޯވޭ، އަޔަލަންޑު ފަލަސްތީނު ބަލައިގެންފި

"މިއީ އިންސާފު"، ސްޕެއިން އާއި ނޯވޭ އަދި އަޔަލަންޑުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި

28 މެއި 2024

ޔޫއަޕިއަން ޔޫނިއަން (އީޔޫ) ގެ އިއްތިހާދުގައި ހިމެނޭ ސްޕެއިން އާއި ނޯވޭ އަދި އަޔަލަންޑުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފި އެވެ.

ޔޫއަޕިއަން ޔޫނިއަން (އީޔޫ) ގެ އިއްތިހާދުގައި ހިމެނޭ ސްޕެއިން އާއި ނޯވޭ އަދި އަޔަލަންޑުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފި އެވެ.

މިކަމުގެ ސަބަބުން ފަލަސްތީނުގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށާއި، ޔޫރަޕުގެ އެހެން ގައުމުތަކުން ފަލަސްތީނު ބަލައިގަތުމަށް އިތުރު ބާރަކަށް ވާނެ ކަމަށް އެ ތިން ގައުމުން ވެސް ވަނީ ބުނެފަ އެވެ.

"ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ، ފަލަސްތީނުގެ ރައްޔިތުންނަށް ހައްގުވާ އިންސާފު،" ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއެލް އަލްބަރެސް އިއްޔެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ވެސް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއީ ޓެރަރިސްޓު ހަރަކާތްތަކަށް ދޭ "ހަދިޔާއެއް"ގެ ގޮތުގައި ސިފަކޮށްފަ އެވެ.

އިޒްރޭލުން ވަނީ ނޯވޭ، ސްޕެއިން އަދި އަޔަލަންޑަށް ކަނޑައަޅާފައިވާ ސަފީރުން "ކުއްލި މަޝްވަރާ" އަށް އަނބުރާ ގެންނަން ނިންމައިފަ އެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަން އިޒްރޭލުގައި ތިއްބެވި އެ ތިން ގައުމުގެ ސަފީރުން ވެސް ވަނީ ހާޒިރުކޮށްފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ޝަހީދުކޮށްލާފައިވާ އިރު، ފަލަސްތީނަށް ވަކި ދައުލަތެއް ދިނުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުގެ ވިސްނުން ވަނީ ބަދަލުވާން ފަށައިފަ އެވެ.

މި ފަހުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމި ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ސްލޮވީނިއާ ވެސް ހިމެނެ އެވެ.

އެކަމަކު ޔޫރަޕުގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނާއި ފްރާންސް ދަނީ ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދަމުންނެވެ. އެ ދެ ގައުމުން ގަބޫލުކުރާ ގޮތުގައި، ފަލަސްތީނަށް ވަކި ދައުލަތެއްގެ ދަރަޖަ ދެވޭނީ، އިޒްރޭލާ އެކު ގާއިމުކުރެވޭ ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގަ އެވެ.

އދ. ގައި ހިމެނޭ 193 ގައުމުތަކުގެ ތެރެއިން މިހާތަނަށް 137 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަމަށް ޕަލަސްތީނިއަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.