Roadha Mihaaru
ޔޫރަޕްގެ އިތުރު 3 ގައުމަކުން ފަލަސްތީނު ބަލައިގަންނަނީ

ޔޫރަޕްގެ އިތުރު ތިން ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ

11 މެއި 2024

ސްޕެއިން ހިމެނޭ ގޮތަށް ޔޫރަޕްގެ އިތުރު ތިން ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި އެވެ.

ސްޕެއިން ހިމެނޭ ގޮތަށް ޔޫރަޕްގެ އިތުރު ތިން ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ސްޕެނިޝް ރޭޑިއޯ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހު ސްޕެއިނާ އެކު، އަޔަލަންޑް އަދި ސްލޮވީނިއާ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށެވެ.

ސްލޮވީނިއާގެ ސަރުކާރުން ބުނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށްޓަކައި ގަރާރެއް ފާސްކޮށް، އަންނަ ޖޫން މަހުގެ މެދެއްހާ ތަނުގައި ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

"މީގެ ފަހަތުން ޔޫރަޕްގެ އިތުރު ގައުމުތައް ވެސް މި ކަން [ފަލަސްތީނުގެ ދައުލަތް] ބަލައިގަތުން ގާތް. އެއީ ބެލްޖިއަމް ވެސް ވަނީ އެ ކަން ކުރުމަށް ނިންމާފައި،" ބޮރެލް ވިދާޅުވި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ޝަހީދުކޮށްލާފައިވާ އިރު، ފަލަސްތީނަށް ވަކި ދައުލަތެއް ދިނުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުގެ ވިސްނުން ވަނީ ބަދަލުވާން ފަށައިފަ އެވެ.

އެކަމަކު ޔޫރަޕުގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނާއި ފްރާންސް ދަނީ ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދަމުންނެވެ. އެ ދެ ގައުމުން ގަބޫލުކުރާ ގޮތުގައި، ފަލަސްތީނަށް ވަކި ދައުލަތެއްގެ ދަރަޖަ ދެވޭނީ، އިޒްރޭލާ އެކު ގާއިމުކުރެވޭ ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި އެވެ.

އދ. ގައި ހިމެނޭ 193 ގައުމުތަކުގެ ތެރެއިން މިހާތަނަށް 137 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަމަށް ޕަލަސްތީނިއަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.